މީޑިއާ ކޮންޓްރޯލް ކުރުމަކީ އެއްވެސް އިރެއްގައި ޝައުގުވެރިވެވަޑައިގަންނަވާ ކަމެއް ނޫން ކަަމަށާއި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރުން އައްޔަން ކުރެއްވުމުގައި ވެސް އެ މަނިކުފާނަށް ކޮންޓްރޯލް އޮންނަ ގޮތަށް ބާއްވަން ބޭނުންފުޅު ނުވާތީ އެ ބައިތައް އިސްލާހު ކުރަން ޕީއެންސީގެ މެމްބަރުންނަށް ދަންނަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
25 އޯގަސްޓް 2025
މީޑިއާ ކޮންޓްރޯލް ކުރުމަކީ އެއްވެސް އިރެއްގައި ޝައުގުވެރިވެވަޑައިގަންނަވާ ކަމެއް ނޫން ކަަމަށާއި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރުން އައްޔަން ކުރެއްވުމުގައި ވެސް އެ މަނިކުފާނަށް ކޮންޓްރޯލް އޮންނަ ގޮތަށް ބާއްވަން ބޭނުންފުޅު ނުވާތީ އެ ބައިތައް އިސްލާހު ކުރަން ޕީއެންސީގެ މެމްބަރުންނަށް ދަންނަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނާ އެކު ބޭއްވި ޖަލްސާގައި މީޑިއާ ކޮމިޝަންގެ ބިލާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަށް އެ ބިލް އެކުލަވައިލަން ބޭނުންފުޅު ނުވާ ކަމަށެވެ.
ނޫސްވެރިކަން ރެގިއުލޭޓް ކުރުމާ އެކު، ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ ގޮތަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ބިލްގައިވާ ގޮތުން، ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނަށް މަޖިލީހުގެ ރުހުމާ އެކު ތިން މެމްބަރުން އައްޔަން ކުރުމުގެ ބާރު ލިބެނީ ރައީސަށެވެ. ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑަޅުއްވަނީ އެ ބިލުގައިވާ ގޮތުން ރައީސެވެ.
"އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް ހުރި ކަމެއް ނޫން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ. އަޅުގަނޑު އެއްވެސް އިރަކު ކުރި ކަމެއް ވެސް ނޫން. އަދި ކުރާނެ ވެސް ކަމެއް ނޫން،" ރައީސް މުއިއްޒު މިރޭ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ބިލް އިތުރަށް ދިރާސާ ކުރަން ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވާ ހިސާބަށް ހިނގައްޖެ ނަމަ، ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންނަށް މިހާރު ދަންނަވާފައި ވާނީ ކޮމިޝަނަށް އައްޔަންކުރާ ހަތް މެމްބަރުންގެ ތެރެއިން ބޭފުޅަކު އެ ކޮމިޝަންގެ ރައީސަކަށް ހަމަޖައްސާ ގޮތަށް ބިލް އިސްލާހު ކުރަން ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަކީ މީޑިއާ އަށް އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާކަށް. މީޑިއާ ވާން ޖެހޭނީ މިނިވަންކަމާ އެކު އޮޕަރޭޓް ކުރާ ބަޔަކަށް،" ރައީސް ވިދާޅުވި އެވެ.
"މިހާރު އޮތް ބިލްގައި ވެސް އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުގައި ހަތް މެމްބަރުންގެ ކޮމިޝަނެއް ހަދާއިރުގައި ހަތަރު މެމްބަރުން އަންނަނީ ވެސް މީޑިއާތަކުން ވޯޓުލައިގެން. ދެން ތިބި ތިން މެމްބަރުން ރައްޔިތުންގެ މަޖިލިހުން ވޯޓުލައިގެން ހޮވަނީ. އެ ހަތް މީހުންގެ ތެރެއިން ވެސް ރައީސް ނަގަން އަޅުގަނޑު ބޭނުންވަނީ އެ ހަތް މީހުން ވޯޓުލައިން،"
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ތަކުުރާރުކޮށް ވިދާޅުވީ، މީޑިއާ ރެގިއުލޭޓް ކުރުމުގައި ވެސް އަދި ބެލެހެއްޓުމުގައި ވެސް އެ މަނިކުފާނުގެ ކޮންޓްރޯލެއް ބާއްވަން ބޭނުންފުޅު ނުވާ ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި އޮންނަން ވާނީ ފުރިހަމަ މިނިވަންކަން އޮންނަ ގޮތަށް، ދެފުށް ފެންނަ ގޮތަށް، ޒިންމާދާރުކަމާއެކީގައި ހިންގޭ މީޑިއާއެއްގެ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ ހުރިގާ ފަރާތްތަކުން ވެސް މަސައްކަތް ކުރާނީ ޒިންމާދާރުކަމާ އެކީގައި ކަމަށް. އެއީ ތެދުބަހުން މައުލޫމާތު ފެތުރުމާއި ކަންކަމުގެ ދެކޮޅު ބަލައި ހަގީގަތް އޮޅުން ފިލުވައިގެން ތެދު މައުލޫމާތު ފޯރުކޮށްދިނުމާއި މިފަދަ ކަންކަން ކުރައްވާނެ ކަމަށް އަޅުގަނޑު ގަބޫލު ޔަގީން ކުރަން."
މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:
- ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000ރ. އާއި 25،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވުން.
- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވުން
- މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން
- ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން
- މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން
- ބްރޯޑްކާސްޓުކުރުން ހުއްޓުވަން އެންގުމުގެ ބާރު ލިބުން
މީޑިއާ ކޮމިޝަންގެ ބިލުގައި ބަޔާންކުރާ ކަންތައްތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހާއި މަޖިލިހުގެ އިދާރާގެ ބޭރުގައި ވެސް އިހުތިޖާޖުކޮށްފަ އެވެ. އަދި ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާތަކާއި ބޭރުގެ ޖަމިއްޔާތަކުން ވެސް ވަނީ މި ބިލު ހުށަހެޅުން ކުށްވެރިިކޮށް، ބިލު އަނބުރާ ގެންދަން ގޮވާލައިފަ އެވެ.
މީގެ އިތުރުން އެމްއެމްސީ އާއި އެމްޖޭއޭ އިން ވެސް ވަނީ ބިލްގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން އަނބުރާ ގެންދަން ގޮވާލައިފަ އެވެ.
"މީޑިއާ ކޮންޓްރޯލްކުރާ ބިލް މަޖިލީހުން ބޭރުކުރާނެ"
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް
ނޫސްވެރިންނަށް ތަންމިނަށް މިނިވަންކަން ދީފައިވޭ: ސައީދު
"ނޫސްވެރިން އުލުބައިންދަން ނުބުނެވޭ، މައްސަލަ ބަލާނެ"
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް
ކޮމިޝަނުގައި ރައީސްގެ ބާރެއް ބޭނުންފުޅެއް ނޫން: ޚަލީލް
މުލީއާގެ ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖުކުރަނީ
އިހުތިޖާޖުކުރަނިކޮށް ނޫސްވެރިންނަށް ހުރަސްއަަޅައިފި
ސަރުކާރުން މީޑިއާ ރެގިއުލޭޓްކުރުމަކީ ބޮޑު ގޯހެއް!
މީޑިއާ ބިލު މަޖިލީހުން ބޭރުކުރަން ސީޕީޖޭއިން ގޮވާލައިފި