Roadha Mihaaru

މަންޓާގެ ޕައިލެޓުން ވެސް ޑޮލަރުން މުސާރަ ހޯދަން ޑިމާންޑުކުރަނީ

މަންޓާ އެއާގެ ޕައިލެޓުން ހިމެނޭ ގޮތަށް، އެ ކުންފުނީގެ ބޯޓުތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ އެއްކޮށް ޑޮލަރުން ދޭން އެދި މެނޭޖްމެންޓާ އެކު އަލުން މަޝްވަރާތައް ފަށައިފި އެވެ.

މަންޓާގެ ޕައިލެޓުން ވެސް ޑޮލަރުން މުސާރަ ހޯދަން އެދެނީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

22 ޖުލައި 2025

މަންޓާ އެއާގެ ޕައިލެޓުން ހިމެނޭ ގޮތަށް، އެ ކުންފުނީގެ ބޯޓުތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ އެއްކޮށް ޑޮލަރުން ދޭން އެދި މެނޭޖްމެންޓާ އެކު އަލުން މަޝްވަރާތައް ފަށައިފި އެވެ.

އެ އެއާލައިންގެ ޕައިލެޓެއް ބުނީ، މީގެ ދެ މަސް ކުރިން އެ އެއާލައިނުގެ މުވައްޒަފުންގެ މުސާރައިގެ 50 ޕަސެންޓް ދިވެހި ރުފިޔާއިން ދޭން ނިންމައި އެގޮތަށް އަމަލު ކުރަމުން އަންނަ ކަމަށެވެ. އެ ނިންމުން ބަދަލުކުރުމަށް ޕައިލެޓުންނާއި ކްރޫއިންގެ އިތުރުން އިންޖިނިއަރުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މި ހުށަހެޅުމަށް އަދި މެނޭޖްމެންޓުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

ޓޫރިޒަމުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމުކޮށް ހަދާފައިވާ ގާނޫނަށް އަމަލުކުރަން ޖެހޭތީ އެބައި ހަމަޖެއްސުމަށް މަންޓާ އެއާއިން ވަނީ މުވައްޒަފުންގެ މުސާރަ އެއްކޮށް ޑޮލަރުން ދެމުން އައުމަށް ފަހު އެކަން ބަދަލުކޮށް މުސާރައިގެ 50 ޕަސެންޓު ރުފިޔާ އިން ދޭން ފަށައިފަ އެވެ.

މިކަމާ ބެހޭ ގޮތުން އެއާލައިނުން މިއަދު ނެރުނު ބަޔާނުގައި ބުނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށި އިރު އެންމެ ފުރަތަމަ ބެލީ މާރުކުރާ ފައިސާއިން އެހެން ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ގޮތްތަކެއް ހޯދަން ކަމަށެވެ.

އެކުންފުނިން އަންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ އެމްއޭސީއެލް އާއި މޯލްޑިވިއަންއާ އެކު ވެސް ވިޔަފާރީގެ މުއާމަލާތްތައް ހިންގަމުންނެވެ. ޖެޓް ފިއުލް އާއި ސްޕެއާ ޕާޓްސް އާއި އެހެނިހެން އޮޕަރޭޝަނަލް ހިދުމަތްތަކަށް ވެސް ރުފިޔާއިން ފައިސާ ދެއްކުމަށް އެ ކުންފުނިތަކުން އެއްބަސް ނުވާ ކަމަށް މަންޓާއިން ބުންޏެވެ. އެހެންވެ، އެ މުއާމަލާތްތަކުގައި ވެސް އެ ކުންފުނިން އެމްއޭސީއެލް އާއި މޯލްޑިވިއަން އަށް ފައިސާ ދައްކަން ޖެހެނީ ޑޮލަރުންނެވެ. މަންޓާއިން ބުނި ގޮތުގައި މުވައްޒަފުންގެ މުސާރައިން އެއްބައި ރުފިޔާއިން ދޭން ނިންމީ އެ ކުންފުނިތަކާ އެކު ކުރި މަޝްވަރާއިން އެދެވޭ ހައްލެއް ނުލިބުމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އެޑްވައިޒަރު މުހައްމަދު ހަލީލް ސީއީއޯއަކަށް ހުންނަވާ މަންޓާ އެއާ އިން ބުނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލާ އެކު ކުންފުންޏަށް ގެންނަން ޖެހުނު ކުއްލި ބަދަލުގެ ސަބަބުން ލުއިތަކެއް ހޯދަން އެމްއެމްއޭއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ 100 ޕަސެންޓު ޑޮލަރުން ދެވޭނީ، އެ އިދާރާއިން ލުއި ދިނުމުން ކަމަށް ބުންޏެވެ.

އެކަމުގައި މުވައްޒަފުންގެ ހިތްހަމަނުޖެހުންތައް މީގެ ކުރިން ވެސް މެނޭޖްމެންޓާ ހިއްސާކޮށްފައިވެ އެވެ. އެއާލައިންގެ މުވައްޒަފުންގެ މިކަމުގައި ކަންބޮޑުވުން ފާޅުކުރި އިރު ޕައިލެޓުންނާއި ކްރޫއިން އަދި އިންޖިނިއަރުން ހިމެނޭ ގޮތަށް އެ ކުންފުނީގައި 600 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ޕައިލެޓު ބުނީ ބޭނުންވަނީ ކުރިއެކޭ އެއްގޮތަށް މުސާރަ އެއްކޮށް ޑޮލަރުން ދިނުން ކަމަށެވެ.

މި ހަފްތާގައި ވަނީ ޓީއެމްއޭގެ ޕައިލެޓުން ވެސް ވަނީ އެ ކުންފުނީގެ މުސާރައިގެ 20 ޕަސެންޓު ދިވެހި ރުފިޔާ އިން ދޭން ނިންމުމުން އެކަމާ ހިތްހަމަނުޖެހި، ދަތުރުތައް ހުއްޓާލާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެކަމާ ގުޅިގެން ޓީއެމްއޭ އިން ވަނީ ކުރިއެކޭ އެއްގޮތަށް މުސާރަ އެއްކޮށް ޑޮލަރުން ދޭން ނިންމައިފަ އެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން، ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ކުންފުނިތަކުން ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ 20 ޕަސެންޓަށް ވާ ޑޮލަރު މާރުކުރުމެވެ. "ކެޓެގަރީ ބީ" ގައި ހިމެނޭ ކުންފުނިތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓު ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.