Roadha Mihaaru
ދިވެހިން އިތުރު ނަމަ ޓެކްސް އިން ލުޔެއް ލިބޭނެ:ރައީސް

ރިސޯޓްތަކުގައި ދިވެހި މުވައްޒަފުން އިތުރު ނަމަ ޓެކްސް އިން ލުޔެއް ލިބޭނެ: ރައީސް

29 ޑިސެމްބަރ 2018

ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލަށް ވުރެން އިތުރަށް، ރިސޯޓުތަކުގައި ދިވެހި މުވައްޒަފުން ގެންގުޅޭ ނަމަ، ދައުލަތަށް ދައްކަންޖެހޭ ޓެކްސް ލުއި ކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލަށް ވުރެން އިތުރަށް، ރިސޯޓުތަކުގައި ދިވެހި މުވައްޒަފުން ގެންގުޅޭ ނަމަ، ދައުލަތަށް ދައްކަންޖެހޭ ޓެކްސް ލުއި ކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގެސްޓްހައުސް ސިމްޕޯސިއަމް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއްވާ ދާއިރާ އަކީ ޓޫރިޒަމް ކަން ފާހަގަކުރައްވައި ވިދާޅުވީ ރިސޯޓްތަކުން މުވައްޒަފުންނަށް ދޭން ޖެހޭ ސާވިސް ޗާޖު ނުދޭ އަޑު އިވިވަޑައިގަންނަވާ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ގިނައިން ރިސޯޓްތަކުގައި ބިދޭސީ މުވައްޒަފުން ގެންގުޅޭ ވާހަކަ ވެސް އަޑުއިވިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި މައްސަލަތަކަށް ހައްލެއް ހޯދުމަށް، ރައީސް ވިދާޅުވި ގޮތުގައި، ރިސޯޓުތަކުގެ ކަންކަން ބެލޭނެ ނިޒާމެއް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 45 ޕަސެންޓް ވާން ޖެހެނީ ދިވެހި މުވައްޒަފުންނަށެވެ. އަދި 55 ޕަސެންޓް މުވައްޒަފުންގެ ގޮތުގައި ބިދޭސީ މަސައްކަތު މީހުން ގެންގުޅެވިދާނެ އެވެ.

އެހެން ނަމަވެސް މިންގަޑާ ޚިލާފަށް ބައެއް ރިސޯޓްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅެ އެވެ. ލޭބާ ރިލޭޝަނުން ހާމަކޮށްފައިވާ ގޮތުގައި 150 މުވައްޒަފުން މަސައްކަތް ކުރާ ރިސޯޓެއްގައި އެންމެ ފަސް ދިވެހި މުވައްޒަފުން ވެސް ގެންގުޅެ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ، އއ.ވެލިދޫ އައިލެންޑް ރިސޯޓެވެ.

މި އަހަރު 30 ރިސޯޓެއް ބެލި އިރު، 90 ޕަސެންޓު ބިދޭސީން މަސައްކަތް ކުރާ އެހެން ރިސޯޓުތައް ވެސް ފާހަގަވެފައިވާ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ވަނީ ބުނެފަ އެވެ. އެކަމަކު އެއިން އެއްވެސް ރިސޯޓެއްގެ ނަމެއް އެތަނުން ހާމައެއް ނުކުރެ އެވެ.

ރައީސް ވިދާޅުވީ، ގެސްޓްހައުސް ވިޔަފާރި ތަރައްގީ ކުރުމުގައި ރަނގަޅު ޕްލޭނެއްގެ ތެރެއިން ކަންކަން ކުރަންޖެހޭ ކަމަށެވެ. އެގޮތުން ގެސްޓްހައުސް ތަރައްގީ ކުރެވެން އޮތީ ރަށުގެ ފެނުގެ ޚިދުމަތާއި ބަނދަރު ރަނގަޅު ފެންވަރަކަށް ހެދިގެން ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ކަމުން ގެސްޓްހައުސް ތަރައްގީ ކުރުމުގައި ވަށާޖެހޭ ނިޒާމެއް ގާއިމް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ޓޫރިސްޓުންނަށް ޚާއްސަ 12 ހޮޓަލާއި 518 ގެސްޓްހައުސްގެ ހިދުމަތް ދެ އެވެ. އޭގެ އިތުރުން 148 ސަފާރީ އާއި 308 ޓްރެވެލް އޭޖެންސީ އާއި 272 ޑައިވް ސްކޫލްގެ ހިދުމަތް ދަނީ ދެމުންނެވެ.