Roadha Mihaaru
ރައީސްގެ ނަސޭހަތަކީ ކިޔެވުމުގެ ދަތުރުގައި ހިތްވަރުކުރަން

ރައީސްގެ ނަސޭހަތަކީ ކިޔެވުމުގެ އުނދަގޫ ދަތުރުގައި ހިތްވަރުކުރަން

31 އޮކްޓޯބަރ 2024

މަތީ ތައުލީމް ހާސިލްކުރާއިރު އުނދަގޫ އެތައް ކަމެއް ތަހައްމަލުކުރަން ޖެހޭނެ ކަމަށާއި، ހިތްވަރާ އެކު މަސައްކަތްކުރުމުގެ ފޮނި ނަތީޖާ ހާސިލްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމް ހާސިލްކުރާއިރު އުނދަގޫ އެތައް ކަމެއް ތަހައްމަލުކުރަން ޖެހޭނެ ކަމަށާއި، ހިތްވަރާ އެކު މަސައްކަތްކުރުމުގެ ފޮނި ނަތީޖާ ހާސިލްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެންޔޫގެ ދަސްވެނިވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދަސްވެނިވުމާ ހަމައަށް ދަރިވަރުން އެ ކުރީ ވަރަށް ބުރަ އަދި ގޮންޖެހުންތައް ބޮޑު މަސައްކަތެއް ކަމަށެވެ.

އެހެންވެ، ކިތައްމެ ބޮޑު ޗެލެންޖެއް ކުރިމަތިވިއަސް އަޒުމަކަށް ވާންވީ ފުރަތަމަ އަމިއްލަ ނަފްސަށް އިތުބާރުކުރުން ކަމަށާއި ރަނގަޅު ވިސްނުމެއްގައި ކުރިއަށް ގޮސްފިނަމަ ދިރިއުޅުން ވެސް ކާމިޔާބުވާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.

"ހަނދާނަށް ގެންނަންވީ މިއަދާ ހަމައަށް އައުމަށް ކުރި މަސައްކަތް. އެއީ، ވަރަށް މުހިންމު ކަމެއް. އެއީ ކީއްވެތޯ؟ އެއީ އެހާ ބުރަ މަސައްކަތާ އެކީގައި، މިހާ މަތީ ވަނަތައް ހޯދައިގެން ނުކުމެ، އެ ކުރެވުނު ކަންކަން މަތިން ހަނދާންނުކޮށް ދެން ކުރިއަށްދާން ވެއްޖިއްޔާ ހަގީގަތުގައި ތިމާގެ ކިބައިން ކުރިން އަޅުގަނޑު ދެންނެވި ފަދައިން، ގައުމަށް ކޮށްދެވޭނެ ކަމަކީ ކޮބައިތޯ ބަލައި އެންމެ ރަނގަޅު މިންވަރެއްގައި އެކަން ކުރުމުގައި ކުރިއަށް ދިއުމަށް އުނދަގޫތަކެއް ކުރިމަތިވާނެ. އެ އަޒުމް ވަރުގަދައެއް ނުވާނެ." ރައީސް ވިދާޅުވި އެވެ.

ބުރަ މަސައްކަތުން ގްރެޖްއޭޓުވެ، އަމަލީ މައިދާނަށް ނުކުމެ ފަށަނީ އަމިއްލަ ދިރިއުޅުން އިތުރަށް އާރާސްތު ކުރުމުގެ ހަޔާތާ އެކުގައި ކަމަށާއި ގައުމަށް އެ މީހާގެ ކިބައިން ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލައި އެ ކަމެއް ކޮށްދެވޭތޯ ބަލަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްއެންޔޫއިން ހިންގި ޝަރީއާ ޑިގްރީ ކޯހުން އެއްވަނަ ހޯދި ދަރިވަރަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިނާމު ހަވާލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

އެމްއެންޔޫއިން ހިންގި ޝަރީއާ ޑިގްރީ ކޯހުން އެއްވަނަ ހޯދި ދަރިވަރަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިނާމު ހަވާލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

"ތިމަންނައަކީ ދިވެއްސަކަށްވީތީ މި ދިވެހި ގައުމަށް އުފަންވި، ނޭވާލާ ދިވެއްސެއްގެ ފަރާތުން ފެންނަންޖެހޭ ހުރިހާ ކަމެއް ގައުމަށްޓަކައި ފެންނާނެ މީހެއް ކަމުގައި އަޒުމް ކަނޑައަޅަންޖެހޭ. އެއީ ކީއްވެތޯ؟ އެއީ، އަޅުގަނޑުމެންނަށް ލޯމަރާނުލެވެނެ ހަގީގަތެއް ކަމުގައި މިއަދުގެ މި ދުނިޔެ އޮތީތީ. އަޅުގަނޑުމެންނަކަށް ލޯމަރައެއްނުލެވޭނެ އަޅުގަނޑުމެންގެ މި ބަވަނަވެފައިވާ މި ދުނިޔޭގައި ކަންތައްތައް މި ވަމުންދާގޮތުން. ހަމައެކަނި ތިމަންނަގެ އަނބިދަރިންނަށް، އާއިލާއަށް އެކަނި ވިސްނައިގެން މިވަގުތަކު ނެތް ކުރިޔަށް ދެވޭކަށް." އެ މަނިކުފާނު ވިދާޅުވި އެވެ.

