Roadha Mihaaru
ކްރޫޒްލައިނާގެ އޭޖެންޓްކަން ކުރެވޭނީ ދިވެހިންނަށް އެކަނި

ކްރޫޒްލައިނާތަކުގެ އޭޖެންޓުކަން ދިވެހި ކުންފުނިތަކަށް އެކަނި ކުރެވޭ ގޮތަށް ހަދައިފި

26 ސެޕްޓެމްބަރ 2024

ރާއްޖެއިން ބޭރުން އަންނަ ޔޮޓްތަކާއި ކްރޫޒް ލައިނާތަކުގެ އޭޖެންޓްކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެއިން ބޭރުން އަންނަ ޔޮޓްތަކާއި ކްރޫޒް ލައިނާތަކުގެ އޭޖެންޓްކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ބޭރުގެ ޓޫރިސްޓް އުޅަނދުތައް ރާއްޖޭގައި ދުއްވުމާއި ބަނދަރު ކުރުމާ ބެހޭ ގަވާއިދު ކުރިން އޮންނަ ގޮތުން ބޯޓުތަކުގެ އޭޖެންޓުންގެ ގޮތުގައި ބޭރު ފަރާތްތަކަށް ވެސް މަސައްކަތް ކުރެވޭނެ އެވެ. ނަމަވެސް އެ ގަވާއިދަށް އިއްޔެ ގެނައި އިސްލާހު ބުނާގޮތުން ޓޫރިސްޓް އުޅަނދެއްގެ އޭޖެންޓްކަމާ ހަވާލުވެވޭނީ ހިއްސާދާރުންގެ ގޮތުގައި މުޅިން ވެސް ދިވެހިން ތިބި ކުންފުނިތަކާއި ޕާޓްނަޝިޕްތަކާއި ނުވަތަ ސޯލް ޕްރޮޕްރިއޭޓަޝިޕްތަކަށެވެ. އަދި އެފަދަ އުޅަނދުތަކުން އަންނަ ޓޫރިސްޓުންނަށް ޝޯ އެކްސްކާޝަން ދިނުމުގައި ހަރަކާތްތެރިވެވޭނ، ވެސް ޓުއަ ގައިޑުންނާ ބެހޭ ގަވާއިދުގެ ދަށުން ހުއްދަ އޮންނަ ފަރާތްތަކަށް ކަމަށް އެ އިސްލާހުގައިވެ އެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓް އުޅަނދުތައް ރާއްޖޭގައި މަޑުކުރަން ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރާ ނަމަ، ކޮންމެ ދުވަހަށް 100 ޑޮލަރުގެ ރޭޓުން ފީއެއް ދައުލަތަށް ދައްކަން ޖެހޭނެ އެވެ. އަދި ހުއްދަ ދެވޭ ބޭރުގެ ޓޫރިސްޓް އުޅަނދެއްގައި ޕެސެންޖަރުންގެ ގޮތުގައި އިތުރު ބަޔަކު ބައިތިއްބަން އެދޭ ނަމަ ޕެސެންޖާ ލައިސަންސް ހޯދަންވާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ. އެ ލައިސެންސް ހޯދަން ޖެހޭނީ ވެސް އޭޖެންޓުންގެ ނަމުގަ އެވެ.

މިދިޔަ އަހަރު ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖެ އަންނަ ބޭރުގެ ބޮޑެތި ޓޫރިސްޓް އުޅަނދު ފަހަރުތަކުން ނަގަމުން އަންނަ ކްރޫސް ޕާމިޓު ފީ 1000 ޑޮލަރު (15،420ރ.) އަށް ބޮޑުކޮށްފަ އެވެ. އޭގެ ކުރިން ބޮޑެތި އުޅަނދު ފަހަރުތަކުން ކްރޫސް ޕާމިޓުގެ ގޮތުގައި ދައްކަމުން އައިސްފައިވަނީ 5000ރ. އެވެ.

ނަމަވެސް ބޯޓުތަކުގެ ސައިޒު 20 މީޓަރާއި 20 މީޓަރަށްވުރެ ކުދި އުޅަނދުތައް 90 ދުވަހާއި ހަމައަށް އެއްވެސް ފީއަކާއި ނުލައި ބަނދަރު ކުރެވޭނެ އެވެ. އަދި މުއްދަތު ހަމަވުމުން ކޮންމެ ދުވަހަކަށް 50 ޑޮލަރު ދެއްކުމަށް ފަހު، 275 ދުވަހާ ހަމައަށް މުއްދަތު އިތުރު ކުރެވޭނެ އެވެ.