Roadha Mihaaru

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ޖަމާކުރުން ލަސްވުމާއި ޖަވާބު ނުދޭ މައްސަލަ ހައްލުކުރާނަން: ރައީސް

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ޖަމާކުރުމައި ދިމާވާ ލަސްތަކާއި އެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް މިނިސްޓްރީން ޖަވާބު ނުދޭ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ބޭރުގައި ތިބޭ ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލުކުރަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

05 އެޕްރީލް 2025

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ޖަމާކުރުމައި ދިމާވާ ލަސްތަކާއި އެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް މިނިސްޓްރީން ޖަވާބު ނުދޭ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ސްކޮލަޝިޕުގައި ކިޔަވަން ގޮސްފައި ތިބި ކުދިން އަދި ލޯނުގައި ކިޔަވާ ކުދިންގެ ޓިއުޝަން ފީ ދެއްކުމުގައި ދިމާވި މައްސަލަތައް ހައްލުކުރަން މިދިޔަ ދުވަސްތަކުގައި ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާއިރު ފައިސާ ލިބުން ލަސްވުމުން ދިމާވާ ދަތިތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް، ޑިގްރީ އިން އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް އިނގިރޭސިވިލާތުގައި 12 އަހަރު ހޭދަކުރެއްވި ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކޮންމެ ގައުމެއްގައި ހުރެގެން ކިޔެވިއަސް އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނަށް އެންމެ ގިނައިން ލިބިފައި ހުރީ ދަރިވަރުން ކޮށްފައި ހުރި އީ-މެއިލަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ޖަވާބުދިނުން ލަސްވުމުގެ މައްސަލަތައް ކަމަށެވެ. އެ ކަންކަން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވިދާޅުވި އެވެ.

"ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކެއް. އެކަން އިރާދަކުރެއްވިއްޔާ ރަނގަޅުކޮށް އެފިޝަންޓުކޮށްދީ އިރާދަކުރެއްވިއްޔާ ގެނެސްދޭނަނަން. އަވަސްކޮށް ޖަވާބުދިނުމާއި އޮންޓައިމް އެ ލިބެންޖެހޭ ފައިސާ ޖަމާކޮށްދިނުމުގެ ކަންކަން، މިކަންކަން ރަނގަޅުކޮށްދިނުމުގެ ކަންކަން ކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ އިނގިރޭސިވިލާތުގައި ދިރިއުޅޭ ދަރިވަރުން ބޭނުންކުރަމުން ދިޔަ އިމާރާތް، ނަންބަރު 9 ރޯޒްމޮންޓް އެވެނިއު އަލުން މޯލްޑިވްސް ސްޓޫޑެންޓްސް އެސޯސިއޭޝަން-ޔޫކޭ (އެމްއެސްއޭ) އާ ހަވާލުކުރިކަން އިއުލާނުކުރައްވައިފަ އެވެ.

ޒަމާނުއްސުރެ ވެސް އެ ތަން ބަލަހައްޓަމުން ދިޔައީ ދަރިވަރުންގެ ޖަމިއްޔާއިންނެވެ. އޭގެ ތެރެއިން، ދިވެހި ދަރިވަރުން އިނގިރޭސިވިލާތުގައި ހެޔޮ އަގެއްގައި ތިބުމާއި ޖަމިއްޔާގެ އެއްވުންތައް ފަދަ ކަންކަމަށް ބޭނުންކުރި އެވެ އެކަމަކު، ރާއްޖޭގެ ހައި-ކޮމިޝަންގެ ބޭނުމަށް ވަކި ހިސާބަކުން އެ އިމާރާތް ނެގީ އެވެ.

ރައީސް ވިދާޅުވީ އެ ޖަމިއްޔާގެ ޗެއާޕާސަނަކަށް އެ މަނިކުފާނު 2007 ވަނަ އަހަރު ހުންނެވިއިރު އަދި އޭގެ ފަހުން ވެސް މުހިއްމު ގިނަ ކަންކަމަށް އެ އިމާރާތް ބޭނުންކުރި ކަމަށެވެ.

ސަރުކާރުން ވަނީ މީގެ އަހަރުތަކެއް ކުރިން އަމަލުކުރި ގޮތަށް، ދަރިވަރުންގެ ޖަމިއްޔާއަށް މާލީ އެހީތެރިކަން ދޭން ވެސް އަލުން ފަށައިފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބީއެމްއެލްގައި ހުޅުވާފައިވާ އެމްއެސްއޭގެ އެކައުންޓަށް ދެން ކޮންމެ އަހަރަކު ވެސް 2،000 ޕައުންޑަށް ވާ ވަރަށް ޑޮލަރު ޖަމާކޮށްދޭނެ ކަމަށެވެ.

މި ހަފުތާގެ ތެރޭގައި ވަނީ މި އަހަރަށް ހަމަޖައްސާފައިވާ ފައިސާ ޖަމާކޮށްދީފަ އެވެ. އެ ޖަމިއްޔާއިން ހިންގާ ކަންކަމަށް އޭގެ ބޭނުން ހިފޭނެކަން ފާހަގަކުރެއްވި އެވެ.