Roadha Mihaaru
ހިދުމަތްކޮށްދެވިއްޖެ، ދެން މި ވަކިވަނީ: ޑރ. ނާޒް

ހިދުމަތްކޮށްދެވިއްޖެ، ދެން މި ވަކިވަނީ: ޑރ. ނާޒް

23 އޯގަސްޓް 2016

ނަފްސާނީ ދާއިރާއިން ރާއްޖެ އަށް އެކަށީގެންވާ ހިދުމަތްތަކެއް ކޮށްދެއްވިއްޖެ ކަމަށް ވިދާޅުވެ، ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒު ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން ނިންމަވައިިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ނަފްސާނީ ދާއިރާއިން ރާއްޖެ އަށް އެކަށީގެންވާ ހިދުމަތްތަކެއް ކޮށްދެއްވިއްޖެ ކަމަށް ވިދާޅުވެ، ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒު ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން ނިންމަވައިިފި އެވެ.

ރާއްޖޭގެ ފުރަތަމަ ކްލިނިކަލް ސައިކޮލޮޖިސްޓް، ނާޒު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ "ޕީއެޗްޑީ އަށް ފަހު ގައުމަށް ހިދުމަތް ކޮށްދެވިއްޖެ ކަމަށާއި ދެން ބޭނުންވަނީ ހުވަފެންތައް ހަގީގަތަކަށް ހަދަން ރާއްޖެއިން ބޭރުގައި ދިރިއުޅެން" ކަމަށެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި އާއިލާއާ އެކު ސްރީ ލަންކާ އަށް އަންނަ ހަފުތާގައި ވަޑައިގަންނަވަން އޭނާ ނިންމެވީ އިންސާނިއްޔަތަށް ހިދުމަތް ކޮށްދެއްވާށެވެ.

ޑރ. އައިޝަތު އަލީ ނާޒް އާއިލާއާ އެކު: ރާއްޖެ އަށް އެކަށީގެންވާ ހިދުމަތްތަކެއް ކޮށްދެވިއްޖެ ކަމަށް ވިދާޅުވި

ޑރ. އައިޝަތު އަލީ ނާޒް އާއިލާއާ އެކު: ރާއްޖެ އަށް އެކަށީގެންވާ ހިދުމަތްތަކެއް ކޮށްދެވިއްޖެ ކަމަށް ވިދާޅުވި

"އަޅުގަނޑުގެ ހުވަފެންތަކެއް އެބަހުރި. ބޭނުންވަނީ ރާއްޖޭން ދުރަށް ގޮސް އިންސާނިއްޔަތަށް ހިދުމަތެއް ކޮށްދޭން. ކިޔަވައިދޭން. ރިސާޗުތައް ހަދަން. އަދި ތަފާތު އެހެން ރޮނގަކުން ކުރިއަށް ދާން،" އާންމު ހިދުމަތުގެ އިނާމް ވެސް ހޯއްދަވާފައިވާ ނާޒް ވިދާޅުވި އެވެ.

ނަފްސާނީ ކަންކަމާއި އެއާ ގުޅުން ހުރި ދާއިރާތަކުން ނާޒު ވަނީ 17 ވަރަކަށް އަހަރު ރާއްޖޭގައި ހިދުމަތް ކުރައްވައިފަ އެވެ. ނާކޮޓިކްސް ކޮންޓްރޯލް ބޯޑާއި ޕެރޯލު ބޯޑުގެ ވެސް މެމްބަރުކަން އޭނާ ކުރެއްވި އެވެ. އަދި އޭނާއަކީ ނަފްސާނީ ފަރުވާދެއްވުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ކްލިނިކެއް ގާއިމު ކުރެއްވި ބޭފުޅާ އެވެ. މީޑިއާ އާ ގުޅުން ބޮޑު، އަދި އާންމު ހޭލުންތެރި ކަމަށް ޓަކައި ތަފާތު އެކި ލިޔުއްވުންތައް ލިޔުއްވައި ވީޑިއޯ ޕްރޮގްރާމްތައް ހައްދަވައި އެ ދާއިރާއިން މައުލޫމާތު ފެތުރުއްވުމުގައި ވެސް ނާޒުގެ ހިއްސާ ވަރަށް ބޮޑެވެ. ގިނަ އަދަދަކަށް ހިލޭ ވޯކްޝޮޕްތައް ވެސް އޭނާ ބޭއްވެވި އެވެ.

