ރަޖިސްޓަރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން ފުރަތަމަ ފަހަރަށް އެކުލަވާލައި މިއަދު ގެޒެޓްކޮށްފި އެވެ.
ރަޖިސްޓަރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން ފުރަތަމަ ފަހަރަށް އެކުލަވާލައި މިއަދު ގެޒެޓްކޮށްފި އެވެ.
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ވެސް ކަނޑައަޅާފައިވެ އެވެ. އެއީ ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 ޕަސެންޓަށް ވާ މިންވަރުގެ ފައިސާ އެވެ.
މިއަދު ގެޒެޓްކޮށްފައިވަނީ އެ ފައިސާ މީޑިއާތަކަށް ދޫކުރާނެ ގޮތުގެ އުސޫލެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އުސޫލާ އެކު ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަޠު ދެފުށް ފެންނަ، ޒިންމާދާރު އުސޫލެއްގެ ތެރެއިން ފުރަތަމަ ފަހަރަށް ހުޅުވިގެން ދާނެ އެވެ.
އުސޫލުގައިވާ ގޮތުން ފައިސާގެ އެހީތެރިކަން ލިބޭނީ 8 ޝަރުތެއް ހަމަވާ މީޑިއާތަކަށެވެ. އެއީ:
● ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް ކަމުގައި ވުން ނުވަތަ ހިދުމަތް ދިނުމަށްޓަކައި ލައިސަންސް ލިބިފައިވާ ފަރާތެއް ކަމުގައިވުން.
● ރަޖިސްޓަރީ ނުވަތަ ލައިސަންސް ހޯދުމަށް ފަހު، މެދުނުކެނޑި ހިންގާތާ މަދުވެގެން ތިން އަހަރު ދުވަސް ވެފައި ވުން.
● އާންމު ފަރާތްތަކުން މީޑިއާއާ މުއާމަލާތު ކުރެވޭނެ އިންތިޒާމު ގާއިމުކޮށް، އެ މައުލޫމާތު އާންމުކޮށްފައިވުން.
● މީޑިއާގެ ކޯޑް އޮފް އެތިކްސް އާއި އެޑިޓޯރިއަލް ސްޓޭންޑަޑް އާންމުކޮށްފައިވުން.
● ޓެކުހާ ގުޅޭ ގާނޫނެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން އަންނަ ފަރާތަކަށް ވުމާއި ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަމުން އަންނަ ފަރާތެއްކަމުގައި ވުން.
● ޕެންޝަން ގާނޫނުގެ ދަށުން ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެ، އެ ސްކީމަށް ފައިސާ ދައްކަމުން އަންނަ ފަރާތަކަށް ވުން.
● ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާގެ ބަޔާންތައް އެކުލަވައިލައި، މުވައްޒަފުންގެ މުސާރަ މަހުންމަހަށް އެ މުވައްޒަފެއްގެ އެކައުންޓަށް، ބޭންކު މެދުވެރިކޮށް ޖަމާކުރާ ފަރާތެއްކަމުގައި ވުން.
● މީޑިއާގެ މަސްއޫލުވެރި ފަރާތަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ފަރާތެއް ނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން އަންނަ ފަރާތެއް ކަމުގައި ވުން.
އުސޫލުގައިވާ ގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދޭނީ 60 ޕޮއިންޓުން ފެށިގެން މަތިން ޕޮއިންޓު ލިބޭ މީޑިއާތަކަށެވެ. ޕޮއިންޓް ދިނުމަށާއި ޝަކުވާ ބެލުމަށް ކޮމިޓީ އެކުލަވާލަންޖެހެ އެވެ. ކޮމިޓީ އެކުލެވިގެން ވާނީ؛
● ކޮމިއުނިޓީ އެމްޕަވަމަންޓަށް މަސައްކަތްކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން ކަނޑައަޅާ ފަރާތެއް
● ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާ ފަރާތެއް
● މޯލްޑިވްސް މީޑިއާ ކައުންސިލުން ކަނޑައަޅާ ފަރާތެއް
● ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާ އެސޯސިއޭޝަނަކުން ކަނޑައަޅާ ފަރާތެއް
● މާލީ ކަންކަމާ ބެހޭ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން ކަނޑައަޅާ ފަރާތެއް
އެ އުސޫލުގައިވާ ގޮތުން ބްރޯޑްކާސްޓް މީޑިއާތަކަށް ލިބޭނީ އެކަމަށް ކަނޑައަޅާ ބަޖެޓުގެ 35 ޕަސެންޓެވެ. އަދި ބާކީ ބައި ނޫސް މަޖައްލާތަކަށް ދޭއިރު، ވަކިވަކި މީޑިއާތަކަށް ދޭނެ އަދަދު ކަނޑައަޅާނީ އެ މީޑިއާއެއް ހިންގާފައިވާ މުއްދަތާއި ކޮންމެ އަހަރެއްގެ އޮޕަރޭޝަންސާއި މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާ އަށް ބިނާކޮށް ކަމަށް އުސޫލުގައިވެ އެވެ. އަދި އެ މީޑިއާއަކާ މެދު ކުރިން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ ޕޮއިންޓް އުނިކުރެވޭނެ ކަމަށް އުސޫލުގައިވެ އެވެ.
އުސޫލުގައިވާ ގޮތުން ފައިސާ ދޭނީ އެންމެ މަދުވެގެން 60 ޕޮއިންޓް ލިބިފައިވާ މީޑިއާތަކަށެވެ. ވަކިވަކި މީޑިއާތަކަށް ދޭނެ އަދަދު ކަނޑައަޅާނީ އެކަމަށް ކަނޑައަޅާފައިވާ ޖުމްލަ ބަޖެޓާއި އެ މީޑިއާއަކަށް ލިބުނު ޕޮއިންޓާއި މަދުވެގެން 60 ޕޮއިންޓް ލިބުނު މީޑިއާތަކުގެ ޖުމްލަ ޕޮއިންޓް ހިސާބުކޮށްގެން ކަމަށް އެ އުސޫލުގައިވެ އެވެ.
ފައިސާ ލިބޭ މީޑިއާތަކަށް ފައިސާ ދޭނީ ތިން ފަހަރެއްގެ މަތިން ކަމަށާއި ފުރަތަމަ ފަހަރު 50 ޕަސެންޓް އަދި ބާކީ ފައިސާ ދެ ފަހަރެއްގެ މަތިން ދޫކުރެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. ނަމަވެސް މި އަހަރުގެ ފައިސާ އެއްފަހަރާ ދިނުމަށް އުސޫލުގައި ވަނީ ކަނޑައަޅައިފަ އެވެ.
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް
ނޫސްވެރިންނަށް ތަންމިނަށް މިނިވަންކަން ދީފައިވޭ: ސައީދު
"ނޫސްވެރިން އުލުބައިންދަން ނުބުނެވޭ، މައްސަލަ ބަލާނެ"
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް
ކޮމިޝަނުގައި ރައީސްގެ ބާރެއް ބޭނުންފުޅެއް ނޫން: ޚަލީލް
މުލީއާގެ ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖުކުރަނީ
މީޑިއާ ބިލު މަޖިލީހުން ބޭރުކުރަން ސީޕީޖޭއިން ގޮވާލައިފި
ރައީސް އޮފީސް ކައިރީގައި މީޑިއާ ފެންޑާ ހުޅުވައިފި
އިންޒާރު ދިން ކަމަށް ބުނާ މައްސަލާގައި ދައުވާ ނުކުރާނެ
މޫސާ ލަތީފަށް، ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އިނާމު