ޕީއެޗްޑީގައި ރައީސް: ދަތި ދުވަސްވަރަކުން ރަނގަޅު ނަތީޖާއެއް

ތިން ސަތޭކައަށްވުރެ ގިނަ ދަރިވަރުން ގްރެޖުއޭޓްވި ހަފުލާގައި ރައީސް ވަނީ، ސިވިލް އިންޖީނިއަރިންގެ ދާއިރާއިން އެ މަނިކުފާނު ޕީއެޗްޑީ ހާސިލްކުރައްވަން އުޅުއްވި ދުވަސްވަރުގެ ތަޖުރިބާ ހިއްސާކުރައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް އިނގިރޭސިވިލާތުގައި ހޭދަކުރެއްވި އަށް އަހަރު އެކި ތަޖުރިބާތަކާ ކުރިމަތިވެވަޑައިގަތް ކަމަށެވެ. އެއީ ވަރަށް ދަތި ދުވަސްވަރަކަށް ވިއަސް ކާމިޔާބު ހާސިލްވީ ނުގުޑާ އަޒުމާއި އެތައް ބައެއްގެ އެހީގައިކަން ފާހަގަކުރެއްވި އެވެ.

"ވަރަށް ދަތި ދުވަސްތައް. އެހެން ނަމަވެސް ނަތީޖާ އަޅުގަނޑަށް މުހިއްމީ. ހާސިލްކުރަން ދިޔައީ ނަތީޖާ. އިރާދަކުރެއްވީތީ، އެ ނަތީޖާ ތިޔަ ބޭފުޅުން ވެސް ތިޔަ ހާސިލުކުރީ." ރައީސް ވިދާޅުވި އެވެ.

ކޮންކްރީޓް ޓެކްނޮލޮޖީއަށް ހާއްސަވެ ޕީއެޗްޑީ ދިރާސާ ފުރިހަމަކުރެއްވުމަށް ފަހު ހަތަރު މަސް ދުވަހު، އެކަމަށް ސީދާ ވަގުތު ދެއްވަން އެ މަނިކުފާނު އަނބިކަނބަލުންނާއި އޭރު ތިއްބެވި ދެ ބޭފުޅުން ފަހުން މާލެއަށް ބަދަލުކުރެއްވި އެވެ.

އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި ފަހު ދުވަސްތަކުގައި ދުވާލުގެ 24 ގަޑިއިރުގެ ތެރެއިން ވިއްސަކަށް ގަޑިއިރު ހޭދަވަނީ ރިސާޗުގެ މަސައްކަތަށެވެ.

"ނިދީ ދެ ގަޑިއިރު ތިން ގަޑިއިރު. ޔުނިވާސިޓީއަށް ގޮސް އަންނަން ދާނެ ވަގުތާ އެކީގައި، ހަތަރު ގަޑިއިރަށްވުރެ ގިނައަކުން ނުދާނެ އެހެން ކަމަކަށް. އެ މަސައްކަތް އިރާދަކުރެއްވީތީ ކޮށް ނިމުނީމާ އެކްސްޓާނަލް އެގްޒެމިނާ ބުނި ހަނދާން އަދިވެސް އެބަހުރި. ތިމަންނަ އެއްކޮޅުން އަނެއްކޮޅަށް ތިއަރެޓިކަލް އެނަލިސިސް ކިޔާކިޔާ ވެސް މިސްޓޭކެއް ނުފެނުނޭ. ކިހިނެއްހޭ ހެދީ. އަޅުގަނޑު ދެންނެވީ، ސުޕަވައިޒަރުގެ އެހީތެރިކަމާއެކީގައި އެ ދިން ސަޕޯޓާއެކީގައި ދެން އަޅުގަނޑު އެ ގައިޑަންސާ އެކީގައި މަސައްކަތް ކުރީއޭ." ރައީސް ވިދާޅުވި އެވެ.

"ރެއާ ދުވާލު ލެބޯޓްރީގައި އުޅެން ޖެހުނީ. ވަކި ވައްތަރެއްގެ ސްޕެސިމަންތަކެއް ހަދައިގެން އޭގެ ދަށަށް ވަދެ އޮވެ، 1.2 މީޓަރު، 1.2 މީޓަރުގެ އެލް ޝޭޕްގެ ބްލޮކެއް ހަދައި ވަކި ގޮތަކަށް މިކްސްކޮށްގެން ކޮންކްރީޓް ހަދައިގެން އޭތި ވަކިގޮތަކަށް ކިޔޯ ކޮށްގެން އޭގެ މަތީގައި އަދި އަޑީގައި ސަތޭކައަށްވުރެ ގިނަ އެކި ވައްތަރުގެ ޓެމްޕަރޭޗާ މެޝާކުރާ ޑިވައިސްތަކާއި މޫވްމަންޓް މެޝާކުރާ ޕޮއިންޓްސްތައް އަމިއްލައަށް ބުރުމާއިން ތޮރުފައިގެން ހަރުކޮށްގެން ރެޔާއި ދުވާލު ވަކި ގަޑިތަކެއްގައި ބިންމަތީ އޮށޯވެ އޮވެގެން އެއިން ރީޑިން ނަގައިގެން އެތައް އަހަރެއް ހޭދަކުރީ."

އެ މަނިކުފާނު ވިދާޅުވީ ވަރުގަދަ އަޒުމަކާއި ހިންމަތާއެކު އެ މީހަކު ދާން ބޭނުންވާ ހިސާބަށް ދިއުމަށް މަސައްކަތްކުރުން ނަތީޖާ ރަނގަޅުވާނޭ ކަމަށެވެ. އެ ނަތީޖާގެ މައްޗަށް އެ މީހާ އިތުރު ހިތްވަރަކާ އެކީގައި ދެން އޮތް ހަރުފަތަކަށް ދިއުމަށް މަސައްކަތް ކުރަންޖެހޭނެކަން ފާހަގަކުރެއްވި އެވެ.