Roadha Mihaaru
ވިލާ ކޮލެޖަށް 10 އަހަރު ފުރިއްޖެ

ވިލާ ކޮލެޖަށް 10 އަހަރު، އެ ތަން ފަންނީ ތަނަކަށް ހެދުމުގެ ފުރިހަމަ އިޚުތިޔާރު ގާސިމް ވަނީ ދެއްވާފައި

18 އޮކްޓޯބަރ 2017

ވިލާ ކޮލެޖަށް 10 އަހަރު ފުރުމުގެ ރަސްމިއްޔާތު ރޭގައި ބާއްވަފައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިލާ ކޮލެޖަށް 10 އަހަރު ފުރުމުގެ ރަސްމިއްޔާތު ރޭގައި ބާއްވަފައިފި އެވެ.

ވިލާގެ ޗެއާމަން އަދި ރާއްޖޭގެ އެއް މަހުޖަނު ގާސިމް އިބްރާހީމް ވަރަށް އާދައިގެ ގޮތަކަށް ހުޅުވި ކޮލެޖުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަކީ ނަޖީބު ވިދާޅުވީ، ގާސިމްގެ އެއްވެސް ނުފޫޒެއް އެތަނަށް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ، ފަންނީ ތަނެއް ފަންނީ ތަނެއްގެ ގޮތުގައި ވިލާ ކޮލެޖު ހިންގުމުގެ ފުރުސަތު ގާސިމް ދެއްވާފައިވާ ކަމަށެވެ. އަދި އެއީ ވިޔަފާރިވެރިންނާއި ސިޔާސީ ފަރާތްތަކުގެ ކިބައިން ނުފެންނަ ސިފައެއް ކަމަށް ނަޖީބު ވިދާޅުވި އެވެ.

"މި ކޮލެޖު ފަންނީ ތަނެއްގެ ގޮތުގައި ހިންގުމަށް ޗެއާމަން އެއްވެސް ނުފޫޒެއް ނުފޯރުވޭ. އެއީ ވަރަށް ފާހަގަކޮށްލެވޭ ކަމެއް،" މަތީ ތައުލީމް ފޯރުކޮށްދޭ އެހެން މަރުކަޒުތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިި ހަފުލާގައި ނަޖީބު ވިދާޅުވި އެވެ،

ވިލާ ކޮލެޖުގެ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތަކުން ވަނަ ހޯދި މީހަކަށް (ކ) ރޭ ސެޓްފިކެޓް ހަވާލުކޮށްދެނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވިލާ ކޮލެޖުގެ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތަކުން ވަނަ ހޯދި މީހަކަށް (ކ) ރޭ ސެޓްފިކެޓް ހަވާލުކޮށްދެނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި ވިލާ ކޮލެޖު އުފެއްދުމާއެކު، ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކާއި ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން ކޯސްތަކުގެ ފެންވަރާއި ދަރިވަރުން ކިޔެވުމުގެ ވަގުތުތަކަށް ވެސް ބަދަލު އައިސްފައިވާ ކަމަށް ވިދާޅުވި އެވެ،

"ވިލާ ކޮލެޖު ފެށިއިރު އަމިއްލަ ކޮލެޖަކަށް ޑިގްރީއަކަށް ކިޔަވައިދެވިދާނެ ކަމަށް ގަބޫލުކުރަމުން ދިޔަ މީހުން ވަރަށް މަދު. އަޅުގަނޑުމެން އެކަން ބަދަލުކޮށްލީ. އަޅުގަނޑުމެން ޔަގީންކޮށްދީފިން ވިލާ ކޮލެޖު ފަދަ އެހެން މުއައްސަސާތަކަށް ވެސް ހަމަ ޑިގްރީ ހިންގިދާނެކަން. ޚާއްސަކޮށް އިންޓަނޭޝަނަލް ޑިގްރީ ހިންގިދާނެ ކަން ވަރަށް ގަބޫލު ނުކުރާނެ. އެކަން [ވިލާ ކޮލެޖުން] ކޮށްފައި އެއީ ވެސް ކުރެވިދާނެ ކަމެއް ކަން ދެއްކިއްޖެ،" ނަޖީބު ވިދާޅުވި އެވެ.

އެ ކޮލެޖު އުފެއްދުމުގެ ކުރިން، މަތީ ތައުލީމް ފޯރުކޮށްދޭ އެހެން މަރުކަޒުތަކުގައި ކިޔަވައިދެމުން ދިޔައީ ހެނދުނު ގަޑީގައި އެކަނި ކަމަށާއި ނަމަވެސް އެކަން ވެސް ބަދަލުކޮށްލީ ވިލާ އިން ކަން ނަޖީބު ފާހަގަކުރެއްވި އެވެ.

"ވަޒީފާގައި އުޅެމުން ވެސް ކިޔެވޭނެ ގޮތްތައް ވިލާ ކޮލެޖު ވުޖޫދުވުމާއެކު މިވަނީ ފަހިވެގެން ގޮސްފައި. އެއީ ހެނދުނުގެ ދަންފަޅީގެ އިތުރުން ހަވީރާއި ވެސް ރޭގަނޑު ހިމަނައިގެން،" އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެ ކޮލެޖުގެ ސްޓްރެޓެޖިކް ޕްލޭން ފޮތް ރޭ ނެރެދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެ ކޮލެޖުގެ ސްޓްރެޓެޖިކް ޕްލޭން ފޮތް ރޭ ނެރެދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވެސް ވިދާޅުވީ ރާއްޖޭގައި ތިބެގެން އިނގިރޭސި ވިލާތުގެ ފެންވަރު ރަނގަޅު މަތީ ތައުލީމު އެ ކޮލެޖުން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ 20 އަތޮޅުގެ ތެރެއިން 14 އަތޮޅެއްގައި ވިލާ ކޮލެޖުގެ ކެމްޕަސް ގާއިމްކޮށްފައިވާކަން އަންވަރު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް 10 އަހަރުގެ ވިލާ ކޮލެޖުގެ ތަސައްވަރަށް ބަލާއިރު، އެންމެ ބޭނުންވަނީ ފޯތު ޖެނެރޭޝަންގެ ތަނަކަށް ބަދަލުކުރުން ކަމަށެވެ. ނަމަވެސް އޭގެ ކުރިން ވިލާ ކޮލެޖު، ޔުނިވަސިޓީއަކަށް ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރޭގެ ބޭއްވި ރަސްމިއްޔާތުގައި ވަނީ ކުރިއަށް އޮތް ފަސް އަހަރަށް ވިލާ ކޮލެޖުގެ ސްޓްރެޓެޖިކް ޕްލޭނާއި އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި އެކި ހަރަކާތްތަކުން ވަނަ ހޯދި މީހުންނަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.