Roadha Mihaaru

ޔުނިވާސަލްގެ ހަރަދުގައި ފަސް ދާއިރާއަކުން ކިޔެވުމަށް 37 ފުރުސަތު

ރާއްޖޭގައި ޓޫރިޒަމް ވިޔަފާރީގައި އެންމެ މުއްސަނދި އެއް ކުންފުނި ޔުނިވާސަލްގެ ހަރަދުގައި ފަސް ދާއިރާއަކުން ކިޔެވުމަށް ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި އެވެ.

ޔުނިވާސަލް ހަރަދުގައި 5 ދާއިރާއިން ކިޔެވުމުގެ ފުރުސަތު
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

13 މެއި 2025

ރާއްޖޭގައި ޓޫރިޒަމް ވިޔަފާރީގައި އެންމެ މުއްސަނދި އެއް ކުންފުނި ޔުނިވާސަލްގެ ހަރަދުގައި ފަސް ދާއިރާއަކުން ކިޔެވުމަށް ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި އެވެ.

ޔުނިވާސަލް ކުންފުނީގެ ދަށުން ހިިންގާ ޔުނިވާސަލް ފައުންޑޭޝަންގެ ހަރަދުގައި މި އަހަރު ކިޔެވުމަށް ހުޅުވާލާފައި ވަނީ ސިއްހީ ދާއިރާގެ ހަތް ފުރުސަތާއި ޓޫރިޒަމް ދާއިރާގެ 30 ފުރުސަތެވެ.

ރާއްޖެ އިން ބޭރުގައި ސިއްހީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރުމަށް އެދޭ ދިވެހި ދަރިވަރުންނަށްދޭ ފުތުސަތުތަކަކީ ޔުނިވާސަލް ފައުންޑޭޝަނުން ވަރަށް ކުރީއްސުރެ ދެމުން އަންނަ ސްކޮލާޝިޕް ސްކީމެކެވެ.

1. މެޑިކަލް ސްޕެޝަލައިޒޭޝަން ސްކޮލާޝިޕް

ޕޯސްޓްގްރެޖުއޭޓް ތިން ފުރުސަތު ސިއްހީ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ދަރިވަރުންނަށް ހުޅުވާލާފައިވާއިރު، މި ސްކޮލާޝިޕުގައި ކިޔަވަންދާ ދިވެހި ޑޮކްޓަރުންނަށް ހާއްސަ މެޑިކަލް ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ދަރިވަރުން އެނބުރި އައިސް މަސައްކަތް ކުރަން ޖެހޭނީ ރާއްޖޭގައި ކަމަށް ޔުނިވާސަލް ފައުންޑޭޝަނުން ބުންޏެވެ.

2. ހެލްތު ކެއާ މެނޭޖްމަންޓް ސްކޮލާޝިޕް

މިއީ ކުރިމަގުގައި ސިއްހީ ދާއިރާގެ ލީޑަރުންނަށް ވާން ބޭނުންވާ މީހުންނަށް އަމާޒު ކޮށްގެން ހިންގާ ކޯހެކެވެ. މާސްޓާސް ފެންވަރުގެ ސްކޮލާޝިޕް ކޯހުގެ އަމާޒަކީ ސިއްހީ ނިޒާމު ރަނގަޅު ކުރުމަށް ބޭނުންވާ މެނޭޖަރިއަލް އަދި ލީޑާޝިޕް ހުނަރުތަކުން ޕްރޮފެޝަނަލުން ތަމްރީނުކުރުމެވެ.

މި ކޯހަށް ހުޅުވާލާފައި ވަނީ ދެ ޖާގަ އެވެ. މެލޭޝިއާ، އިންޑޮނޭޝިއާ، ތައިލޭންޑް، ނޭޕާލް، ފިލިޕީންސް، ބަނގްލަދޭޝް، އިންޑިއާ އަދި ސްރީ ލަންކާގައި ކިޔެވުމުގެ ފުރުސަތު ވެސް އެ ކޯހުގައި ލިބެ އެވެ.

3. އޮކިޔުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ސްކޮލާޝިޕް

މި ކޯހުގެ ބޭނުމަކީ ރާއްޖޭގެ އެކި ސިނާއަތްތަކުގައި މަސައްކަތުގެ މާހައުލުގެ ސިއްހަތާ ރައްކާތެރިކަމުގެ މިންގަނޑުތައް ރަނގަޅު ކުރުމަށް ގާބިލު ރައްކާތެރިކަމުގެ ޕްރޮފެޝަނެޝަނަލުން ތަމްރީނު ކުރުމެވެ.

