Roadha Mihaaru
ފުރޮޅުގޮނޑީގައި އިނދެގެން ރައިޝަން ޑިގްރީ ނިންމާލައިފި

ފުރޮޅުލީ ގޮނޑީގައި އިނދެގެން ރައިޝަން ޑިގްރީ ނިންމާލައިފި

29 އެޕްރީލް 2024

ކޮންމެ ހާލަތެއްގައި ވެސް ކިޔެވޭނެކަން މުހައްމަދު ރައިޝާން އަނެއްކާ ވެސް މިއަދު ސާބިތުކޮށްދީފި އެވެ. މަސްކިއުލާ އެޓްރޮޕީ ޓައިޕް ދޭއް ނުވަތަ މައިބަދައިގެ މައްސަލައެއްގެ ސަބަބުން ހިނގުމުން މަރުހޫރުމްވެފައިވާ ރައިޝަން ވަނީ، ފުރޮޅުލީ ގޮނޑީގައި އިނދެގެން ޑިގްރީ ފުރިހަމަކޮށްފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮންމެ ހާލަތެއްގައި ވެސް ކިޔެވޭނެކަން މުހައްމަދު ރައިޝާން އަނެއްކާ ވެސް މިއަދު ސާބިތުކޮށްދީފި އެވެ. މަސްކިއުލާ އެޓްރޮޕީ ޓައިޕް ދޭއް ނުވަތަ މައިބަދައިގެ މައްސަލައެއްގެ ސަބަބުން ހިނގުމުން މަރުހޫރުމްވެފައިވާ ރައިޝަން ވަނީ، ފުރޮޅުލީ ގޮނޑީގައި އިނދެގެން ޑިގްރީ ފުރިހަމަކޮށްފަ އެވެ.

ގައުމީ ޔުނިވާސިޓީން ސައިކޮލޮޖީގެ ތިން އަހަރުގެ ޑިގްރީ ފުރިހަމަކުރުމަށް ފަހު 22 އަހަރުގެ ރައިޝާން ވަނީ މައި ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ދަސްވެނިވެފަ އެވެ.

އޭނާ "މިހާރު" އަށް ބުނީ އުނދަގޫ ހާލަތެއްގައި ވެސް ކިޔެވުން ކުރިއަށް ގެންދަން އެމްއެންޔޫގެ މެނޭޖްމަންޓު އަދި ހެލްތު ސައިންސަސް ފެކަލްޓީ އަދި އެކުގައި ކިޔެވި ހުރިހާ ރައްޓެހިންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ. އެ މަސައްކަތުގެ ނަތީޖާއަކީ 35 ދަރިވަރުން ކިޔަވަމުން ދިޔަ ޑިގްރީ ބެޗުން އެންމެ މޮޅު ހަތް ދަރިވަރުންގެ ތެރޭގައި ހިމެނި، ޑިސްޓިންކްޝަން އެވޯޑު ހާސިލްކުރުމެވެ.

"ކްލާހަށް ދެވޭ ހުރިހާ ދުވަހެއްގައި ކްލާހަށް ގޮސްގެން ކިޔެވީ. ގަޑިތައް އޮންނާނީ ހަވީރު ހަތަރަކުން ފެށިގެން. ބައެއް ދުވަސްދުވަހު ރޭގަނޑު 10 ޖަހަންދެން ވެސް އޮންނާނެ." އިޖުތިމާއީ އެކި ހަރަކާތްތަކަށް ވެސް ވޮލެންޓިއާ ކުރާ ރައިޝަން ބުންޏެވެ.

ރައިޝާން، ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އޭނާގެ މަންމަ އައިންތުއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރައިޝާން، ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އޭނާގެ މަންމަ އައިންތުއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ސައިކޮލޮޖީގެ ކޯސް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޮވިޑު ފެތުރެން ފެށުމުން ކިޔެވުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. އެހެންވެ، ފުރަތަމަ ދުވަސްކޮޅު ގޭގައި ހުރެގެން ކިޔަވަން ޖެހުމުން ރައިޝަނަށް ފަސޭހަވެގެން ދިޔަ އެވެ. އެކަމަކު، ޔުނިވާސިޓީތައް އަލުން ހުޅުވުމުން އަނެއްކާ ވެސް ކްލާހަށް ގޮސްގެން ކިޔެވޭނެ މަގެއް ހޯދަން ޖެހުނެވެ.

ހެލްތު ސައިންސަސް ފެކަލްޓީގެ ކެމްޕަސް ހިންގަނީ ދިވެހިރާއްޖޭގެ އަޑު ކައިރީގަ އެވެ. އޭރު ރައިޝަން އުޅެމުން ދިޔައީ ސީއެޗްއެސްއީ ކައިރީގައި ހުންނަ ގެއެއްގައި ކަމަށް ވާތީ، އެހާ ދުރު ތަނަކަށް ފުރޮޅުލީ ގޮނޑީގައި ދަތުރުކުރުން ވެގެން ދިޔައީ ބޮޑު ތަކްލީފަކަށެވެ. ނަމަވެސް، ފަހުން ރެޑް ކްރެސެންޓުގެ ވޭނެއް ހަމަޖައްސައި، އޭގައި ދަތުރުކުރަން ފެށި އެވެ.

