Roadha Mihaaru
ޓީޗަރުންނަށް މި މަހު ޓެބްލެޓް ދޫކުރާނެ: އެޑިއުކޭޝަން

ޓީޗަރުންނަށް މި މަހު ޓެބްލެޓް ދޫކުރަން ފަަށާނަން: އެޑިއުކޭޝަން

23 އެޕްރީލް 2018

މި މަހުގެ ތެރޭގައި ޓީޗަރުންނަށް ޓެބްލެޓް ދޫކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި މަހުގެ ތެރޭގައި ޓީޗަރުންނަށް ޓެބްލެޓް ދޫކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައި ކުރުމުގެ މަސައްކަތް ދިރާގުން ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް އަންނަ މަހުގެ ހަތެއްގެ ކުރިން ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވި ގޮތުގައި، ޓީޗަރުންނަށް ޓެބްލެޓް ދިނުމަށް ފަހު އެ ބޭނުން ކުރާނެ ގޮތާއި ކިޔަވައިދޭނެ ގޮތްތަކަށް އަހުލުވެރި ކުރުވާނެ އެވެ.

އޭނާ ވިދާޅުވީ، ދަރިވަރުންނަށް ޓެބްލެޓް ދޫކުރާނީ އަންނަ މަހު ކަމަށެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއް މި އަހަރު ޑިޖިޓައިޒް ކުރަން ނިންމައިފަ އެވެ. އެ މަޝްރޫއަށް 154 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، ސްކޫލުތަކަށް ބޭނުންވާ 70،000 އަށް ވުރެ ގިނަ ޓެބްލެޓް މިހާރު ވަނީ ހޯދައިފަ އެވެ.

ސްކޫލުތަކުގައި އަންނަ މަހު ޓެބްލެޓް ބޭނުން ކުރަން ފެށި ކަމުގައި ވިޔަސް އެޑިއުކޭޝަނުން ނިންމާފައި ވަނީ ދެ ވަނަ ޓާމުން ފެށިގެން ރަސްމީކޮށް ޓެބްލެޓް ބޭނުން ކުރުމަށެވެ.

"އެކަމަށް އަހުލުވެރިވުމުގެ ގޮތުން ޓެބްލެޓް ބޭނުން ކުރަން ފަށާނެ ދަރިވަރުން ވެސް. އެކަމަކު ކުރިން ވެސް ނިންމާފައި ވަނީ، ރަސްމީކޮށް ޓެބްލެޓް ބޭނުން ކުރާނީ ދެ ވަނަ ޓާމުން ފެށިގެން ކަމަށް،" ޝަފީއު ވިދާޅުވި އެވެ.

ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭން ނިންމާފައި ވަނީ ވާވޭ ބްރޭންޑުގެ ޓެބްލެޓެވެ.