Roadha Mihaaru
މަންތާ އެއާގެ ފުރަތަމަ މަތިންދާބޯޓު ރާއްޖެ ގެނެސްފި

މަންތާ އެއާގެ ފުރަތަމަ މަތިންދާބޯޓު ރާއްޖެ ގެނެސްފި

12 ނޮވެމްބަރ 2018

އާ ޑޮމެސްޓިކް އެއާލައިން، މަންތާ އެއާގެ ފުރަތަމަ މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފި އެވެ.

މުހައްމަދު ފައިޒާން އިސްމާއިލް މުހައްމަދު ފައިޒާން އިސްމާއިލް

އާ ޑޮމެސްޓިކް އެއާލައިން، މަންތާ އެއާގެ ފުރަތަމަ މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފި އެވެ.

ރާއްޖޭ އެތެރޭގެ އުދުހުންތަކަށް އިތުރު ފުރިހަމަ ކަމެއް ގެނައުމަށްޓަކައި އުފެއްދި މަންތާ އެއާގެ ފުރަތަމަ މަތިންދާބޯޓު (އޭޓީއާރް 72-600 މަރުކާ) ރާއްޖެ ގެނައުމާ ގުޅިގެން މަރުހަބާ ކިޔުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި، އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

ޑެންމާކްގެ ބިލަންޑް އެއާޕޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި މަތިންދާބޯޓަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި، މަންޓާ އެއާގެ ޗީފް އެގްޒްކެޓިވް އޮފިސަރު މުހައްމަދު ޚަލީލް ވިދާޅުވީ، ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ލިބެންޖެހޭ ހުުއްދަތައް ލިބުމާ އެކު ދަތުރުތައް ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، އެ އެއާލައިނުން ފުރިހަމަ ޚިދުމަތްތަކާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަތަމަ އުދުހުންތައް ފަށާނީ ދ. ކުޑަހުވަދު އަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީ އެއާޕޯޓާށް ދަތުރުތައް ކުރަން ހަމަޖެހިފައި ވާކަމަށް ޚަލީލް ވިދާޅުވި އެވެ.

މަންތާ އެއާގެ ފުރަތަމަ މަތިންދާބޯޓު ރާއްޖެ ގެނައުމުގެ ރަސްމިއްޔާތުގައި، އެ ކުންފުނީގެ ސީއީއޯ ޚަލީލް ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މަންތާ އެއާގެ ފުރަތަމަ މަތިންދާބޯޓު ރާއްޖެ ގެނައުމުގެ ރަސްމިއްޔާތުގައި، އެ ކުންފުނީގެ ސީއީއޯ ޚަލީލް ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ޚަލީލް ވިދާޅުވީ، އަންނަ މަހުގެ ކުރީކޮޅު ދެވަނަ އެއާކްރާފްޓް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަންނަ އަހަރުގެ ފުރަތަމަ ދެ މަސް ތެރޭގައި ސީ ޕްލޭންގެ ޚިދުމަތް ވެސް މަންތާ އެއާލައިނުން ފަށާނެ ކަމަށެވެ.

މަންތާ އެއާއިން ދަތުރުތައް ފަށަން ތައްޔާރު ވެފައި ވާއިރު އެ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ދެ ކްލާހެއްގެ ޚިދުމަތް މަތިންދާބޯޓުން ލިބޭނެ އެވެ. އެގޮތުން "ސެފަޔާ" ކްލާސް އާއި "ކޮމްފޯޓް" ކްލާހްގައި ވެސް ބޭނުން ފަރާތްތަކަށް ދަތުރު ކުރެވޭނެ އެވެ.

ޚަލީލް ވިދާޅުވިގޮތުގައި، އޭވިއޭޝަން ދާއިރާއަށް މަންތާ އެއާ ތައާރަފް ކުރީ އެހެން އޮޕަރޭޝަންތަކަށް ގޮން ޖަހާކަށް ނޫން ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، މަންތާ އެއާގެ މައިގަނޑު މަގްސަދަކީ އެތެރޭގެ އުދުހުންތަކުގެ މޮނޮޕޮލީ ނައްތާލައި ވާދަވެރި މާހައުލެއް އުފެއްދުމެވެ. އަދި ވާދަވެރި މާހައުލެއް އުފެދުމުގެ ނަތީޖާ އަކީ ދަތުރުތަކުގެ އަގުތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުންމީދު ކަމަށް ޚަލީލް ވިދާޅުވި އެވެ.

މަންތާ އެއާގެ ފުރަތަމަ މަތިންދާބޯޓު ކައިރީގައި އެ ކުންފުނީގެ މުވައްޒަފުން ފޮޓޯއަކަށް މިއަދު ހުއްޓިގެން.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މަންތާ އެއާގެ ފުރަތަމަ މަތިންދާބޯޓު ކައިރީގައި އެ ކުންފުނީގެ މުވައްޒަފުން ފޮޓޯއަކަށް މިއަދު ހުއްޓިގެން.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

"ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅަކު ދަތުރު ކުރަން ބޭނުންވާ ތާރީޚު ކަނޑައަޅައި، އެ ސީޓް ހުސް ނަމަ ވަގުތުން ރިޒަވޭޝަން ހެއްދޭނެ. ވަގުތުން ކޮންފަމޭޝަން ވެސް ލިބޭނެ. އެއްގޮތަކަަށް ލާސްޓް މިނިޓަކަށް މަޑުކުރާކަށް ނުޖެހޭނެ، މިހާރު ގިނަ ފަހަރު ވާހެން. ހަ މަސް ކުރިން ވެސް ކޮންފަމޭޝަން ހޯދޭނެ." ޚަލީލް ވިދާޅުވި އެވެ.

މަންތާ އެއާލައިންގެ ދަތުރުތައް ފަށާނީ މަތިންދާބޯޓުން ފަސިންޖަރަކު ބޭނުންވާ ސީޓް ބޭނުން ވަގުތެއްގައި ބުކް ކުރެވޭ ގޮތަށް ކަމަށާއި ކޮންމެ ހަ މަހަކުން އެ ޝެޑިއުލް އާންމު ކުރާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.

"މަންތާ އެއާ" އަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ ވަރުގަދަ އެއް ކުންފުނި، ޔުނިވާސަލް އެންޓަޕްރައިސަސްގެ ބައެއް ހިއްސާދާރުންނާއި ދާލު އެއާޕޯޓު އަދި ކަނޑިންމަ ރިސޯޓު ވެސް ހިންގާ ރިއޮލޯ އިންވެސްޓްމެންޓު ގުޅިގެން އުފައްދާފައިވާ އެއާލައިނެކެވެ. ރިއޮލޯ އަކީ ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު ޑރ. އިބްރާހިމް މަނިކުގެ ދަރިކަލުން ސަންޖޭ މަނިކުގެ ހިއްސާވާ ކުންފުންޏެކެވެ.