Roadha Mihaaru

މުސާރައިގެ 20 ޕަސެންޓު ރުފިޔާ އިން ދޭން ނިންމުމުން ޓީއެމްއޭގެ ޕައިލެޓުން ދަތުރުކުރުން ހުއްޓާލަނީ!

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރައިގެ 20 ޕަސެންޓު ރުފިޔާ އިން ދޭން ނިންމުމާ ގުޅިގެން އެ ކުންފުނީގެ ޕައިލެޓުން މި މަހުގެ 26 އިން ފެށިގެން ދަތުރުކުރުން ހުއްޓާލަން ނިންމައިފި އެވެ.

މުސާރަ މައްސަލާގައި ޓީއެމްއޭގެ ޕައިލެޓުން އިހުތިޖާޖަށް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

19 ޖުލައި 2025

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރައިގެ 20 ޕަސެންޓު ރުފިޔާ އިން ދޭން ނިންމުމާ ގުޅިގެން އެ ކުންފުނީގެ ޕައިލެޓުން މި މަހުގެ 26 އިން ފެށިގެން ދަތުރުކުރުން ހުއްޓާލަން ނިންމައިފި އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ޕައިލެޓަކު ބުނީ، މި މަހުގެ 26 އިން ފެށިގެން ދަތުރުތައް ކުރުން ހުއްޓާލާނެ ކަން މެނޭޖުމެންޓަށް ވެސް އަންގާފައިވާ ކަަމަށެވެ.

ޓީއެމްއޭގެ ޕައިލެޓުން ބޭނުންވަނީ، ކުރިއެކޭ ވެސް އެއްގޮތަށް ހުރިހާ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށެވެ. އެކަން ހައްލު ނުވަނީސް، ދެން ދަތުރުތައް ކުރަން ނުފަށާނެ ކަމަށް މެނޭޖުމަންޓަށް މިހާރު އަންގާފައިވާ ކަމަށް އެނގިފައި ވެ އެވެ.

މިދިޔަ މަހު ޓީއެމްއޭ އިން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އަންގާފައިވަނީ މި ޖުލައި އަދި އޮގަސްޓް މަހުން ފެށިގެން ކޮންމެ މުވައްޒަފަކަށް ވެސް ލިބޭ މުސާރައިގެ 20 ޕަސެންޓު ދެން ދޭނީ ދިވެހި ފައިސާ އިން ކަމަށެވެ. އެކަމަކު، ބާކީ 80 ޕަސެންޓަށް ވާ މުސާރަ އަދިވެސް މުވައްޒަފުންނަށް ދޭނީ ޑޮލަރުން ކަމަށް ޓީއެމްއޭގެ އެ އެންގުމުގައި ވެ އެވެ.

އެކަމަށް ހައްލެއް ހޯދުމަށް ޓީއެމްއޭގެ ޕައިލެޓުން ވަނީ ސަރުކާރާ ބައްދަލުކުރުމަށް ވެސް އެދިފަ އެވެ. ނަަމަވެސް އެކަމުގައި އިސްކޮށް އުޅޭ މީހުންނާ ބައްދަލުކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށް ވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގައި 200 އަށް ވުރެ ގިނަ ޕައިލެޓުން މަސައްކަތް ކުރެ އެވެ. އެ ކުންފުނީގެ ދަށުން މަސައްކަތް ކުރާ ކެޕްޓަނުންގެ ތެރެއިން އެންމެ ޖޫނިއާ މުވައްޒަފުންނަށް ވެސް ގާތްގަނޑަކަށް 6،000 ޑޮލަރުގެ އާމްދަނީއެއް ލިބޭ އިރު އެންމެ ސީނިއާ ކެޕްޓަނުންނަށް ގާތްގަނޑަކަށް 12،000 ޑޮލަރު މަހަކު ލިބެ އެވެ.

ޓޫރިޒަމުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމުކޮށް ހަދާފައިވާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރަން ޖެހޭތީ އެކަން ފޫބެއްދުމަށް، އެ ކުންފުނިން ވަނީ އެމްއޭސީއެލް އަށް ދައްކަން ޖެހޭ ބައެއް ފީތަކާއި ޖެޓްފިއުލްގެ ހަރަދުގެ ބައެއް ރުފިޔާ އިން ދައްކަން ހުށަހަޅައިފަ އެވެ. އެކަމަކު އެކަމަށް އެމްއޭސީއެލް އިން މިހާތަނަށް އެއްބަސް ނުވުމުން، މާރުކުރާ ފައިސާ ބޭނުން ކުރަން ނިންމީ މުވައްޒަފުންނަށް ދޭ މުސާރައިގެ ގޮތުގަ އެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ކުންފުނިތަކުން ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ 20 ޕަސެންޓަށް ވާ ޑޮލަރު މާރު ކުރުމެވެ. "ކެޓެގަރީ ބީ" ގައި ހިމެނޭ ކުންފުނިތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓު ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.