Roadha Mihaaru
މަތީ ތައުލީމްގެ ބިލު: ތުހުމަތާއި ތައުރީފް ގާސިމަށް!

މަތީ ތައުލީމްގެ ބިލު: ތުހުމަތާއި ތައުރީފު ގާސިމަށް!

09 ޖުލައި 2024

ރާއްޖޭގައި ހިންގާ ކޮލެޖުތަކަށް، ޔުނިވާސިޓީގެ ދަރަޖަ ދިނުމުގެ ޝަރުތު ލުއިވާ ގޮތަށް މަތީ ތައުލީމްގެ ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ބައެއް މެންބަރުން ނުސީދާ ތުހުމަތުތަކެއް މިއަދު ކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި ހިންގާ ކޮލެޖުތަކަށް، ޔުނިވާސިޓީގެ ދަރަޖަ ދިނުމުގެ ޝަރުތު ލުއިވާ ގޮތަށް މަތީ ތައުލީމްގެ ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ބައެއް މެންބަރުން ނުސީދާ ތުހުމަތުތަކެއް މިއަދު ކުރައްވައިފި އެވެ.

މާފަންނު އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހެޅުއްވި އެ އިސްލާހުގައި މައިގަނޑު ގޮތެއްގައި ބުނަނީ ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގަމުން އަންނަތާ 15 އަހަރުވެފައިވާ ނަމަ ޔުނިވާސިޓީއެއްގެ ދަރަޖަ އަށް ބަދަލު ކުރެވޭނެ އެވެ.

އެ ގާނޫނުގައި މިހާރު އޮންނަނީ 20 އަހަރު ވާން ޖެހޭ ގޮތަށެވެ.

އެ ބިލަށް ބަހުސް ކުރެއްވި އިދިކޮޅު މެންބަރުން ނުސީދާ ގޮތެއްގައި ތުހުމަތު ކުރެއްވީ އެއީ ވިލާ ކުންފުނީގެ ވެރިޔާ ގާސިމްގެ އިސްލާހެއް ކަމަށެވެ. އެއީ އެ އިސްލާހު ފާސްވުމާ އެކު، ވިލާ ކޮލެޖު، ޔުނިވާސިޓީއަކަށް ބަދަލު ވެގެން ދިޔުން ކަމަށް ބައެއް މެންބަރުން ތުހުމަތު ކުރެއްވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް: -- ފޮޓޯ: މަޖިލިސް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް: -- ފޮޓޯ: މަޖިލިސް

އެކަމާ ގުޅިގެން ވާހަކަ ދެއްކެވި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ މިއީ ގާނޫނަށް ގެނައި އިސްލާހަކަށް ވުރެ ބޮޑަށް ވައްތަރީ "ވަކި ބޭފުޅަކަށް ފަހާފައި އޮތް ކޯޓަކާ" ކަމަށެވެ.

ކުރީގެ މަޖިލީހުން މުއްދަތު ކުރު ނުކޮށް އޮތީ ޔުނިވާސިޓީގެ ހައިބަތު ހިފެހެއްޓުމުގެ ގޮތުން ކަމަށާއި ދެ ތިން ފަހަރަކަށް މި އިސްލާހު ހުށަހެޅުމުން ވެސް މެންބަރުންގެ ވިސްނުން ހުރީ އެގޮތަށް ކަމަށް ޒިޔާދު ވިދާޅުވި އެވެ.

"މިއީ މި ބުނާހާ ބޮޑު އިސްލާހެއް ނޫން. މީގައި ހަމައެކަނި މަދީ ލޮކޭޝަނާއި ކުންފުނީގެ ނަން އެކަނި. އެހެން ހުރިހާ ކަމެއް މި ޝަރުތުތަކުގެ ތެރޭގައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ، މި ބިލު ފަރުމާކޮށް، މަޖިލީހަށް މިހާ އަވަހަށް ހުށަހެޅި އަވަސް ސްޕީޑުގައި މި ދަނީ ވަކިވަކި ފަރުދުންގެ ވިޔަފާރީގެ މަސްލަހަތު ކުރިއެރުވުމުގެ ނިޔަތުގައި ކަމަށެވެ.

