Roadha Mihaaru
މަންތާ އެއާއިން 300 އެއްހާ މީހުންނަށް ވަޒީފާ ދެނީ

މަންތާ އެއާ އިން 300 އެއްހާ މީހުންނަށް ވަޒީފާ ދެނީ

20 ޖޫން 2018

މަންތާ އެއާގެ ހިދުމަތް ފަށައިގަތުމަށް ގާތްގަނޑަކަށް 300 މީހުން އެކި ވަޒީފާތަކަށް ހޯދަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މަންތާ އެއާގެ ހިދުމަތް ފަށައިގަތުމަށް ގާތްގަނޑަކަށް 300 މީހުން އެކި ވަޒީފާތަކަށް ހޯދަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

އަލަށް އުފައްދާ ޑޮމެސްޓިކް އެއާލައިންގެ އިސް އޮފިޝަލަކު ވިދާޅުވީ، އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އުދުހެން ފެށުމަށް ޕައިލެޓުންނާއި ފަސްޓް އޮފިސަރުން އަދި ކެބިން ކްރޫންނާއި އިންޖިނިއަރުންނާއި ލީޑް ޓެކްނީޝަނުންނާއި ޓެކްނީޝަނުން ހޯދަން އިއުލާންކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ކޮންމެ އެއާކްރާފްޓަކަށް ފަސް ކްރޫ ސެޓް ހޯދަން. އޭގެ އިތުރުން އެއާލައިންގެ އެކި ޑިޕާޓްމަންޓްތަކަށް މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އެ އެއާލައިންގެ ވަޒީފާތައް ދިނުމުގައި އިސްކަން ދެނީ ދިވެހިންނަށް ކަމަށެވެ.

"މިހާރު ވެސް ވަރަށް ގިނަ ދިވެހިން އެކި ވަޒީފާތަކަށް އެބަ ކުރިމަތިލާ. އަލަށް ފަށައިގަންނަ އެއާލައިނަކަށް ވީމަ ހުރިހާ ޑިޕާޓްމަންޓްތަކަށް ވެސް މީހުން ހޯދުމުގެ މަސައްކަތްކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

ދ. ކުޑަހުވަދޫ އެއާޕޯޓާއި ކަނޑިންމަ ރިސޯޓު ވެސް ހިންގާ ރިއޮލޯ އިންވެސްޓްމަންޓުން ހަދާ އެއާލައިންގެ މައި ހަބަކަށް ހެދުމަށް ހަމަޖެހިފައި ވަނީ ދ. ކުޑަހުވަދު އެވެ.

މަންތާގެ އޮފިޝަލް ވިދާޅުވީ އެ އެއާލައިންގެ ދަތުރުތައް ފެށޭނެ ދުވަހެއް ކަނޑައެޅޭނީ ސިވިލްއޭވިއޭޝަން އޮތޯރިޓީން އެއާ އޮޕަރޭޓާސް ސެޓްފިކެޓް (އޭއޯސީ) ލިބުމުން ކަމަށެވެ. އަދި އެ ސެޓްފިކެޓް ހޯދުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އެއާލައިންގެ އޮފިޝަލް ވިދާޅުވި އެވެ.

މަންތާ އިން ނިންމާފައި ވަނީ ހިދުމަތް ފަށައިގަންނަ އިރު އޭޓީއާރު މަރުކާގެ، 72 މީހުންގެ ޖާގައިގެ ތިން މަތިންދާބޯޓާއި 16 ގޮނޑީގެ ހަތަރު ސީޕްލޭން ގެންނާށެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބައެއް ބޯޓުތައް ގެނެވޭތޯ. އަދި އޮކްޓޯބަރު މަހުގެ ތެރޭގައި ހިދުމަތް ފެށޭނެ،" އޭނާ ވިދާޅުވި އެވެ.