Roadha Mihaaru
ޑރ. ނާޒު ރާއްޖޭގައި އަލުން މަސައްކަތް ފައްޓަވައިފި

ޑރ. ނާޒު އެނބުރި ރާއްޖެ ވަޑައިގެން، މަސައްކަތް ފައްޓަވައިފި

02 އޮކްޓޯބަރ 2017

މީގެ އަހަރެއްހާ ދުވަސް ކުރިން ސްރީ ލަންކާއަށް ދިރިއުޅުން ބަދަލުކުރެއްވި މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒު އެނބުރި ރާއްޖެ ވަޑައިގެން، އޭނާގެ މަސައްކަތް އަލުން ފައްޓަވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މީގެ އަހަރެއްހާ ދުވަސް ކުރިން ސްރީ ލަންކާއަށް ދިރިއުޅުން ބަދަލުކުރެއްވި މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒު އެނބުރި ރާއްޖެ ވަޑައިގެން، އޭނާގެ މަސައްކަތް އަލުން ފައްޓަވައިފި އެވެ.

ނާޒު ވިދާޅުވީ އަމިއްލަ ގައުމުގައި އަނެއްކާވެސް އޭނާގެ ޚިދުމަތް ފެއްޓެވީ "ކުރަން ދިޔަ ކަންކަން ނިމި، ދިވެހިންނަށް އަދިވެސް ހިދުމަތް ކޮށްދޭން ޖެހޭ ކަމަށް ހިތް ބުނުމުން" ކަމަށެވެ.

ލަންކާގައި އުޅުއްވި އިރު ވެސް އޭނާ ވަނީ ނަފްސާނީ ފަރުވާ ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވައިފަ އެވެ. އަދި އެ ދާއިރާއިން މާސްޓާސް ހަދާ ދަރިވަރުންނަށް ކިޔަވައި ވެސް ދެއްވި އެވެ.

ނާޒު ވިދާޅުވީ ލަންކާގައި އޭނާ މަސައްކަތް ކުރެއްވި އިރު ވެސް ކޮންމެ ދުވަހަކު ދިވެހިން އޭނާ ކައިރިއަށް ދާ ކަމަށާއި އެކަމާ ވަރަށް ހިިތްދަތިވި ކަމަށެވެ.

"އެޕޮއިންޓްމެންޓް ހޯދައިގެން، ދަތުރު ހަދައިގެން އަޅުގަނޑު ކައިރިއަށް ރާއްޖޭން ކޮންމެ ދުވަހަކު ވެސް މީހުން އާދޭ. މިއީ ގިނަ މީހުންނަށް އެފޯޑް ކުރެވޭނެ ކަމެއް ވެސް ނޫން،" ނާޒު ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުގެ ހިތް ބުނީ މި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ރާއްޖެ ދާން ވެއްޖެ ކަމަށް."

ނަފްސާނީ ކަންކަމާއި އެއާ ގުޅުން ހުރި ދާއިރާތަކުގައި ނާޒު އަމަލީ ގޮތުން މަސައްކަތްކުރައްވާތާ 17 ވަރަކަށް އަހަރު ވެއްޖެ އެވެ.

ރާއްޖޭގައި އަލުން ގިނަ ކަންތައްތަކެއް ކުރައްވަން ނާޒު ވަނީ ރާއްވަވާފަ އެވެ. އެގޮތުން ނަފްސާނީ ބަލިތަކަށް ފަރުވާ ދެއްވަން ރަށްރަށަށް ވަޑައިގަތުމާއި ރާއްޖޭގައި ނަފްސާނީ ބަލި ހުރި މިންވަރު ދެނެގަތުމަށް ދިރާސާތައް ހެއްދެވުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ނަފްސާނީ ބަލިތައް ގިނަ ނަމަވެސް، އޭގެ މިންވަރާއި ސަބަބުތައް ހޯދަން މިހާތަނަށް ދިރާސާއެއް ހަދާފައި ނެތްކަން ފާހަގަކުރައްވައި ނާޒު ވިދާޅުވީ އެ ދާއިރާގެ ގިނަ މައުލޫމާތު އެއްކުރެވިފައި ހުރުމުން އެކަންކަން އިތުރަށް ބައްލަވަން ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

ނަފްސާނީ ފަރުވާދިނުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ކްލިނިކް "މިޕްސްޓާ"ގެ ހިދުމަތް ރަނގަޅު ކުރަން ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަން އޭނާ ވަނީ ނިންމަވައިފަ އެވެ.

ނާކޮޓިކްސް ކޮންޓްރޯލް ބޯޑާއި ޕެރޯލު ބޯޑުގެ މެމްބަރުކަން ކުރެއްވި ނާޒަކީ މީޑިއާއާ ގުޅުން ބޮޑު، އަދި އާންމު ހޭލުންތެރިކަމަށް ލިޔުއްވައި ވީޑިއޯ ޕްރޮގްރާމްތައް ވެސް ހެއްދެވި ބޭފުޅެކެވެ.