ދުނިޔޭގައި މަތީ ތައުލީމު ދޭ މަރުކަޒުތައް ރޭންކު ކުރާ އެންމެ އިތުބާރު ހުރި އެއް މުވައްސަސާ ކަމަށް ވާ ޓައިމްސް ހަޔާ އެޑިއުކޭޝަން (ޓީއެޗްއީ) އިމްޕެކްޓް ރޭޓިންގްސްއިން ރޭންކުކުރި ފުރަތަމަ ދިވެހި ތައުލީމީ މަރުކަޒުގެ ޝަރަފު ވިލާ ކޮލެޖުން ހޯދައިފި އެވެ.
19 ޖޫން 2025
ދުނިޔޭގައި މަތީ ތައުލީމު ދޭ މަރުކަޒުތައް ރޭންކު ކުރާ އެންމެ އިތުބާރު ހުރި އެއް މުވައްސަސާ ކަމަށް ވާ ޓައިމްސް ހަޔާ އެޑިއުކޭޝަން (ޓީއެޗްއީ) އިމްޕެކްޓް ރޭޓިންގްސްއިން ރޭންކުކުރި ފުރަތަމަ ދިވެހި ތައުލީމީ މަރުކަޒުގެ ޝަރަފު ވިލާ ކޮލެޖުން ހޯދައިފި އެވެ.
ވިލާ ކޮލެޖު ވަނީ ޓީއެޗްއީ އިމްޕެކްޓް ރޭންކިންގްސް 2025 ގައި 100 އިން 75.6 ގެ ސްކޯއަކާއެކު، ދުނިޔޭގެ ފެންވަރުގައި 401-600 ބޭންޑްގައި ޖާގަ ހޯދައި، ދުނިޔޭގެ ނިސްބަތުން އެންމެ މަތީ 20 ޕަސެންޓް ޔުނިވާސިޓީތަކުގެ ތެރޭގައި އެ ކޮލެޖް ވަނީ ހިމެނިފަ އެވެ.
ޓައިމްސް ހަޔާ އެޑިއުކޭޝަން އިމްޕެކްޓް ރޭންކިންގްސް އަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީއެސް) ހާސިލް ކުރުމަށް ޔުނިވާސިޓީތަކުން އަދާކުރާ ދައުރުގެ މައްޗަށް ބިނާކޮށް އެ މުއައްސަސާތައް އިވެލުއޭޓްކުރާ ގްލޯބަލް ފްރޭމްވޯކެވެ. ޔުނިވާސިޓީތައް ރޭންކު ކުރުމުގައި ބަލާ ހަތަރު ދާއިރާ އަކީ ޔުނިވާސިޓީތަކުން ދޭ ތައުލީމާއި ދިރާސާ އާއި ސްޓްވާޑްޝިޕް އަދި އައުޓްރީޗަށެވެ. އެ ފްރޭމްވޯކްގެ ދަށުން ޔުނިވާސިޓީތައް އިވެލުއޭޓް ކުރާއިރު 27 އިންސައްތަ ހާއްސަކޮށްފައިވަނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅޭ ދިރާސާތައް ޔުނިވާސިޓީތަކުން ހަދާ މިންވަރު ވަޒަން ކުރުމަށެވެ.
ވިލާ ކޮލެޖުން 2025 ގެ ރޭންކިންގްސްއަށް މުހިންމު 5 އެސްޑީޖީ ކެޓެގަރީއެއްގެ ދަށުން ޑޭޓާ ހުށަހަޅާފައިވާއިރު، ވަޒަންކުރި ހުރިހާ އެސްޑީޖީތަކުން ވެސް ވަނީ ދުނިޔޭގެ އެވްރެޖަށް ވުރެ މަތީ ސްކޯތަކެއް ހޯދައިފަ އެވެ. އެގޮތުން ކޮލިޓީ އެޑިޔުކޭޝަން ދާއިރާއިން ވިލާ ކޮލެޖަށް ވަނީ 73.9 ގެ ސްކޯއެއް ލިބިފަ އެވެ.
އެ ސްކޯއާ އެކު އެ ކެޓަގަރީއިން އެކޮލެޖު ވަނީ ދުނިޔޭގެ 1,975 ޔުނިވާސިޓީގެ ތެރެއިން 101-200 އާ ދެމެދުގެ ބޭންޑް ގައި ރޭންކު ކޮށްފަ އެވެ. އެ ނަތީޖާއާ އެކު އެ ކޮލެޖް ވަނީ ފެންވަރު ރަނގަޅު ތައުލީމަށް މަސައްކަތް ކުރުމުގައި ދުނިޔޭގެ ޔުނިވާސިޓީތަކުގެ އެންމެ މަތީ 10 ޕަސެންޓްގެ ތެރޭގައި ހިމެނިފަ އެވެ.
ވިލާ ކޮލެޖަށް ޖެންޑާ އީކުއަލިޓީ ދާއިރާއިން ވަނީ ދުނިޔޭގެ އެވްރެޖް ކަމަށްވާ 44.7 އަށް ވުރެ މަތިން މާކްސް ލިބިފަ އެވެ. އެ ކޮލެޖް ވަނީ އެ ދާއިރާއިން 62.1 ސްކޯއަކާ އެކު ދުނިޔޭގެ 1,559 ތައުލީމީ މަރުކަޒުގެ ތެރެއިން ގަދަ 201-300 ގެ ބޭންޑްގައި ރޭންކު ކޮށްފަ އެވެ. އަދި އެ ކެޓަގަރީން ދުނިޔޭގެ ޔުނިވާސިޓީތަކުގެ އެންމެ މަތީ 20 ޕަސެންޓްގެ ތެރޭގައި ވަނީ ހިމެނިފަ އެވެ.