މީ ކޯހުން ދެ ޖާގަ ދޭއިރު، މެލޭޝިއާ، އިންޑޮނޭޝިއާ، ތައިލޭންޑް، ނޭޕާލް، ފިލިޕީންސް، ބަނގްލަދޭޝް، އިންޑިއާ އަދި ލަންކާގައި ކިޔެވުމުގެ ފުރުސަތު ވެސް ލިބެ އެވެ.

4. ޑިސްކަވާ ހޮސްޕިޓަލިޓަލިޓީ

މިއީ ވިލާ ކޮލެޖާއި ޔުނިވާސަލް ރިސޯޓްސްއާ ގުޅިގެން ތައްޔާރު ކޮށްފައިވާ "ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ މެނޭޖްމަންޓް" އިންޓާންޝިޕް ޕްރޮގްރާމެކެވެ. ޓޫރިޒަމް ދާއިރާ އަށް ހާއްސަކޮށް ކުރިއަށް ގެންދާ އެ ކޯހުގައި ކްލާސްތައް ފުރިހަމަކުރާނީ ވިލާ ކޮލެޖުގަ އެވެ. އިންޓާންޝިޕް ފުރިހަމަކުރާނީ ޔުނިވާސަލް ރިސޯޓްސްގަ އެވެ.

އެ ކޯހުގައި ބައިވެރި ވުމަށް 20 ފުރުސަތު ހުޅުވާލާފައިވެ އެވެ.

5. ސެޓްފިކެޓް 3 އިން ކަލިނަރީ އާޓްސް ސްކޮލާޝިޕް

މި ސްކޮލާޝިޕް ފަރުމާކޮށްފައި ވަނީ ހުނަރުވެރި ރާއްޖޭގެ ކެއްކުންތެރިން ތަމްރީނު ކުރުމަށް ކަލިނަރީ އާޓްސްގެ ތަމްރީނެއް ދިނުމަށެވެ. ވިލާ ކޮލެޖާ ގުޅިގެން ތައްޔާރު ކޮށްފައިވާ އެ ޕްރޮގްރާމުގައި ހިލޭ ކިޔެވުމާއި އަމަލީ ތަޖުރިބާ ހިމެނޭނެ ކަމަށް ޔުނިވާސަލުން ބުންޏެވެ.

ޖުމްލަ 10 ފުރުސަތު ހުޅުވާލާފައިވާ އެ ސްކޮލާޝިޕްގައި ކްލާސްތައް ފުރިހަމަކުރާނީ ވިލާ ކޮލެޖުގަ އެވެ. އިންޓާންޝިޕް ފުރިހަމަކުރާނީ ޔުނިވާސަލް ރިސޯޓްސްގަ އެވެ. އެ ޕްރޮގްރާމް ފެށޭނީ މި އަހަރުގެ ސެޕްޓެމްބަރުގަ އެވެ.

ޔުނިވާސަލް އެންޓަޕްރައިޒަސްގެ ތާރީހުގައި މިދިޔަ 41 އަހަރުގެ ތެރޭގައި ދިވެހިންގެ ލާބަ އާއި މަންފާ އަށް ކޮށްފައިވާ ގިނަ މަސައްކަތްތައް މިހާރު ރަސްމީ ގޮތެއްގައި ކުރިއަށް ގެންދަނީ ޔުނިވާސަލް ފައުންޑޭޝަނުންނެވެ.

ޔުނިވާސަލް ފައުންޑޭޝަނުން ވަނީ 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިވެހި ދަރިވަރުންނަށް 100 އަށް ވުރެ ގިނަ ސްކޮލާޝިޕް ދީފަ އެވެ. އޭގެ ތެރެއިން ބައެއް ދަރިވަރުން މިހާރު ވެސް އަންނަނީ ރާއްޖެ އިން ބޭރުގައި ތައުލީމު ހާސިލް ކުރަމުން ކަމަށް ވެސް ބުންޏެވެ.

ސަރުކާރާއި އަމިއްލަ ޖަމިއްޔާ، ޖަމާއަތްތަކުން ރާއްޖޭގެ ތަރައްގީއަށާއި އިޖުތިމާއީ ކަންކަމަށާއި އެކިއެކި އެހީގެ ޕްރޮގްރާމް ރާވައި ހިންގުމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޔުނިވާސަލް ފައުންޑޭޝަންގެ އެހީތެރިކަން މިހާރު ވެސް ފޯރުކޮށްދެމުން އަންނަ ކަމަށް އެ ފައުންޑޭޝަނުން ބުނެފައި ވެ އެވެ.