Roadha Mihaaru

ހައި އެޗީވާސް އަދި ރައީސްގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް އަދި ރައީސްގެ ހާއްސަ ސްކޮލަޝިޕަށް ހޮވުނު ދަރިވަރުން ބޭނުން ދާއިރާއަކުން ކޯސް ކުރިއަށް ގެންދަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސްގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

04 ޖުލައި 2025

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް އަދި ރައީސްގެ ހާއްސަ ސްކޮލަޝިޕަށް ހޮވުނު ދަރިވަރުން ބޭނުން ދާއިރާއަކުން ކޯސް ކުރިއަށް ގެންދަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސްގެ ހާއްސަ ސްކޮލާޝިޕަކީ ބޭނުން ގައުމަކުން ބޭނުން ދާއިރާއަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭ ސްކޮލަޝިޕެކެވެ.

އެ ސްކޮލަޝިޕް ލިބޭނީ 2024 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން އިސްލާމާއި ދިވެހި މާއްދާ ހިމެނޭ ގޮތަށް މަދުވެގެން ފަސް މާއްދާ އިން އޭ ސްޓާ ހޯދާފައިވާ އަދި އޯލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސި މާއްދާއިން ސީ ފާހަށް ވުރެ މަތީ ފާހެއް ހޯދާފައިވާ ދަރިވަރުންނަށެވެ.

ހައި އެޗީވާސް ސްކޮލަޝިޕް ދެނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ނެޝަނަލް ޓްރެއިނިން ނީޑްސް ލިސްޓު"ގައި ހިމެނޭ ދާއިރާތަކުންނެވެ.

އެ ސްކޮލަޝިޕަކީ މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން އޭ ލެވެލް ނުވަތަ އޭލެވެލް އާ އެއް ފެންވަރެއްގެ އިމްތިހާނަކުން ތިން މާއްދާ އިން އޭ ހާސިލުކުރުމާ އެކު ދިވެހި އަދި އިސްލާމް މާއްދާ އިން އޭ ހާސިލުކުރުމުން ދޭ ސްކޮލަޝިޕެކެވެ. އަދި ދިވެހި އިސްލާމް މާއްދާ ހިމެނޭ ގޮތަށް އޭ ހޯދުމާ އެކު ޝަހާދާ ސާނަވިއްޔާ ސަނަދުން ހުރިހާ މައްދާއެއްގެ ފައިނަލް އެވްރެޖުގައި އޭ ފާހެއް ލިބުމުންނެވެ.

ހައި އެޗީވާސް ސްކޮލަޝިޕްތަކުގައި ކިޔަވޭނީ ރާއްޖެ ހިމެނޭހެން ސާކްގެ ގައުމުތަކާއި މެލޭޝިއާ އާއިި ތައިލޭންޑާއި ފިލިޕީންސާއި ޗައިނާގެ އިތުރުން އޯއީސީޑީގެ ގައުމުތަކުންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރައީސް ދޭ ހާއްސަ ސްކޮލާޝިޕް ލިބޭ ކަމަށް އެ މިނިސްޓްރީން ކަނޑައަޅައި ލިޔުން ދޫކޮށްފައިވާ ދަރިވަރުން ސްކޮލާޝިޕްގައި ކިޔެވުން ފުރިހަމަކުރުމަށް ސްކޮލާޝިޕްގެ އުސޫލުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކުރުމަށް އެދި މިހާރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ލިޔުންތަކާ އެކު ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އުސޫލުގައިވާ ގޮތަށް 18 މަސް ދުވަހުގެ ތެރޭގައި ކިޔެވުން ފެށުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަން ޖެހޭތީ އެވެ.

ރައީސްގެ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލާން ޖެހެނީ މިނިސްޓްރީގެ "މައި އެޑޫ" ޕޯޓަލް އިން މި އަންނަ ސެޕްޓެމްބަރު 30ގެ ކުރިންނެވެ.

މިިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދޭން ބޭއްވި ހަފުލާގައި ވަނީ މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުގައި އެއްވަނަ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް 11 ދަރިވަރަކަށާއި ހައި އެޗީވާސް ސްކޮލާޝިޕް 87 ދަރިވަރަކަށް ދީފަ އެވެ.

މިހާރު ހުޅުވާލަފައި އެވަނީ އެ ކުދިން ބޭނުންވާ ދާއިރާތަކުން ކިޔަވަން ކުރިމަތިލާށެވެ.

ރައީސްގެ ސްކޮލާޝިޕަށް ހޮވުނީ ސީއެޗްއެސްއީގެ ހަ ދަރިވަރަކާއި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކާއި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރަކާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރެއްގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ދަރިވަރެކެވެ.

2023 ވަނަ އަހަރު ރައީސްގެ ސްކޮލަޝިޕް މާލޭ ސްކޫލުތަކުގެ 19 ދަރިވަރަކަށް ލިބުނެވެ.