Roadha Mihaaru
ދަރިވަރުންނަށް ދޭނީ ވާވޭ ބްރޭންޑުގެ ޓެބްލެޓް

ދަރިވަރުންނަށް ދޭނީ ވާވޭ ބްރޭންޑުގެ ޓެބްލެޓް

29 މާޗް 2018

ސްކޫލުތައް ޑިޖިޓައިޒްކޮށް ދަރިވަރުންނަށް ދޭން ހަމަޖައްސާފައިވަނީ ވާވޭ ބްރޭންޑުގެ ޓެބްލެޓް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލުތައް ޑިޖިޓައިޒްކޮށް ދަރިވަރުންނަށް ދޭން ހަމަޖައްސާފައިވަނީ ވާވޭ ބްރޭންޑުގެ ޓެބްލެޓް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، ދަރިވަރުންނާއި ޓީޗަރުންނަށް ދޭނީ ޑިޖިޓައިޒްކުރުމުގެ މަގުސަދުތައް ހާސިލްވާނެ ފަދަ ޓެބްލެޓެއް ކަމަށެވެ. އެގޮތުން ދެ ވަނަ ޓާމުން ފެށިގެން ބޭނުންކުރާނީ، ވާވޭގެ މީޑިއާޕެޑް ޓީ3 ޓެބްލެޓް ކަމަށް ޝަފީއު ވިދާޅުވި އެވެ.

މީޑިއާޕެޑް ޓީ3 ޓެބްލެޓްގައި އިންނަނީ އެޗްޑީ ސްކްރީނެކެވެ. އޭގެ ސްކްރީން ސައިޒަކީ 8 އިންޗި އެވެ. ސްޓޮރޭޖް ކެޕޭސިޓީ އަކީ 16 ޖީބީ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ބޭނުންކުރާނެ ޓެބްލެޓް ގަންނަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ މެކްސްކޮމް ކުންފުންޏާ އެވެ. އެގޮތުން 70،000 އަށްވުރެ ގިނަ ޓެބްލެޓް ގެންނައިރު، އޭގެ ތެރެއިން ބައެއް އެއްޗެހި މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ.

ޝަފީއު ވިދާޅުވީ ޑިޖިޓައިޒް ކުރަން ސްކޫލުތަކަށް އިންޓަނެޓް ގުޅުމުގެ މަސައްކަތް ވެސް ދިރާގުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޓެބްލެޓް ބޭނުންކޮށް ސްކޫލުތައް ޑިޖިޓައިޒްކުރުމުގެ މަޝްރޫއަށް ސަރުކާރުން ވަނީ 154 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ.

ފޮތްތަކާއެކު މި އަހަރުގެ ތެރޭގައި ޓެބްލެޓް ބޭނުން ކުރަން ފަށާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.