Roadha Mihaaru
މަންޓާ އެއާއިން ހެޔޮ އަގެއްގައި ދަރަވަންދު އަށް ދެވޭނެ

މަންޓާ އެއާ އިން ހެޔޮ އަގެއްގައި ދަރަވަންދު އަށް މިހާރު ދެވޭނެ

11 އެޕްރީލް 2019

މަންޓާ އެއާގެ ދަތުރުތައް ބ. ދަރަވަންދު އަށް މިއަދު ކުރަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަންޓާ އެއާގެ ދަތުރުތައް ބ. ދަރަވަންދު އަށް މިއަދު ކުރަން ފަށައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހު އެތެރޭގެ އުދުހުންތައް ފެށި މަންޓާ އެއާ އިން މިވަގުތު ކޮންމެ ދުވަހަކު ދެ ދަތުރު ދަރަވަންދު އަށް ކުރާނެ އެވެ.

އެކަމަކު، މަންޓާ އެއާގެ ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫން މިއަދު ވިދާޅުވީ، މި މަހުގެ 18 ގެ ފަހުން ދުވާލަކު ތިން ދަތުރު ދަރަވަންދު އަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފްލައިޓުގައި ސަފާޔާ ކްލާހާއި ކޮމްފޯޓު ކްލާސް ހިމެނޭނެ އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ދަރަވަންދޫ އަށް ދަތުރުކުރާ ފަރާތްތަކަށް މި ލިބުނީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް. އެއީ ދަތުރުގައި އެންޖޯއީ ކޮށްލެވޭނެ. އަދި ޝެޑިއުލަށް ދަތުރުތައް ކުރެވޭނެ،" މައުމޫން ވިދާޅުވި އެވެ.

މަންޓާ އެއާގެ ކެބިން ކްރޫއަކު ފަސިންޖަރަަކަށް ޚިދުމަތް ދެނީ.

މަންޓާ އެއާގެ ކެބިން ކްރޫއަކު ފަސިންޖަރަަކަށް ޚިދުމަތް ދެނީ.

މަންޓާ އެއާ އިން ވަނީ ދަރަވަންދު އަށް ހާއްސަ އަގުތަކެއް ވެސް ކަނޑައަޅައިފަ އެވެ. އެގޮތުން، 499ރ. އަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ކުޑަކުއްޖެއް ނަމަ ނަގާނީ 249ރ. އެވެ.

މީގެ އިތުރުން، އެޑްވާންސްކޮށް ޓިކެޓު ބުކް ކުރާ ނަމަ 549ރ. އަށް ޓިކެޓް ލިބޭނެ އެވެ. އެޑްވާންސްކޮށް ޓިކެޓު ބުކް ކުރާ ނަމަ 549ރ. އަށް ދަތުރުކުރެވޭނީ މި މަހުގެ 18 ން އަންނަ މަހުގެ ނިޔަލަށެވެ.

މަންޓާ އެއާގެ ފްލައިޓް އޮޕަރޭޝަންސްގެ އިސްވެރިޔާ ހަސަން ހަނީފު ވިދާޅުވީ، އެހެން ޑޮމެސްޓިކް އެއާލައިންތަކަށް ވުރެ، މަންޓާ އެއާގެ މަތިންދާބޯޓުތަކުގައި އިށީނދެލައިގެން ތިބޭ ޖާގަ ބޮޑުވާނެ ކަމަށެވެ. އަދި 35 ކިލޯއާ ހަމައަށް ތަކެތި އުފުލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަންޓާ އެއާގެ މަތިންދާބޯޓެއް މިއަދު ދަރަވަންދޫ އެއާޕޯޓުގައި.

މަންޓާ އެއާގެ މަތިންދާބޯޓެއް މިއަދު ދަރަވަންދޫ އެއާޕޯޓުގައި.

"އަޅުގަނޑުމެން ގެނެސްފައި މިވަނީ ބްރޭންޑު ނިއު އެއާ ކްރާފްޓުތަކެއް. އެހެންކަމުން ޓެކްނިކަލް މައްސަލަތައް ޖެހުމުގެ ޗާންސް ވަރަށް ބޮޑަށް ކުޑަވާނެ. ވަރަށް ޓްރެއިންޑް ސްޓާފުން އަޅުގަނޑުމެ ގެންގުޅެނީ،" ހަނީފު ވިދާޅުވި އެވެ.

މަންޓާ އެއާ އިން ނިންމާފައި ވަނީ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވެސް ކުރިމަގުގައި އުދުހުމަށެވެ. އެންމެ އަވަހަށް ދަތުރުތައް ފަށާނީ ތ. ތިމަފުއްޓަށެވެ.

މި އެއާލައިނުން ބޭނުން ކުރަނީ ATR-72-600 މަރުކާގެ 64 ގޮނޑީގެ ޖާގައިގެ ތިން މަތިންދާބޯޓެވެ. ދަރަވަންދު އަށް ދަތުރުކުރަން ބޭނުންވާ ޓިކެޓް މަންޓާ އެއާގެ ވެބްސައިޓް www.mantaair.mv އިން ބުކް ކުރެވޭނެ އެވެ.

މަންޓާ އެއާގެ ދަތުރުތައް އެންމެ ފުރަތަމަ ކުރަން ފެށީ ދ. ކުޑަހުވަދު އަށެވެ.