އެ ރޭންކިންގައި ވިލާ ކޮލެޖަށް ޕީސް ޖަސްޓިސް އެންޑް ސްޓްރޯންގް އިންސްޓިޓިއުޝަންސް ދާއިރާއިން ލިބުނީ 64.9 މާކްސް އެވެ. އެ ދާއިރާއިން ވިލާ ކޮލެޖް ވަނީ ދުނިޔޭގެ 1,265 މުއައްސަސާގެ ތެރެއިން ގަދަ 201-300 ގެ ބޭންޑް ގައި ރޭންކުކޮށްފަ އެވެ. އެ ކޮލެޖު ވަނީ އެ ކެޓެގަރީން ދުނިޔޭގެ ޔުނިވާސިޓީތަކުގެ އެންމެ މަތީ 25 ޕަސެންޓްގެ ތެރޭގައި ހިމެނިފަ އެވެ.
ވިލާ ކޮލެޖަށް ޕާޓްނާޝިޕް ފޯ ގޯލްސް ކެޓަގަރީއިން 86.5 ވަނީ ހޯދައިފަ އެވެ. އެ މާކްސްއާ އެކު އެ ކޮލެޖު ވަނީ އެ ދާއިރާއިން ދުނިޔޭގެ 2,389 މުއައްސަސާގެ ތެރެއިން ގަދަ 201-300 ގައި ރޭންކު ކޮށްފަ އެވެ. އެ ދާއިރާގައި ވިލާ ކޮލެޖު ހިމެނިފައިވަނީ ދުނިޔޭގެ ޔުނިވާސިޓީތަކުގެ އެންމެ މަތީ 15 ޕަސެންޓުގެ ތެރޭގަ އެވެ.
ޓައިމްސް ހަޔާ އެޑިއުކޭޝަން އިމްޕެކްޓް ރޭންކިންގްސް 2025 ގައި ބައިވެރިވި 2,500 އަށް ވުރެ ގިނަ ޔުނިވާސިޓީތަކުގެ ތެރެއިން ދުނިޔޭގެ ފެންވަރުގައި 401-600 ބޭންޑުގައި ވިލާ ކޮލެޖު ވަނީ ހިމެނިފަ އެވެ. އަދި އެ ކޮލެޖު ވަނީ ދުނިޔޭގެ އެންމެ މަތީ 20 ޕަސެންޓް ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނިފަ އެވެ.
ވިލާ ކޮލެޖަށް ލިބުނު އެ ކާމިޔާބީއާ ގުޅިގެން އެ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ އެ ނަތީޖާއިން އެ ކޮލެޖުން ފެންވަރު ރަނގަޅު މަތީ ތައުލީމު ދިނުމުގައި ގެންގުޅޭ ވިސްނުމާއި ޒިންމާދާރު ޖީލެއް ބިނާކުރުމުގައި ގެންގުޅޭ ވިސްނުމާއި އިސްކަންދޭ ކަންތައްތައް ހާމަވެގެން ދާ ކަމަށެވެ. އަދި އެ ކާމިޔާބީ އަކީ ރާއްޖޭގެ މުޅި ތައުލީމީ ދާއިރާއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.
"މިފަދަ ޝަރަފެއް ހޯދި ރާއްޖޭގެ ފުރަތަމަ މުއައްސަސާއަށްވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ދުނިޔެއަށާއި ގައުމަށް ފައިދާހުރި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމުގައި ނަމޫނާއެއްގެ ގޮތުގައި އިސްވެ، މަސައްކަތް ކުރުމުގެ ޢަޒުމުގައި އަޅުގަނޑުމެން އަބަދުވެސް ދެމިތިބޭނަން." ޑރ. ނަޖީބު ވިދާޅުވި އެވެ.
ވިލާ ކޮލެޖަކީ ރާއްޖެއަށް ބޭނުންވާ އެކި ދާއިރާއިން މީހުން ބިނާ ކުރުމުގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން ބޭރުގެ މަޝްހޫރު އެކި ޔުނިވާސިޓީތަކާއި ގުޅިގެން ގިނަ ޕްރޮގުރާމުތަކެއް ހިންގަމުންދާ ކޮލެޖެކެވެ. އެ ކޮލެޖަށް ތައުލީމީ މަރުކަޒުތައް ރޭޓުކުރާ ބައިނަލްއަގުވާމީ ސިސްޓަމް "ކިއުއެސް ސްޓާސް"އިން ވަނީ ދުނިޔޭގެ ލެވަލްގައި 4 ސްޓާ ތަނެއްގެ ގޮތުގައި ރޭޓްކޮށްފަ އެވެ.
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
ޓޭލާސް ޔުނިވާސިޓީގެ ކޯސްތަކެއް ވިލާ ކޮލެޖަށް
"ކޮންފަރެންސް އިން މުހިއްމު ކަންތައްތަކެއް އެނގިއްޖެ"
ވިލާ ކޮލެޖްގެ ދިރާސާއާ ބެހޭ ކޮންފަރެންސް މާދަމާ ފަށަނީ
ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމުން މިފަހަރު 22 ކުދިން
ވިލާ ކޮލެޖުން ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި
ވިލާ ކޮލެޖުން 309 ދަރިވަރުން ގްރެޖުއޭޓުވެއްޖެ
އާ 3 ޕްރޮގްރާމެއް ތައާރަފުކޮށް ވިލާގެ ކޯސްތަކަށް ހުޅުވާލައިފި
ޔޫކޭގެ ޔޫވީ ކޯސްތަކުން 319ދަރިވަރުން ގްރެޖުއެޓްވެއްޖެ
ކޮރަޕްޝަންގެ ވިހަ ނައްތާލައި ގައުމު ތާހިރުކުރަން ޖެހޭ