"މިއީ ހަގީގަތުގައި ވެސް ވަރަށް ބޮޑަށް ހިތާމަ ކުރާކަމެއް،" އޭނާ ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ފަރާތުން ވާހަކަ ދެއްކެވި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ ވިދާޅުވީ މިއީ ވަކި ބޭފުޅަކަށް އަމާޒު ކޮށް ހަދާފައިވާ ބިލެއް ކަމަށް ބުނެ އެ އިޝާރަތް ކުރައްވަނީ ރާއްޖޭގެ ތައުލީމަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ގާސިމަށް ކަމަށެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު--ފޮޓޯ މަޖިލިސް

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު--ފޮޓޯ މަޖިލިސް

އެއީ ވިލާ ކޮލެޖު އުފެއްދުމުގެ ކުރިން ވެސް ރާއްޖެ އިން ބޭރަށް ދަރިވަރުން ފޮނުއްވައިގެން ކިޔަވައިދިން ބޭފުޅެއް ކަމަށާއި ގާސިމަށް އަމާޒުކޮށް ދެއްކެވި ވާހަކަ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

"މި ގޮތަށް ބަދަލު ގެނައުމުން މީގެ ފައިދާ އެތައް ދިވެހިންނަކަށް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް ގާސިމަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގާސިމް ވަނީ އޭނާގެ މުޅި އުމުރު ދުވަސް މަތީ ތައުލީމް ކުރިއަރުވަން މަސައްކަތް ކުރައްވައިފަ އެވެ.

އެހެންވެ ދައުލަތުގެ ފަރާތުން ޕްރައިވެޓް ސެކްޓާ އަށް ފައިދާވާ ގޮތަށް ކަންކަން ކުރަން ޖެހޭ ކަމަށާއި ކޮލެޖުތައް ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް ބިން ވެސް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ މިއީ ވަކި ބޭފުޅަކަށް ފަހައި ދޭ ކޯޓެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ނަމަވެސް ގައުމީ ޔުނިވާސިޓީއާ އެއްފަދައިން ވިލާ ކޮލެޖަށް ބަލާއިއިރު އެއީ ވެސް ރާއްޖޭގައި އިލްމީ ގިނަ ދަރިވަރުންތަކެއް އުފަން ކޮށްފައިވާ ކޮލެޖެއް ކަމަށެވެ.

"އެ މަނިކުފާނު [ގާސިމް] ވިލާ ކޮލެޖުން ރާއްޖޭގެ ދަރިންތަކަކަށް ޒަމާނުއްސުރެ ތައުލީމީ ހިދުމަތް ދިނުން އެއީ އެ މަނިކުފާނުގެ ކުށެއްގެ ގޮތުގައި އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

މި ބިލު ހުށަހެޅުއްވި ބޮޗޭ ވިދާޅުވި ގޮތުގައި ރާއްޖޭގެ ގިނަ ކޮލެޖުތައް ހުރީ ޔުނިވާސިޓީއެއްގެ މިންގަނޑަށް އައިސްފަ އެވެ.

އެގޮތުން އެވިޑް ކޮލެޖާއި ސައިރެކްސް ކޮލެޖާއި ކްލިކް ކޮލެޖު ވެސް އިސްލާހުގައި ބުނާ މުއްދަތު މި އަހަރު ހަމަވާނެ ކަމަށް ބޮޗޭ ވިދާޅުވި އެވެ.

"މިއަދު ރާއްޖޭގެ އެންމެ އިސް ސަފުގައި މަސައްކަތް ކުރަމުންދާ ޕްރައިވެޓް ކޮލެޖުތަކަކީ މި އަހަރުގެ ތެރޭގައި 15 އަހަރުގެ މުއްދަތު ފަހަނަ އަޅާދާނެ ކޮލެޖުތައް." އޭނާ ވިދާޅުވި އެވެ.

މަތީ ތައުލީމްގެ ގާނޫނަށް މި އިސްލާހު 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ވެސް ހުށަހެޅި އެވެ. އޭރު އޮތީ މުއްދަތު 10 އަހަރަށް ބަދަލު ކުރާ ގޮތަށް ހުށަހަޅާފައި އެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި އެ ބިލު ފާހެއް ނުވި އެވެ.