Roadha Mihaaru

މީޑިއާ ބިލު މަޖިލީހުން ބޭރުކުރަން ސީޕީޖޭއިން ރައީސަށް ގޮވާލައިފި

ނޫސްވެރިކަން ރެގިއުލޭޓްކުރުމާ އެކު ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ކުރިއަށް ގެންދަން ފުރުސަތު ނުދިނުމަށް، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ގޮވާލައިފި އެވެ.

މީޑިއާ ބިލު މަޖިލީހުން ބޭރުކުރަން ސީޕީޖޭއިން ގޮވާލައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

21 އޯގަސްޓް 2025

ނޫސްވެރިކަން ރެގިއުލޭޓްކުރުމާ އެކު ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ކުރިއަށް ގެންދަން ފުރުސަތު ނުދިނުމަށް، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ގޮވާލައިފި އެވެ.

ދުނިޔޭގެ ނޫސްވެރިންގެ ހައްގުގައި ވަކާލާތުކުރާ އެމެރިކާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސީޕީޖޭއިން ނެރުނު ބަޔާނެއްގައި، މިއީ މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅި ދެވަނަ ފަހަރުކަން ފާހަގަކޮށް ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި އަދި ސަރުކާރުގެ ފުރިހަމަ ނުފޫޒު މީޑިއާތަކަށް ފޯރުވޭ ގޮތަށް ފަރުމާކޮށްފައިވާ މި ބިލު މަޖިލީހުން ބޭރުކުރަން ރައީސް މުއިއްޒަށް ދަންނަވާ ކަމަށެވެ.

"މީޑިއާގެ މިނިވަންކަން ދަމަހައްޓަން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ދަމަހައްޓަވައި، މި ބިލު މަޖިލީހުން ބޭރުކުރާނެކަން ކަށަވަރުކޮށްދޭން ޖެހޭ،" ސީޕީޖޭގެ އޭޝިއާ-ޕެސިފިކް ރީޖަނަލް ޑިރެކްޓަރު ބެ ލީ އީ ވިދާޅުވި އެވެ.

"ރައީސް އައްޔަންކުރައްވާ ބޭފުޅުންނާ އެކު އާ ކޮމިޝަނެއް އުފައްދައި، މީޑިއާތައް ޖޫރިމަނާކުރުމާއި ސަސްޕެންޑްކުރުމުގެ ބާރުދީ، ބޭނުންހާ ގޮތެއް މީޑިއާތަކަށް ހެދޭ ގޮތަށް އޮތް މި ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި، ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމަށް ވެސް ނުރައްކާވާނެ."

ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ވަނީ އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށެވެ.

އެ ބިލުގައިވާ ގޮތުގައި، ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނުގައި މަޖިލީހުގެ ރުހުމާ އެކު ތިން މެމްބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު ރައީސަށް އޮތް ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑަޅުއްވަނީ އެ ބިލުގައިވާ ގޮތުން ރައީސެވެ.

އެ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީީޑިއާތައް ބޮޑެތި އަދަދަކުން ޖޫރިމަނާކުރުމާ އެކު ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. އަދި ވަކިވަކި ނޫސްވެރިން 5،000-25،000ރ. އާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000ރ. އާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.

އެ ބިލުގައި ބަޔާންކުރާ ކަންތައްތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ މިދިޔަ އަންގާރަ ދުވަހު މަޖިލީހާއި މަޖިލިސް ބޭރުގައި ވެސް އިހުތިޖާޖުކޮށްފަ އެވެ. އަދި ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާތަކާއި ބޭރުގެ ޖަމިއްޔާތަކުން ވެސް ވަނީ މި ބިލު ހުށަހެޅުން ކުށްވެރިިކޮށް، ބިލު އަނބުރާ ގެންދަން ގޮވާލައިފަ އެވެ.