ރައިޝަން ބުނީ ރެޑް ކްރެސެންޓުގެ ވޭނުގައި ކުރި ދަތުރުގެ އެއް ބަޔަށް ހަރަދުކޮށްދިނީ ހެޔޮ އެދޭ މީހެއް ކަމަށެވެ. ބާކީ ބައި ދެއްކީ މަންމަ އެވެ. އަދި ކާކުކަން ނޭނގޭ ހެޔޮ އެދޭ މީހެއްގެ ފަރާތުން، އެއް އަހަރުވަންދެން ލިބުނު ބޮޑު އެހީއަށް އެ އާއިލާއިން ޝުކުރު އަދާކުރެ އެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތަށްފަހު، އެމްއެންޔޫގެ ޗާންސެލާ ޑރ. ޝައުގީ، ރައިޝަންގެ ސެޓްފިކެޓު ބައްލަވާލައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ދަސްވެނިވުމުގެ ރަސްމިއްޔާތަށްފަހު، އެމްއެންޔޫގެ ޗާންސެލާ ޑރ. ޝައުގީ، ރައިޝަންގެ ސެޓްފިކެޓު ބައްލަވާލައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭގެ ފަހުން ހުޅުމާލޭގެ 2 ވަނަ ފިޔަވައްސަށް ބަދަލުވި އެވެ. ދަތުރުކުރުމުގައި އިތުރަށް އުނދަގޫވިއަސް ރައިޝަންގެ ކިޔެވުން މެދުކަނޑާނުލައި ކުރިއަށްގެންދިޔަ އެވެ.

"ތިން ވަނަ ސެމިސްޓާ ނިންމާފައި ބަލާލިއިރު، އެ ސެމިސްޓާގައި އެކަނި ވެސް ދަތުރަށް 15،000ރ. ހަރަދުވި. ފަހުން، ޖަޕާނު ސަރުކާރުން ހަދިޔާކުރި އެކްސެސިބުލް ވެހިކަލްގައި ދަތުރުކުރަން ފެށީމަ ކޮންމެވެސް ވަރެއްގެ ލުއެއް ލިބުނު." ރައިޝަން ބުންޏެވެ.

އޭނާ ބުނީ އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑު ބަލިކަށިވަމުންދާ ކަމަށެވެ. ރަނގަޅަށް ކަނދުރާ ވެސް ހަރެއް ނުލަ އެވެ. އަތުގެ ހަރަކާތްތައް ވެސް ދަނީ ދަށްވަމުންނެވެ. އެހެންވެ، ކޮލެޖުގައި ލެބޯޓްރީގައި ހަދަން ޖެހުނު އެކްސްޕެރިމެންޓުތައް ފުރިހަމަކުރީ ލެކްޗަރާއިންގެ ވަރަށް ބޮޑު އެއްބާރުލުމާއެކުގަ އެވެ.

ކިޔެވުން ނިންމިއަސް މި ވަގުތު އޭނާ އިތުރު މަސައްކަތެއް އަދި ނުކުރެ އެވެ. ރައިޝަން ވިސްނައިގެން ހުރީ އޭނާއަށް ދިމާވާ އުނދަގޫތަކަށް ލުއެއް ހޯދަން، އިންޑިއާއިން ލަފާދިން ސްކޯލިއޯސިސް ކަރެކްޝަން ސާޖަރީ ހަދާށެވެ. އެ ފަރުވާއަށްފަހު މަސައްކަތް ފަށާނެ ކަމަށް އޭނާ ބުންޏެވެ.

ރައިޝަން، ދަސްވެނިވުމުގެ ރަސްމިއްޔާތަށްފަހު ފުރޮޅުލީ ގޮނޑީގައި ހިނގާފައި ދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރައިޝަން، ދަސްވެނިވުމުގެ ރަސްމިއްޔާތަށްފަހު ފުރޮޅުލީ ގޮނޑީގައި ހިނގާފައި ދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރައިޝަން ބުނީ ކިޔެވުމަށް އޭނާ ކުރާ މަސައްކަތް މި ހިސާބުން އަދި ނުނިމޭނެ ކަމަށެވެ. ޕާފޯމެންސް ސައިކޮލޮޖީ ރޮނގުން ހާއްސަވުމަށް އޭނާގެ ހާއްސަ ޝައުގުވެރިކަމެއް ހުއްޓަސް، މި ސަރަހައްދުން އެ މާސްޓާސް ހެދޭކަށް ނެތެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީއަކުން އެ ކޯސް ކުރިއަށްގެންދާތީ، ރައިޝަން ބޭނުންވަނީ ލައިފް ކޯޗަކަށް ވެސް މަސައްކަތްކުރެވޭނެ ޕާފޯމެންސް ސައިކޮލޮޖިސްޓަކަށް ވާށެވެ.

"މާސްޓަސް ހަދަން ދެވޭނެ ދުވަހެއް ނޭނގެ. ފުދޭވަރަކަށް ބޮޑު ހަރަދެއް ހިނގާނެ." ރައިޝަން ބުންޏެވެ.

ފުރޮޅުލީ ގޮނޑީގައި އިނދެގެން އޯ ލެވެލްގެ ގައުމީ ގަދަ 10ގެ 10 ވަނަ އަދި 2019 ގައި ހެދި އޭ ލެވެލް އިމްތިހާނުގައި ވެސް ރައިޝާން ވަރަށް ރަނގަޅު ނަތީޖާއެއް ހޯދި އެވެ.