މީޑިއާ ކޮންޓްރޯލް ކުރުމާ ބެހޭ ބިލް ރައްޔިތުންގެ މަޖިލިހަށް ދެންމެ ބަލައިގަތުމާ ގުޅިގެން ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖުކުރަނިކޮށް ފުލުހުން ހުރަސްއަޅައިފި އެވެ.
27 އޯގަސްޓް 2025
މީޑިއާ ކޮންޓްރޯލް ކުރުމާ ބެހޭ ބިލް ރައްޔިތުންގެ މަޖިލިހަށް ދެންމެ ބަލައިގަތުމާ ގުޅިގެން ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖުކުރަނިކޮށް ފުލުހުން ހުރަސްއަޅައިފި އެވެ.
ފުލުހުން ވަނީ ގްރީން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި ހުންނަ ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖުކުރި ބައެއް ނޫސްވެރިން ގަދަކަމުން އެ ސަރަހައްދުން ދުރަށް ޖައްސައި ފުލުހުންގެ ވެހިކަލަށް ވެސް އަރުވައިފަ އެވެ. ފުލުހުންގެ ވެހިކަލަށް އެރުވި ނޫސްވެރިންނަކީ "އަދަދު"ގެ ނޫސްވެރިން ކަމަށްވާ އާއިދު އަހްމަދާއި މުހައްމަދު ޝަހްޒާން އާއި "ދައުރު"ގެ މުޒައްޔިން ނާޒިމް އަދި "ސިޓިޒަން"ގެ މޫސާ ރަޝީދެވެ.
ފުލުހުންގެ ވެހިކަލަށް އެރުވި އެ ނޫސްވެރިން އޭގެ އިރުކޮޅެއް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުން މިހާރު ވަނީ ރައީސް އޮފީސް ކައިރީގައި ބެރިކޭޑު ޖަހައި ނޫސްވެރިން ފަހަތަށް ޖައްސައިފަ އެވެ.
ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖުކުރަނިކޮށް ފުލުހުން ބާރުގެ ބޭނުންކޮށްގެން ނޫސްވެރިޔާ މުހައްމަދު ޝަހްޒާން އެ ސަރަހައްދުން ދުރަށް ގެންދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ނޫސްވެރިން މިއަދު އެންމެ ފުރަތަމަ އިހުތިޖާޖުކުރީ ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގަ އެވެ. އަދި މަޖިލިސް ގެލެރީއަށް ވަދެ ވެސް ނޫސްވެރިން ވަނީ މި ބިލާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފަ އެވެ. އެ ބިލާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށް މަޖިލީހަށް އެ ބިލު ބަލައިގަންނަން މިއަދު ވަނީ ފާސްކޮށްފަ އެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" މަޖިލީހަށް ބަލައިގަތީ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮއްވަ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ޕީއެންސީގެ 49 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ.
ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.
އެ ބިލު ބަލައިގަންނަން ނިންމީ އޭގެ ސަބަބުން މީޑިއާގެ ހައްގުތައް ގެއްލޭނެތީ ބިލް އަނބުރާ ގެންދަން އެތައް ޖަމިއްޔާއަކުން ގޮވާލާފައި ވަނިކޮށެވެ.
ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖުކުރަނިކޮށް ފުލުހުން ބާރުގެ ބޭނުންކޮށްގެން ނޫސްވެރިޔަކު އެ ސަރަހައްދުން ދުރަށް ގެންދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ބިލުގެ ދިފާއުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ މެމްބަރުން ވިދާޅުވެފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަކީ އެއްކަމެއް ކުރާ ދެ މުއައްސަސާ ކަމަށާއި އެކަމަކު މީހުންގެ އަބުރުކަތިލަމުން އަންނައިރު އެއިން އެއްވެސް އިދާރާއަކުން ފިޔަވަޅު ނާޅާ ކަމަށެވެ.
އެހެންވެ، މީޑިއާތައް ހަމަ މަގަށް އެޅުމަށް މިއީ ކޮންމެހެން ވެސް ބޭނުން ބިލެއް ކަމަށް ބިލަށް ތައީދުކުރެއްވި މެމްބަރުން ވިދާޅުވި އެވެ.
އެ ބިލާ ދެކޮޅުކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުންނާއި ބޭރުގެ ބައެއް ޖަމްއިއްޔާތަކުން ވެސް ހާމަކޮށްފައިވެ އެވެ. އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ އެކު ނޫސްވެރިން ގެންދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ. އޭގައި ބުނެފައި ވަނީ ބިލު ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަމަށެވެެ.
މުލީއާގެ ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖުކުރަނީ
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް
ނޫސްވެރިންނަށް ތަންމިނަށް މިނިވަންކަން ދީފައިވޭ: ސައީދު
"ނޫސްވެރިން އުލުބައިންދަން ނުބުނެވޭ، މައްސަލަ ބަލާނެ"
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް
ކޮމިޝަނުގައި ރައީސްގެ ބާރެއް ބޭނުންފުޅެއް ނޫން: ޚަލީލް
މީޑިއާ ކޮންޓްރޯލްނުކުރަން، އިސްލާހުކުރަން ދަންނަވައިފިން
މީޑިއާ ބިލު މަޖިލީހުން ބޭރުކުރަން ސީޕީޖޭއިން ގޮވާލައިފި
ދައުލަތުގެ ބަޖެޓުން މީޑިއާއަށް ފައިސާ ދޭ އުސޫލު ނެރެފި
ރައީސް އޮފީސް ކައިރީގައި މީޑިއާ ފެންޑާ ހުޅުވައިފި