Roadha Mihaaru
ތާވަލާ އެއްގޮތަށް ދިވެހި އިމްތިހާނު އޮންނާނެ: ޑީޕީއީ

ދަރިވަރުންނަށް ކަރުދާސް ނުފެންނާތީ ތާވަލާ އެއްގޮތަށް ދިވެހި އިމްތިހާނު އޮންނާނެ: ޑީޕީއީ

07 މެއި 2021

އިސްލާމް މާއްދާގެ ކަރުދާހުގެ ބަދަލުގައި ދިވެހި ކަރުދާސް ދަރިވަރުންގެ މޭޒުމަތީގައި އޮޅިގެން ބޭއްވުނަސް އެއްވެސް ކުއްޖަކަށް އެ ސުވާލު ކަރުދާސް ނުފެންނާތީ، މިހާރު ތާވަލު ކޮށްފައިވާ ގޮތަށް ދިވެހި ކަރުދާސް 1 ގެ އިމްތިހާނު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްލާމް މާއްދާގެ ކަރުދާހުގެ ބަދަލުގައި ދިވެހި ކަރުދާސް ދަރިވަރުންގެ މޭޒުމަތީގައި އޮޅިގެން ބޭއްވުނަސް އެއްވެސް ކުއްޖަކަށް އެ ސުވާލު ކަރުދާސް ނުފެންނާތީ، މިހާރު ތާވަލު ކޮށްފައިވާ ގޮތަށް ދިވެހި ކަރުދާސް 1 ގެ އިމްތިހާނު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު ބުނެފި އެވެ.

މާލޭގެ ގާޒީ ސްކޫލުގައި ކުރިއަށް ގެންދިޔަ އެސްއެސްސީ އިމްތިހާނުގައި އިސްލާމް ކަރުދާސް 1 ގެ ބަދަލުގައި ދިވެހި ކަރުދާސް ކުދިންގެ މޭޒުމަތީގައި ބޭއްވުނު މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި އިމްތިހާނުގައި ދެ ކުއްޖެއްގެ މޭޒުމަތީގައި އިމްތިހާނު ކަރުދާސް ބޭއްވުމަށް ފަހު، ކުދިން، ސުވާލު ކަރުދާސް ކިޔުމުގެ ކުރިން އެކަން ފާހަގަވުމުން އެ ސުވާލު ކަރުދާސް ބަންދުކޮށް، "ރައްކާތެރި ކޮޓަރި" ގައި ރައްކާކޮށްފައިވާ ކަމަށް ކަމަށް ޑީޕީއީން ބުނެ އެވެ.

"އެ ދުވަހު ކަން ހިނގާދިޔަ ގޮތް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ބެލި ބެލުމުން އެއްވެސް ދަރިވަރަކަށް އަދި އިންވިޖިލޭޓަރަކަށް ވެސް ދިވެހި ކަރުދާސް 1 ގެ ސުވާލުތައް ފެނިފައި ނެތްކަން ކަށަވަރު ކުރެވޭތީ މިހާރު ވެސް ތާވަލު ކުރެވިފައިވާ ގޮތަށް ދިވެހި ކަރުދާސް 1، މެއި 8، 2021 ވާ ހޮނިހިރު ދުވަހު އޮންނާނެ ވާހަކަ ވެސް ދެންނެވީމެވެ،" ޑީޕީއީގެ ބަޔާނުގައި ބުންޏެވެ.

އެ އިމްތިހާނުގައި ބައިވެރިވި ކުއްޖެއްގެ ބެލެނިވެރިއަކު ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ބުނީ ނުބައި ކަރުދާހެއް ކުދިންނަށް ބަހައިލެވުނުކަން އިންވިޖިލޭޓަރުންނަށް އެނގުމުން 30 ވަރަކަށް ކުދިން އަތުން ކަރުދާސް އަތުލި ކަމަށެވެ. އޭރު ވަރަށް ގިނަ ކުދިން އެ ކަރުދާސް ބަލާފައިވާ ކަމަށް އޭނާގެ ޕޯސްޓުގައި ބުންޏެވެ.

"ދަރިވަރުން ކައިރީގައި ބުނީ މަޑުމަޑުން އިނުމަށް. އެކަމަށް ފިޔަވަޅުތައް އަޅާނެ ކަމަށް. މި ކަހަލަ ކަމެއް ދިމާވެއްޖެ ނަމަ އިމްތިހާނު ފަސްކުރުމަށް ފަހު އާ ޕޭޕަރެއް ހަދައި ކުދިންނަށް ދޭނެ ކަމަށް އޮތީ އަންގާފައި. އެހެންވެ މިހާ ހިސާބަށް އައިއިރު ވެސް އެއްވެސް އެއްޗެކޭ ނުބުނެ ހުރީ. ބެލެނިވެރިއެއްގެ ހައިސިއްޔަތުން މިކަމާ ވަރަށް ކަންބޮޑުވޭ،" އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި މިއީ އެހެން ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ވެސް އިންސާފެއް ނޫނެވެ..

"މިކަން ތަހުގީގު ކުރިއިރު އެގްޒަމިނޭޝަން ހޯލުގައި ތިބި މިކަން ވިޓްނެސް ކުރި ހުރިހާ ކުދިންގެ ބަސް ވެސް އަހާލުން ބުއްދިވެރި ކަމަށް ފެނޭ،" އަންހެން މީހާ ބުންޏެވެ.

ނަމަވެސް ޑީޕީއީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން މިކަން ދޮގުކުރައްވަ އެވެ. އޭނާ "މިހާރު" އަށް ވިދާޅުވީ ނުބައި ކަރުދާހެއް ދެވުނީ ދެ ދަރިވަރަކަށް ކަމަށާއި އެއިން އެއްވެސް ކުއްޖަކަށް ސުވާލު ކަރުދާސް ފެނިފައިނުވާ ކަމަށެވެ. މާދަމާ ދިވެހި އިމްތިހާނު ބާއްވަނީ އެ ހުރިހާ ކަމެއް ޔަގީންކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަން އެނގުމާއެކު އަޅުގަނޑުމެން ވަގުތުން ފިޔަވަޅު އެޅިން،" އިހުސާން ވިދާޅުވި އެވެ.