Roadha Mihaaru

ރާއްޖޭގެ ނޫސްވެރިންނަށް ތަންމިނަށް މިނިވަންކަން ދީފައިވޭ: ސައީދު

ރާއްޖޭގެ ނޫސްވެރީންނަށް ތަންމިނަށް މިނިވަންކަން ދީފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަމަލުކުރެއްވި ގޮތުން ހާމަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް ތަންމިނަށް މިނިވަންކަން ދީފައިވޭ: ސައީދު

ރާއްޖޭގެ ނޫސްވެރީންނަށް ތަންމިނަށް މިނިވަންކަން ދީފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަމަލުކުރެއްވި ގޮތުން ހާމަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ބައެއް ސީނިއާ ނޫސްވެރިންނާ އެކު މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހު، ރިޔާސީ ގަނޑުވަރު މުލީއާގެ އަށް ވަޑައިގަތުމަށް ރައީސް ނުކުމެވަޑައިގަތް ވަގުތު، ހެނދުނުން ފެށިގެން ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖު ކުރަމުންދިޔަ ނޫސްވެރިންތަކެއް އެ މަނިކުފާނުގެ ފަހަތްޕުޅުން ޝުއޫރު ފާޅުކޮށް އަޑުގަދަ ކުރަމުން ދިޔަ މައްސަލައިގަ އެވެ.

އެ ވަގުތު ބައެއް ނޫސްވެރިން ވަނީ މިހާރު ހޫނުވެފައިވާ މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދިއުމާ ގުޅޭ ގޮތުން ވެސް ސުވާލުތައް ކުރިމަތިކޮށްފަ އެވެ. އެކަމަކު، ރައީސް ވަކި ޖަވާބެއް ނުދެއްވަ އެވެ.

އެކަމަށް އިޝާރާތްކޮށް ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމަކު ނުލިބޭހާ މިނިވަންކަން ރާއްޖޭގެ ނޫސްވެރިންނަށް މި ސަރުކާރުން ދީފައިވާކަން މިއަދު ހިނގައިދިޔަ ކަންތައްތަކުން ހާމަވާ ކަމަށެވެ.

ސައީދު ވިދާޅުވީ ހެނދުނުއްސުރެ ގްރީން ޒޯންގައި ނޫސްވެރިން މުޒާހަރާކޮށް، ބޭނުން ވަރަކަށް އަޑު އުފުލަމުން ދިޔަ ކަމަށާއި ނޫސްވެރިންގެ ކަންބޮޑުވުން އަޑުއެއްސެވުމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އާއި ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް އެ ނޫސްވެރިންގެ ތެރެއަށް ވަޑައިގެން ބައްދަލުކުރައްވައި ވާހަކަތައް އަޑުއެއްސެވި ކަމަށެވެ.

ކަންބޮޑުވުންތައް ދަންނަވަން އެދުނު ނޫސްވެރިންގެ އަޑު އެއްސެވުމަށް ރައީސް އޮފީހުގައި އެމްޖޭއޭއާ ސީދާ ރައީސް މުއިއްޒު ބައްދަލުކުރައްވައި ހުރިހާ ވާހަކައެއް އަޑުއެއްސެވި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

މީޑިއާ ރެގިއުލޭޓްކުރަން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައި އޮތް ބިލަށް ނޫސްވެރިން ބޭނުން ވަރަކަށް ހިޔާލުތަކާއި އިސްލާހުތައް ހުށަހަޅަން 10 ދުވަހުގެ ފުރުސަތެއް ދީފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"އޮފީސް ނިންމަވާފައި ރައީސުލްޖުމްހޫރިއްޔާ ހިންގަވާފަަައި މުލީއާގެއަށް ވަޑައިގަތް މަގުމަތީ، ނޫސްވެރީންގެ ނަމުގައި ތިބި ބަޔަކު ފަހަތްޕުޅުން ހިނގާ، އަޑުގަދަކޮށް، ހަށިކޮޅަށް އަތްލާ ހިސާބަށް ގެންދިއުމުން ވެސް ސަރުކާރުން ހިޔާރުކުރީ ކެތްތެރިކަން،" ސައީދު ވިދާޅުވި އެވެ.

މީޑިއާ ކޮންޓްރޯލްކުރާ ބިލާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މުލިއާގެއަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މީޑިއާ ކޮންޓްރޯލްކުރާ ބިލާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މުލިއާގެއަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސައީދު ވިދާޅުވީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އިހުތިޖާޖުކޮށް ބޭނުން އަޑެއް އުފުލަން ފުރުސަތު ދެއްވި ކަމަށެވެ.

މީޑިއާ ހައްގުތަކަށް ހުރަސްއެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ނޫސްވެރިން މިއަދު ހެނދުނުން ފެށިގެން އައީ ރައީސް އޮފީސް ކައިރީގައި އިހުތިޖާޖުކުރަމުންނެވެ.

އެމްޖޭއޭ އާއި ބައެއް ސީނިއާ ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ މި ސަރުކާރަކީ 100 ޕަސެންޓް "މިޑިއާ ޕްރޯ" ސަރުކާރެއް ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެ ކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީޑިއާ ރެގިއުލޭޓް ކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ރައީސް ބޭނުންފުޅުނުވާ ކަމަށާއި އަދި މެންބަރުން އައްޔަން ކުރެއްވުމުގައި ވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުންފުޅުނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބިލުގެ ވަކިވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާނެ ކަމަށް ރައީސް މުއިއްޒު މިއަދުގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، އެ ބިލު އަނބުރާ ގެންދަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެކަމަކު ބިލު އިސްލާހުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް އޮފީހާއި މުލިއާގޭ ދޮށުގައި ނޫސްވެރިން އިއްޔެ ވެސް ވަނީ އިހުތިޖާޖުކޮށްފަ އެވެ.