Roadha Mihaaru

މުލީއާގެ ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖުކުރަނީ

މީޑިއާ ކޮންޓްރޯލް ކުރުމާބެހޭ ބިލް ރައްޔިތުންގެ މަޖިލިހަށް މިއަދު ބަލައިގަތުމާ ގުޅިގެން ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖުކުރުމަށް ފަހު، ރިޔާސީ ގަނޑުވަރު މުލީއާގޭ ކައިރިއަށް ނޫސްވެރިން ދެންމެ އެއްވެ އަޑުއުފުލަން ފަށައިފި އެވެ.

މުލީއާގެ ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖުކުރަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

27 އޯގަސްޓް 2025

މީޑިއާ ކޮންޓްރޯލް ކުރުމާބެހޭ ބިލް ރައްޔިތުންގެ މަޖިލިހަށް މިއަދު ބަލައިގަތުމާ ގުޅިގެން ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖުކުރުމަށް ފަހު، ރިޔާސީ ގަނޑުވަރު މުލީއާގޭ ކައިރިއަށް ނޫސްވެރިން ދެންމެ އެއްވެ އަޑުއުފުލަން ފަށައިފި އެވެ.

އެއްވުން މަނާ ނުވަތަ ގްރީން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ އެ ސަރަހައްދުގައި ތިިބި ނޫސްވެރިން ގޮވާލަމުން ދަނީ މީޑިއާ ބިލު މަޖިލީހުން ބޭރުކުރުމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށެވެ. ހދ. އަތޮޅުގެ ރަށްތަކަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ވަނީ މާލެ ވަޑައިގެންފަ އެވެ.

ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން މިއަދު މެންދުރު އިހުތިޖާޖު ކުރަނިކޮށް ފުލުހުން ވަނީ އެ އިހުތިޖާޖަށް ހުރަސްއަޅައި، ބައެއް ނޫސްވެރިން ގަދަކަމުން އެ ސަރަހައްދުން ދުރަށް ގެންގޮސް ފުލުހުންގެ ވެހިކަލަށް އަރުވައިފަ އެވެ. ނަމަވެސް އޭގެ އިރުކޮޅެއްފަހުން ނޫސްވެރިން ދޫކޮށްލި އެވެ.

މީޑިއާ ކޮންޓްރޯލްކުރާ ބިލާ ދެކޮޅަށް ނޫސްވެރިން މުލިއާގެ ކުރިމަތީގައި އިހުތިޖާޖުކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މީޑިއާ ކޮންޓްރޯލްކުރާ ބިލާ ދެކޮޅަށް ނޫސްވެރިން މުލިއާގެ ކުރިމަތީގައި އިހުތިޖާޖުކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުލުހުން މިހާރު ވަނީ ރައީސް އޮފީސް ކައިރީގައި ބެރިކޭޑު ޖަހައި، އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ހަދައިފަ އެވެ. އަދި މުލީއާގޭގެ ކުރިމަތީގައި ނޫސްވެރިން އަޑު އުފުލާއިރު ފުލުހުން އަންނަނީ ގޭޓް ކުރިމަތީގައި އެތުރިގެން ތިބެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

ނޫސްވެރިން މިއަދު އެންމެ ފުރަތަމަ އިހުތިޖާޖުކުރީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގަ އެވެ. އަދި މަޖިލިސް ގެލެރީއަށް ވަދެ ވެސް ނޫސްވެރިން ވަނީ އެ ބިލާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފަ އެވެ. އެ ބިލާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށް މަޖިލީހަށް އެ ބިލު ބަލައިގަންނަން މިއަދު ވަނީ ފާސްކޮށްފަ އެވެ.

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" މަޖިލީހަށް ބަލައިގަތީ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮއްވަ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ޕީއެންސީގެ 49 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ.

ބިލު ބަލައިގަނެ، ދިރާސާކުރުމަށް މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.

އެ ބިލާ ދެކޮޅުކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުންނާއި ބޭރުގެ ބައެއް ޖަމްއިއްޔާތަކުން ވެސް ހާމަކޮށްފައިވެ އެވެ. އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ އެކު ނޫސްވެރިން ގެންދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ. އޭގައި ބުނެފައި ވަނީ ބިލު ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަމަށެވެެ.