Roadha Mihaaru
އެމްއެންޔޫގެ ފަސްކުރި ދަސްވެނިވުން އަންނަ މަހު

ކޮވިޑާ ގުޅިގެން ފަސްކުރި އެމްއެންޔޫގެ ދަސްވެނިވުން ފަސް ދުވަހަށް ބަހާލައިގެން އަންނަ މަހު ބާއްވަނީ

09 ސެޕްޓެމްބަރ 2021

ކޮވިޑް-19ގެ ސަބަބުން ފަސްކުރަން ޖެހުނު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަސްވެނިވުން ފަސް ދުވަހަށް ބަހާލައިގެން އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19ގެ ސަބަބުން ފަސްކުރަން ޖެހުނު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަސްވެނިވުން ފަސް ދުވަހަށް ބަހާލައިގެން އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

މި ދަސްވެނިވުންތައް ބާއްވަން ނިންމާފައި ވަނީ އަންނަ މަހު 17 އިން 21 ގެ ނިޔަލަށެވެ. އެއީ 2019 ގެ ފަހު ޓާމުގައި ނިމުނު ދަރިވަރުންނާއި މިދިޔަ އަހަރުގެ ދެ ޓާމާއި އަދި މިއަހަރުގެ ފުރަތަމަ ޓާމުގައި ނިމުނު ދަރިވަރުންގެ ދަސްވެނިވުމެވެ.

އެމްްއެންޔޫ އިން ބުނީ މިފަހަރު 1،400 ދަރިވަރުން އެ ޔުނިވާސިޓީން ދަސްވެނި ވާނެ ކަމަށެވެ. ނަމަވެސް ރަސްމިއްޔާތުގައި ބައިވެރިވާނެ ދަރިވަރުންގެ އަދަދު އެނގޭނީ ފޯމު ހުށަހަޅާ ނިމުމުން ކަމަށް އެތަނުން ބުންޏެވެ.

މި ދަސްވެނިވުމުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން މިއަދު 2:00 ގެ ކުރިން ގޫގުލް ފޯމު މެދުވެރިކޮށް ފޯމު ހުށަހަޅަން ޖެހެ އެވެ.

އެހެން ދަސްވެނިވުންތަކާ ހިލާފަށް މި ފަހަރު ރަސްމިއްޔާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދަރިވަރުންނަށެވެ. އަދި ކުރިން ފަސްކުރި ދަސްވެނިވުމުގައި ބައިވެރިވުމަށް އެދިފައިވާ ދަރިވަރުން ސެޓްފިކެޓް ކުރިން ނަގާފައި ވިޔަސް، މި ދަސްވެނިވުމުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.

އެމްއެންޔޫ އިން މިދިޔަ އަހަރު މާޗު 8 ގައި ބާއްވަން އުޅުނު ދަސްވެނިވުން ފަސްކުރީ، އޭގެ އެއް ދުވަސް ކުރިން ފުރަތަމަ ފަހަރަށް ރާއްޖެ އިން ކޮވިޑް-19ގެ ކޭސްއެއް ފެނުމުންނެވެ. އޭގެ ފަހުން އެ ޔުނިވާސިޓީގެ ހަތަރު ދަސްވެނިވުމަށް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

އެމްއެންޔޫގެ ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވަނީ ޑިގްރީ އަށް ވުރެ މަތިން ދަސްވެނިވާ ދަރިވަރުންނެވެ. އެއާ އެކު، ކޮންމެ އަހަރަކު ވެސް 500 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެ އެވެ.