Roadha Mihaaru
ޕޭރެންޓް ކާޑު ނެތި ދެން ސްކޫލްތަކަކަށް ނުވަދެވޭނެ

ޕޭރެންޓް ކާޑު ނެތި ދެން ސްކޫލްތަކަކަށް ނުވަދެވޭނެ: އެޑިޔުކޭޝަން

18 ޖެނުއަރީ 2018

އެއްވެސް ބެލެނިވެރިއަކަށް މީގެ ފަހުން ޕޭރެންޓް ކާޑު ނެތި ސްކޫލް ތެރެ އަށް ނުވަދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެއްވެސް ބެލެނިވެރިއަކަށް މީގެ ފަހުން ޕޭރެންޓް ކާޑު ނެތި ސްކޫލް ތެރެ އަށް ނުވަދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މި ގޮތަށް މި ނިންމީ، މިދިޔަ އަންގާރަ ދުވަހު ތާޖުއްދީން ސްކޫލް ތެރެއަށް ދެ މީހަކު ވަދެގަނެ އެ ސްކޫލްގެ ފިރިހެން ދަރިވަރެއްގެ ބޮލަށް ކަތުރެއް ހަރާލައި، އަދި ދަރުމަވަންތަ ސްކޫލްގެ ފިރިހެން ދަރިވަރަކު ސްކޫލް ނިމިގެން އިއްޔެ ގެއަށް ދަނިކޮށް މަގުމަތިން ބަޔަކު ދިމާކޮށް ވަޅި ހަރައި ޒަޚަމް ކޮށްލާފައި ވަނިކޮށެވެ.

އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ޕޭރެންޓް ކާޑަކީ މިދިޔަ އަހަރުން ފެށިގެން ސްކޫލުތަކުގައި ތައާރަފުކޮށްފައިވާ އެއްޗެއް ކަމަށެވެ. އޭރު ކާޑު ނެތް ކަމުގައި ވިއަސް، ދަރިވަރު ބަލައި އަންނަ މީހަކީ ބެލެނިވެރިއެއްކަން ޓީޗަރަށް ޔަގީންވުމުން އެ ބެލެނިވެރިއަކާ ދަރިވަރު ހަވާލު ކުރެ އެވެ.

ނަމަވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން، ދަރިވަރު ބަލައި އަންނަ އިރު، ޕޭރެންޓް ކާޑު ނެތް ނަމަ ސްކޫލްގެ ތެރެއަށް ނުވަދެވޭނެ ކަމަށާއި އެ މީހަކާ ދަރިވަރު ހަވާލު ވެސް ނުކުރާނެ ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ. މިއީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށް ޝަފީއު ވިދާޅުވި އެވެ.

"މިދިޔަ އަހަރު، ދަރިވަރުގެ ފޮޓޯ ޖެހި ޕޭރެންޓް ކާޑެއް ދޫކޮށްފައިވާނީ. އޭރު ވެސް ބުނެފައިވަނީ ދަރިވަރު ބަލައި އަންނަ އިރު ކާޑު ގެނައުމަށް. ނަމަވެސް ކާޑު ނެތަސް، އެއީ ދަރިވަރުގެ ބެލެނިވެރިޔާކަން ޓީޗަރަށް ޔަގީންވުމުން، އެ ދަރިވަރަކު ދޫކުރާނެ. އަންނަ ހަފުތާ އިން ފެށިގެން ދަރިވަރު ދޫކުރާނީ ޕޭރެންޓް ކާޑު އޮންނަ މީހުންނަށް،" ޝަފީއު ވިދާޅުވި އެވެ.

"ފުރަތަމަ ދުވަސްކޮޅު އުނދަގޫ ކަމަކަށް ވިއަސް އެކަން އާދައަކަށް ހަދަންޖެހޭނެ،"

ދަރިވަރު ބަލައި އަންނައިރު ކާޑު އޮތްތޯ، ސްކޫލުގެ ގޭޓު ކައިރިން ބަލާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.