Roadha Mihaaru
"މިހާރު ގުރުއާން އެސެސްކުރާ ގުޅޭގޮތުން ލުއެއް ލިބޭނެ"

މިހާރު ގުރުއާން އެސެސްކުރާ ގޮތުން ދަރިވަރުންނަށް ބޮޑު ލުއެއް ލިބޭނެ: ޑީޕީއީ

23 ޑިސެމްބަރ 2019

އެސްއެސްސީ އިމްތިހާނުގައި ގުރުއާން އެސެސްކުރާ ގޮތަށް ގެނައި ބަދަލަކީ ދަރިވަރުންނަށް ބޮޑު ލުޔަކަށް ވާނެ ކަމެއް ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެސްއެސްސީ އިމްތިހާނުގައި ގުރުއާން އެސެސްކުރާ ގޮތަށް ގެނައި ބަދަލަކީ ދަރިވަރުންނަށް ބޮޑު ލުޔަކަށް ވާނެ ކަމެއް ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ރޭ ބުނެފި އެވެ.

"ރާއްޖެ ޓީވީ"ގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ޑީޕީއީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ހަސަން ލަބީބް ވިދާޅުވީ ގުރުއާން އެސެސްކުރާ ގޮތަށް ދަރިވަރުންނާއި ބެލެނިވެރިންގެ ބޮޑު ކަންބޮޑުވުމާއެކު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އަންނަ އަހަރު، ފުރަތަމަ ފަހަރަށް އެސްއެސްސީ އިމްތިހާނުގައި ގުރުއާން ހިމަނައި ދަރިވަރުންނަށް ކުއްލިއަކަށް ބޮޑެތި މަސައްކަތްތަކެއް ހަވާލުކުރުމުން ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއާއެކު، ދެ އެސައިމަންޓުގެ ބަދަލުގައި އެއް އެސައިމަންޓް ހުށަހަޅަންޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

މީގެ ކުރިން އެ އެސައިމަންޓުތައް ހަވާލުކުރަންޖެހޭ ތާރީހަކަށް ކަނޑައަޅާފައިވަނީ އަންނަ ފެބްރުއަރީ އާއި ޖޫން މަހެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ އޭޕްރީލް 19 ވަނަ ދުވަހަށް ހަމަޖައްސައިފަ އެވެ.

ގުރުއާން އެސެސްކުރާއިރު، އެސައިމަންޓުގެ އިތުރުން ގުރުއާންގެ އެކި އާޔަތްތަކުން ހިތުންނާއި ބަލައިގެން ސުވާލުކުރާނެ އެވެ.

ބަލައިގެން ގުރުއާން ކިޔެވުމަށް 40 ޕަސެންޓް، ހިތުން ކިޔެވުމަށް 20 އަދި އެސެސްމަންޓުތަކަށް ކަނޑައަޅާފައިވަނީ 40 ޕަސެންޓެވެ.

ލަބީބް ވިދާޅުވީ ބަލައިގެން ކިޔުން އޮންނާނީ ޒުމަރު ސޫރަތުން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށް ކަމަށެވެ. އެ މުގައްރިރްގެ ތެރެއިން ކުރާނީ ދެ ސުވާލު ކަމަށާއި އެ ސުވާލުކުރާއިރު ވެސް ސޫރަތް ނިމޭ ހިސާބަކުން ނުކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި ފަސް ފޮޮޅުވަތަށްވުރެ ގިނައިން ކިޔަން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ހިތުން ކިއުމުގައި މީގެ ކުރިިން ހަމަޖައްސާފައި އޮތީ މުއްދަސިރް ސޫރަތުުން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށް ސުވާލުކުރުމަށް ނަމަވެސް މިހާރު ހިތުން އެސެސްކުރާނީ ވައްޟުހާއިން ދަށުގެ ސޫރަތްތައް ކަމަށް ވިދާޅުވި އެވެ.

"އެއީ ލިބިގެންދިޔަ ވަރަށް ބޮޑު ލުއެއް ކުދިންނަށް އަދި ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަރުވާއެއް. ގްރޭޑު 9 ފެށުނުއިރު ވެސް އެބައިން ވަރަށް ރަގަޅަށް ކިހިނެއްކަން ކޮން ގޮތަކަށްކަން އެކަން ގެންދާނީ. މިއީ ހުރިހާ ސްކޫލުތަކަށް ލިބިފައި އޮތް އެއްޗެއް. މުގައްރަރާ އެއްގޮތަށް ހުރިހާ ކަމެއް އެ ދަނީ،" ލަބީބް ވިދާޅުވި އެވެ.

ދަރިވަރުން ހަދާ އެސައިމަންޓުތަކާ ގުޅޭގޮތުން ލަބީބް ވިދާޅުވީ ޕްރޮޖެކްޓުތަކުގައި ދަރިވަރުން ލިޔަނީ މަޒުމޫން ކަމަށެވެ. ތަފާތަކީ ދަރިވަރުން ހަދާ އެސައިމަންޓުތަކުގައި ހަވާލާދޭންޖެހުންކަން ފާހަގަކުރެއްވި އެވެ.

ޑީޕީއީގެ އެގްޒާމިނާ އަހުމަދު ސާމިރު ވިިދާޅުވީ އެސައިމަންޓުތަކުގެ ގައިޑްލައިނެއް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ސްކޫލުތަކަށް ފޮނުވާފައިވާނެ ކަމަށެވެ. އެ އެސައިމަންޓުތައް ހަދާއިރު ދަރިވަރުންނަށް ޓީޗަރުގެ 60 ޕަސެންޓް އެހީތެރިކަން ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭނެ ކަމަށާއި އެއީ ދަރިވަރުންނަށް ލިބޭނެ ބޮޑު އެހީއެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުރުއާން ކިޔަވާއިރު މާކްސް ދޭނެ އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކިޔެވުން މޮނީޓާކުރެވޭނެ ގޮތެއް ހަމަޖައްސަން ޖެހޭނެ ކަމަށާއި އެއީ ގުރުއާން ރެކޯޑުކުރުން ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ބައެއް އިމްތިޚާނުތަކުގައި ވެސް ވީޑިއޯކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ސާމިރު ވިދާޅުވި ދަރިވަރުންގެ އެސައިމަންޓަށް ދީފައިވާ މާކްސް ކަށަވަރުކުރަން ތިން މަރުހަލާއެއް އޮންނާނެ ކަމަށެވެ. އެންމެ ފުރަތަމަ، އެ ކިޔަވައިދޭ ޓީޗަރު އެސައިމަންޓުތައް މާކް ކުރުމަށްފަހު ދެ ވަނައަށް އެ އެސައިމަންޓުތައް ބަލާނީ ސްކޫލުން ކަނޑައަޅާ ޓީޗަރުންގެ ޓީމަކުންނެވެ. އެއަށްފަހު އެ ޓީޗަރުން މާކްސް ދީފައިވަނީ ރަނގަޅަށްތޯ ޑީޕީއީ އިން ބަލާނެ ކަމަށް ވިދާޅުވި އެވެ.