ނާޒު މިހާރު ވެސް އަންނަނީ ނަފްސާނީ އެކި ކަންކަމާ ގުޅޭގޮތުން ޓީވީ ޝޯތައް ހުށަހަޅައިދެއްވަމުންނެވެ.

މައުލޫމާތު ދިނުމުގެ ސެޝަނެއްގައި ޑރ. ނާޒް ޒުވާނުންތަކަކާއެކު: ނަފްސާނީ ދާއިރާއިން ހިދުމަތް ދިނުމުގައި ރާއްޖޭގައި ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވި

މައުލޫމާތު ދިނުމުގެ ސެޝަނެއްގައި ޑރ. ނާޒް ޒުވާނުންތަކަކާއެކު: ނަފްސާނީ ދާއިރާއިން ހިދުމަތް ދިނުމުގައި ރާއްޖޭގައި ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވި

އޭނާ ވިދާޅުވީ ރާއްޖޭން ބޭރަށް ދިރިއުޅުއްވުން ބަދަލު ކުރެއްވި ނަމަވެސް އަހަރެއް ވާންދެން މަހަކު އެއް ފަހަރު ރާއްޖެ ވަޑައިގެން، އޭނާގެ ކްލިނިކްގައި ފަރުވާ ދެއްވާނެ ކަމަށެވެ. އަދި 21 މުވައްޒަފުންނާއެކު ހިދުމަތް ދެމުން އަންނަ "މިޕްސްޓާ" ކްލިނިކް ދެން ހިންގަވާނީ ބޭރު ގައުމެއްގެ ތަޖުރިބާކާރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ނެތަސް ކްލިނިކުން ހިދުމަތް ލިބޭނެ. ދެން (ކްލިނިކަށް) އަންނާނީ ނާޒު ހޯދާކަށް ނޫން. ހިދުމަތް ހޯދަން،" އޭނާ ވިދާޅުވި އެވެ.

ނާޒު ވިދާޅުވީ ރާއްޖޭގައި އޭނާ ހިދުމަތް ދެމުން އައީ ވަރަށް ބޮޑެތި ގޮންޖެހުމާއި ދަތިތަކާ އެކުގައި ކަމަށެވެ.

"މި މަސައްކަތް ކުރުމަށް އަޅުގަނޑަކަށް ގިނަ މީހުންގެ ހިތްވަރެއް ނުލިބޭ. ވަރަށް ސްޓްރަގްލް ކޮށްގެން މިހާ ހަމައަށް މި އާދެވުނީ ވެސް. މިހާރު ވަރުބަލިވެއްޖެ،" ރާއްޖޭގައި މި ދާއިރާއިން ކުރިޔަށް ދިޔުމަށް ހުރި ގޮންޖެހުންތައް ގިނަކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވި އެވެ.

ނާޒު ވިދާޅުވީ ނަފްސާނީ މައްސަލަތައް ދިވެހިންގެ ގިނަ ނަމަވެސް އެ ކަންކަމަށް ފަރުވާދޭ މީހުންނާއި ވަސީލަތްތައް ވަރަށް މަދު ކަމަށެވެ. އަދި މި ހުރިހާ ދުވަހު ރާއްޖެ ވަޑައިނުގެން ހުންނެވީ އެ ސަބަބާ ހުރެ ކަމަށާއި ދިރިއުޅުން އެހެން ގައުމަކަށް ބަދަލު ކުރައްވާއިރު އެންމެ ބޮޑު ހިތާމައަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ. އެކަމަކު އުއްމީދަކީ ސަރުކާރާއި އެހެން އިދާރާތަކުގެ މާ ބޮޑު ޕްރެޝަރެއް ނެތި، ރާއްޖޭގައި އެންމެ އެކަށީގެންވާ ގޮތަށް މެންޓަލް ހެލްތުގެ ފަރުވާ ލިބޭނެ ގޮތް ވުން ކަމަށް ނާޒު ވިދާޅުވި އެވެ.