Roadha Mihaaru
ލެކްޗަރާއިންގެ މުސާރައަށް ގެންނަ ބަދަލު އިއުލާންކުރަނީ

ޔުނިވާސިޓީގެ މުވައްޒަފުންގެ މުސާރަ އަށް ގެންނަ ބަދަލު 2-3 ދުވަސް ތެރޭގައި އިއުލާން ކުރަނީ

01 މާޗް 2023

މި މަހު ބޮޑުކުރަން ނިންމާފައިވާ ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް އަންނަ ބަދަލު ކުރިއަށް އޮތް 2-3 ދުވަސްތެރޭގައި އިއުލާން ކުރާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި މަހު ބޮޑުކުރަން ނިންމާފައިވާ ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް އަންނަ ބަދަލު ކުރިއަށް އޮތް 2-3 ދުވަސްތެރޭގައި އިއުލާން ކުރާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "މިހާރު" އަށް ވިދާޅުވީ ޔުނިވާސިޓީ މުވައްޒަފުންގެ މުސާރައަށް އަންނަ ހެޔޮ ބަދަލާ ގުޅޭ މައުލޫމާތު ކުރިއަށް އޮތް 2-3 ދުވަސްތެރޭ ސަރުކާރުން ހާމަކުރާނެ ކަމަށެވެ.

"ރައީސްގެ ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ތައުލީމީ ދާއިރާގެ މުސާރަ އަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ. އަދި އެ އަށް ފަހު ސިއްހީ ދާއިރާގެ މުސާރަ އަށް ހެޔޮ ބަދަލުތަކެއް މޭ މަހު ފެނިގެންދާނެ،" މިއުވާން ވިދާޅުވި އެވެ.

މިދިޔަ އަހަރު ސްކޫލް ޓީޗަރުންގެ މުސާރަ ބޮޑުކުރިއިރު، އެ ބަދަލުގެ ތެރޭގައި ޔުނިވާސިޓީގެ ލެކްޗަރާއިންގެ މުސާރަ ނުހިމެނޭތީ، އެ މީހުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން މިދިޔަ މަހު ވިދާޅުވީ، މި މަހުން ފެށިގެން ރާއްޖޭގެ ޔުނިވާސިޓީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.