Roadha Mihaaru
ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމުން މިފަހަރު 22 ކުދިން

ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމުން 22 ދަރިވަރަކު ދަސްވެނިވެއްޖެ

27 ޖޫން 2019

ޔުނިވާސަލް އެންޓަޕްރައިސެސް އާއި ވިލާ ކޮލެޖް ގުޅިގެން ކުރިއަށް ގެންދާ "ޑިސްކަވާ ހޮސްޕިޓަލިޓީ" ޕްރޮގްރާމުގެ ދަރިވަރުން ދަސްވެނިވިއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ޔުނިވާސަލް އެންޓަޕްރައިސެސް އާއި ވިލާ ކޮލެޖް ގުޅިގެން ކުރިއަށް ގެންދާ "ޑިސްކަވާ ހޮސްޕިޓަލިޓީ" ޕްރޮގްރާމުގެ ދަރިވަރުން ދަސްވެނިވިއްޖެ އެވެ.

ޓޫރިޒަމް ދާއިރާ އަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ މި ޕްރޮގްރާމު ފެށީ 2017 ވަނަ އަހަރު އެވެ. އެ އަހަރުގެ ޕްރޮގްރާމުގައި 15 ދަރިވަރަކު ބައިވެރިވި އިރު، 22 ދަރިވަރަކު މި އަހަރުގެ ޕްރޮގްރާމު ފުރިހަމަ ކުރި އެވެ.

ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމް ފުރިހަމަކުރި ބައެއް ދަރިވަރުން -- ފޮޓޯ: ވިލާ ކޮލެޖު

ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމް ފުރިހަމަކުރި ބައެއް ދަރިވަރުން -- ފޮޓޯ: ވިލާ ކޮލެޖު

ހޮޓެލް ޖެންގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ރަނގަޅަށް ހިދުމަތްދޭން ބޭނުން ނަމަ ދިވެހިން އެކަމަށް ތައްޔާރުކުރަން ޖެހޭ ކަމަށެވެ. އަދި މި ދާއިރާއަށް ދިވެހިން ތައްޔާރުކޮށް، ބިނާކުރަން ޔުނިވާސަލް އެންޓަޕްރައިސަސް އިން ކުރަމުން އަންނަ މަސައްކަތަށްޓަކައި އެތަނުގެ ޗެއާމަން މުހައްމަދު އުމަރު މަނިކަށް ޝުކުރު އަދާކުރެއްވި އެވެ.

މި އަހަރު ކުރިއަށް ގެންދަން ރާވާފައިވާ ކޯހުގައި ބައިވެރިވާން ހޮވިފައިވާ 34 ދަރިވަރަނުންނަށް ސްކޯލާޝިޕްތައް ވެސް މި ރަސްމިއްޔާތުގައި ހަވާލުކުރި އެވެ. ތިއަރީގެ 20 ޕަސެންޓާއި އަމަލީ މަސައްކަތުގެ 80 ޕަސެންޓު އޮންނަ ގޮތަށް ފަރުމާކޮށްފައިވާ މި ކޯސް ކުރިއަށްގެންދަނީ ވިލާ ކޮލެޖުގެ އިތުރުން ޔުނިވާސަލްގެ ރިޒޯޓުތަކުގަ އެވެ.

ކޯހުގައި ބައިވެރިވާ ދަރިވަރުންގެ ކިޔެވުމުގެ ހަރަދުތައް ކުރަނީ ޔުނިވާސަލް ފައުންޑޭޝަނުންނެވެ. މީގެ އިތުރުން އަމަލީ ތަމްރީން ހޯދަންދާ ރިސޯޓަކުން އެ ކުދިން މަސައްކަތްކުރަން ދާ މުއްދަތުގައި މަހަކު 3،000ރ. ދޭނެ އެވެ.

ސްކޫލު ނިންމާ ކުދިން ފަތުރުވެރިކަމުގެ ދާއިރާއަށް ތަމްރީންކުރަން ކުރިއަށް ގެންދާ މި ކޯހަކީ ޔުނިވާސަލް އެންޓަޕްރައިސަސްގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު ފުރިހަމަކޮށްފައިވާ ދަރިވަރުންގެ ތެރެއިން 80 ޕަސެންޓު ދަރިވަރުން މިހާރު އަންނަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރަމުން ކަމަށް ޔުނިވާސަލް އިން ބުންޏެވެ.