Roadha Mihaaru
ކޮވިޑް-19:މަންޓާއިން ކުއްޑޫގެ ދަތުރުތައް ހުއްޓާލައިފި

ކޮވިޑް-19: މަންޓާއިން ކުއްޑޫގެ ދަތުރުތައް ހުއްޓާލައިފި

17 މާޗް 2020

ކޮވިޑް-19 އާ ގުޅިގެން ޑޮމެސްޓިކް ދަތުރުތަކަށް އޮތް ޑިމާންޑު ދަށްވެ، މަންޓާއިން ގއ. ކޫއްޑު އަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އާ ގުޅިގެން ޑޮމެސްޓިކް ދަތުރުތަކަށް އޮތް ޑިމާންޑު ދަށްވެ، މަންޓާއިން ގއ. ކޫއްޑު އަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމައިފި އެވެ.

މަންޓާއިން އާންމުކޮށްފައިވާ ގޮތުގައި މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ކުއްޑު އަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާނެ ކަމަށެވެ. ކުއްޑު އަކީ މަންޓާއިން ދަތުރުތައް އެންމެ ފަހުން ފެށި މަންޒިލެވެ. އެގޮތުން ކޫއްޑު އަށް ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ނޮބެމްބަރު މަހު އެވެ.

މީގެ އިތުރުން ބ. ދަރަވަންދު އާއި ދ. ކުޑަހުވަދޫއަށް ކުރާ ދަތުރުތައް މަދުކުރުމަށް ވެސް އެއާލައިނުން ވަނީ ނިންމައިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވް ވެފައިވާ އިރު މި ބަލިމަޑުކަމާ ގުޅިގެން އަމިއްލަ ވިޔަފާރިތަކުން އަންނަނީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. މި ބަލިމަޑުކަމާ ގުޅިގެން ޓޫރިސްޓުން އައުން މަދުވެ، އެކި ދާއިރާތަކުން ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް ބޮޑު ގެއްލުމަކާ ދަނީ ކުރިމަތިވަމުންނެވެ.

މަންޓާއިން ބުނީ ކޫއްޑު އަށް ވަގުތީ ގޮތުން ދަތުރުތައް ހުއްޓާލާއި އެހެން މަންޒިލްތަކަށް ކުރާ ދަތުރުތައް މަދު ކުރީ، ކޮވިޑް-19 އާ ގުޅިގެން ޑޮމެސްޓިކް ދަތުރުތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް ދަށްވުމުން ކަމަށެވެ.

މީގެ އިތުރުން މި ދުވަސްވަރު ދަތުރުކުރާ ނަމަ މަންޓާ އެއާގެ ވެބްސައިޓުން ޝެޑިއުލްތަކުގެ އެންމެ ފަހުގެ އަޕްޑޭޓުތައް ލިބޭނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ. މި ދުވަސްވަރަށް ހާއްސަކޮށް އެ ކުންފުނިން ވަނީ ދަތުރު ދާނެ ދުވަސް ބަދަލުކުރަން ބޭނުން ވެއްޖެ ހާލަތެއްގައި އެކަން ވެސް ފަސޭހަކަމާ އެކު ހަމަޖެއްސޭނެ ގޮތް ފަހިކޮށްދީފަ އެވެ.

މަންޓާއެއާ ގެ ދަތުރުތައް ފެށީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ އެއާލައިނުން ވަނީ ކުޑަ ދުވަސްކޮޅެއްގެ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. އެ އެއާލައިނުން ޑޮމެސްޓިކް ދަތުރުތަކުގެ އިތުރުން ސީޕްލޭން ދަތުރުތައް ވެސް އެއާލައިނުން ކުރެ އެވެ.