Roadha Mihaaru
ވިލާ ކޮލެޖުން އާ ދެ ޑިގްރީ ޕްރޮގްރާމެއް ފަށައފި

ވިލާ ކޮލެޖުން އާ ދެ ޑިގްރީ ޕްރޮގްރާމެއް އިފުތިތާހު ކޮށްފި

04 އޯގަސްޓް 2024

ވިލާ ކޮލެޖުން ބެޗެލާ އޮފް ކުއަންޓިޓީ ސާވޭ އިން އާއި ބެޗެލާ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ޕްރޮގުރާމު ލޯންޗުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވިލާ ކޮލެޖުން ބެޗެލާ އޮފް ކުއަންޓިޓީ ސާވޭ އިން އާއި ބެޗެލާ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ޕްރޮގުރާމު ލޯންޗުކޮށްފި އެވެ.

އެ ޕްރޮގްރާމްތައް އިފުތިތާހު ކޮށްދެއްވީ އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ސްކޫލް އޮފް ކޮމްޕިއުޓާ ސައިންސްގެ ހެޑް އޮފް ސްކޫލް އުދުމާ އަބްދުއްލަތީފް ވިދާޅުވީ ބެޗެލާ އޮފް ކުއަންޓިޓީ ސާވޭ ޕްރޮގުރާމަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކުގައި މިހާތަނަށް ރާއްޖޭގައި ލިބެން ނެތް ތައުލީމީ ފުރުސަތުތަކެއް ލިބޭނެ ޕްރޮގްރާމެއް ކަމަށެވެ. އެއީ އިމާރަތް ކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ކުއަންޓިފައި ކުރުމާއި އިމާރާތް ކުރުމުގެ މަޝްރޫއުތަކުގެ ފައިނޭންޝަލް އަދި ޕްރޮކިއުމަންޓު ޕްރޮސެސް އާއި އިމާރާތް ކުރުމާ ގުޅޭ ގާނޫނީ ކަންތައްތައް ކިޔަވައި ދޭނެ ކަމަށް ވިދާޅުވި އެވެ.

އާ ޕްރޮގުރާމުތައް ނެރުމުގެ ރަސްމިއްޔާތުގައި އެ ކޮލެޖުގެ ފެކަލްޓީ ބޭފުޅުން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާ ޕްރޮގުރާމުތައް ނެރުމުގެ ރަސްމިއްޔާތުގައި އެ ކޮލެޖުގެ ފެކަލްޓީ ބޭފުޅުން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތިން އަހަރު ދުވަހުގެ މި ކޯހުގައި ކޯސްޓް ޕްލޭނިން، އެސެސްމަންޓާއި ބިލްޑިން މެޓީރިއަލް ކަލްކިއުލޭޝަން، ހަރަދު ކުޑަކުރުމާއި ހަރަދުތަކުގެ އަންދާޒާ ހެދުމާއި ބިލްޑިން ޑިވެލޮޕްމަންޓު ޓެކްނިކްސް އާއި ބިލްޑިން ޕްރޮޖެކްޓް މެނޭޖުމަންޓު ފަދަ ހުނަރުތައް ދަސްކޮށްދޭނެ އެވެ. އަދި މި ދާއިރާގައި އުފެއްދުންތެރި އާ ހައްލުތަކެއް ހޯދުމަށް ފުރުސަތުދީ، މަސައްކަތުގެ މާހައުލަށް އަހުލުވެރި ކުރުވުމުގެ ގޮތުން ޕްރޮގްރާމުގައި އިންޑަސްޓްރިއަލް ޓްރޭނިން ވެސް ދޭނެ އެވެ.

ބެޗެލާ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ޕްރޮގްރާމާ ގުޅޭ ގޮތުން ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ސީނިއާ ލެކްޗަރާ އަލްއުސްތާޒާ އައިޝަތު ހަލީލާ އަބްދުއްސައްތާރު ވިދާޅުވީ، އެއީ ޒުވާން ސިޔާސީ ލީޑަރުން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ޕްރޮގްރާމެއް ކަމަށެވެ. ސަރަހައްދީ ގުޅުންތަކާއި ބައިނަލްއަގުވާމީ ގުޅުންތަކާއި ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރާ އިގުތިސާދީ އަސަރުތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭޝިއާ ސަރަހައްދުގެ އެކަޑަމިކް ބޭފުޅުން ތައްޔާރުކޮށްފައިވާ ޕްރޮގްރާމަކީ ރާއްޖޭގެ ގާނޫނީ ނިޒާމާ ގުޅޭ ގޮތުންނާއި ތިން ވަނަ ދުނިޔޭގެ ސިޔާސީ މަސްރަހާއި ހާރިޖީ ސިޔާސަތާއި އިންސާނީ ހައްގު ފަދަ އެކި މާއްދާތައް ހިމެނޭ ގޮތަށް ފަރުމާ ކޮށްފައިވާ ތިން އަހަރުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އޮންލައިންކޮށް ވެސް ކިޔަވައި ދެ އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ކަށިމާ ޝާކިރު ލިޔުއްވާފައިވާ ފޮތްތައް މިއަދު ނެރެދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ކަށިމާ ޝާކިރު ލިޔުއްވާފައިވާ ފޮތްތައް މިއަދު ނެރެދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ޕްރޮގްރާމުތައް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕާ ކަށިމާ އަހުމަދު ޝާކިރު ލިޔުއްވާފައިވާ ދެ ފޮތެއް ނެރުނެވެ. މި ދެ ފޮތް ވެސް ނެރެދެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

އެއީ ރާއްޖެ އާއި ބޭރު ގައުމުތަކާ ދެމެދު އޮތް ގުޅުންތަކުގެ މައުލޫމާތުތައް ހިމެނޭ "ސިޔާސީ ތާރީހު - އެއް ވަނަ ބައި" އަދި "ދިވެހިރާއްޖޭގައި އުފެދުނު ޝަރަފުވެރި ބޭފުޅުންގެ ތެރެއިން އުސްތާޒުންނާއި އާލިމުން، އުދަބާއުނާއި ޝާއިރުން"ގެ ނަމުގައި 34 ހިދުމަތްތެރިން ހިމެނޭ ދެ ފޮތެވެ.