Roadha Mihaaru
ވިލާ ކޮލެޖުން 99 ކޯހަކަށް ކުރިމަތިލާން ހުޅުވާލައިފި

ވިލާ ކޮލެޖުން 99 ކޯހަކަށް ކުރިމަތިލާން ހުޅުވާލައިފި

16 އޮކްޓޯބަރ 2018

ވިލާ ކޮލެޖުން އަންނަ ޖެނުއަރީ މަހު ފަށާ 99 ކޯހަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިލާ ކޮލެޖުން އަންނަ ޖެނުއަރީ މަހު ފަށާ 99 ކޯހަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ރާއްޖޭގައި މަތީތައުލީމު ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކޮލެޖުން ބުނީ، ޑިގްރީ އާއި މާސްޓާޒް އަދި ޕްރޮފެޝަނަލް ޕްރޮގްރާމްތަކަށް އަންނަ ޑިސެމްބަރު 27 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ. ސެޓްފިކެޓް ލެވެލް 2 އަދި ސެޓްފިކެޓް ލެވެލް ތިނަކާއި ފައުންޑޭޝަންގެ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖެނުއަރީ 31 ވަނަ ދުވަހެވެ.

ކޯސްތައް އިއުލާން ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ ކޮންމެ ތަނެއްގައި ހުރި ކަމުގައި ވިއަސް، އޮންލައިންކޮށް ކޯސްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ކޯހަށް ފައިސާ ދެއްކުމުގެ ފުރުސަތު ވެސް އޮންލައިންކޮށް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ވިލާއިން ކިޔަވައިދެމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހުރެގެން ބޭރުގެ ފެންވަރު ރަނގަޅު ކޯސްތައް ކިޔެވުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

ވިލާގެ ހެޑް އޮފް ހެލްތު ސައިންސް ޑރ. އަސްމާ އިބްރާހިމް ވިދާޅުވީ މިދިޔަ ޖެނުއަރީ މަހު ފެށި ނާސިންގެ ޑިގްރީ ކޯހަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެ ކޯހުގައި މިހާރު ވެސް 200 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު، މިހާރު ވެސް ވަރަށް ގިނަ ފޯމުތައް ހުށަހަޅާފައިވާކަމަށް ވިދާޅުވި އެވެ.

އަންނަ ޖެނުއަރީ މަހު ފަށާ ކޯސްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ނާސިން، ހިއުމަން ރިސޯސް، ޝަރީއާ އަދި ލޯގެ ކޯސްތައް ހިމެނެ އެވެ. އެ ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ވެސްޓް އޮފް އިންގްލޭންޑުގެ ކޯސްތައް ހިމެނެ އެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.