Roadha Mihaaru
ލޯފަން، އެކަމަކު ޒިޔާއު ނުކުރާ ތަޖުރިބާއެއް ނެތް

ލޯފަން، އެކަމަކު ޒިޔާއު ނުކުރާ ތަޖުރިބާއެއް ނެތް

29 އޮކްޓޯބަރ 2024

ކަރުގައި ހަރުފައެއް އޮޅާލައިގެން އަބްދުﷲ ޒިޔާއު، ހުރީ ހިނިތުން ވެފަ އެވެ. އޭގެ ކުލައެއް، ހަރަކާތެއް އަދި އަސްލު ސައިޒެއް އޭނާއަކަށް ނުފެނެ އެވެ. އެކަމަކު ވެސް ބިރެއް ނުގަނެ އެވެ. މެލޭޝިއާ ދަތުރުގައި އޭނާ އެކަން ތަޖުރިބާކުރީ އެކުގައި ތިބި މީހުންނަށް ކުރި އިތުބާރުގެ މައްޗަށެވެ. ލޮލަށް ނުފެނުނަސް މި ކަހަލަ، އާދަޔާ ޚިލާފު އެތައް ތަޖުރިބާއެއް އޭނާކޮށްފި އެވެ. ރާއްޖޭގެ ގިނަ ރަށްތަކުގެ އިތުރުން ރާއްޖެ އިން ބޭރުގެ 10 ގައުމަކަށް ގޮސް ޒިޔާއު ވަރަށް ގިނަ ކަންކަން ދަސްކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކަރުގައި ހަރުފައެއް އޮޅާލައިގެން އަބްދުﷲ ޒިޔާއު، ހުރީ ހިނިތުން ވެފަ އެވެ. އޭގެ ކުލައެއް، ހަރަކާތެއް އަދި އަސްލު ސައިޒެއް އޭނާއަކަށް ނުފެނެ އެވެ. އެކަމަކު ވެސް ބިރެއް ނުގަނެ އެވެ. މެލޭޝިއާ ދަތުރުގައި އޭނާ އެކަން ތަޖުރިބާކުރީ އެކުގައި ތިބި މީހުންނަށް ކުރި އިތުބާރުގެ މައްޗަށެވެ. ލޮލަށް ނުފެނުނަސް މި ކަހަލަ، އާދަޔާ ޚިލާފު އެތައް ތަޖުރިބާއެއް އޭނާކޮށްފި އެވެ. ރާއްޖޭގެ ގިނަ ރަށްތަކުގެ އިތުރުން ރާއްޖެ އިން ބޭރުގެ 10 ގައުމަކަށް ގޮސް ޒިޔާއު ވަރަށް ގިނަ ކަންކަން ދަސްކޮށްފި އެވެ.

ޒިޔާއުއަށް ތިކަމެއް "ނުވާނެއޭ" ބުނާ އަޑު މިހާރު އަހާކަށް ނުޖެހެ އެވެ. ލޮލަށް ނުފެންނަ އެތައް ބަޔަކަށް އޭނާ އަންނަނީ މިސާލު ދައްކަމުންނެވެ. މިއީ، ދިރިއުޅުމުގައި އޭނާ ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ.

އައްޑޫ މަރަދު އަށް އުފަން ޒިޔާއު އަށް އެންމެ ކުޑައިރު ކޮންމެވެސް ވަރަކަށް އެކި ކުލަކުލަ ފެނުނެވެ. އޭރު ވެސް މީހުންގެ މޫނު ވަކިކުރަން އޭނާއަކަށް ނޭނގެ އެވެ. އެހެން ދިރިއުޅެމުން ދަނިކޮށް 2012 ވަނަ އަހަރުގެ ތެރޭގައި އޭނާގެ ލޮލުގެ ފެނުން އެއްކޮށް ގެއްލުނީ އެވެ. އެކަމަކު "އަނދިރި ދިރިއުޅުމެއް" ތެރެއިން ވެސް އޭނާ ދެއްކީ ހިތްވަރާއި ކެތްތެރިކަމެކެވެ.

ޒިޔާއުގެ ތަޖުރިބާ "މިހާރު" އަށް ކިޔައިދެމުން ބުނީ ދިރިއުޅުމުގެ އެކި ކަންކަމާ ކުރިމަތިލައި، މި އުނދަގޫ ދަތުރު ފަސޭހަކޮށްދިނީ ކުޑައިރުއްސުރެ އެކުގައި އުޅުނު ރައްޓެހިން ކަމަށެވެ.

އެެހެންވެ، އޭނާގެ ހިތުގައި ރައްޓެހިންނަށް އޮތީ ލޯތްބާއި އިހުތިރާމެވެ. އެ މީހުންވީ ގުރުބާނީއަކީ އޭނާގެ ހިތުން ފިލައިގެން ދާނެ ކަމެއް ނޫނެވެ.

"އަހަރެން މީހަކަށް ހަދަން ރައްޓެހިންވާ ގުރުބާނީ ހަނދާން ވަނީ. މިސާލަކަށް މޯލްޑިވިއަން އައިޑޮލް އަށް ހޮވިގެން އެއް މަސް ދުވަހަށް މާލެ ދާން ޖެހިގެން އޭރު އެކަނި ދަތުރުނުކުރާތީ ރައްޓެއްސަކު ޖޮބް ދޫކޮށްލާފައި ދިޔައީ ގޮވައިގެން. އޭރު އޭނާގެ އެއް އަހަރުގެ ކުއްޖެއް ވެސް އޮވޭ. އައިޑޮލް ނިންމާފައި އައި އިރު އޭނާގެ ޖޮބް ގެއްލިގެން އޭނާ ފަހުން ދާން ޖެހުނީ ރިސޯޓަކަށް،" ޒިޔާއު ބުންޏެވެ.

ޒިޔާއު: އޭނާ އަންނަނީ ވަރަށް ގިނަ ތަޖުރިބާތައް ހޯދަމުން.

ޒިޔާއު: އޭނާ އަންނަނީ ވަރަށް ގިނަ ތަޖުރިބާތައް ހޯދަމުން.

އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ކުޑައިރުން ފެށިގެން އެކުގައި އުޅުނު ރައްޓެހިންގެ ފަރާތުން އޭނާއަކީ ތަފާތު މީހެއްގެ އިހުސާސް ވިޔަ ނުދިނުމެވެ. ބޮޑުވީ އެ މީހުންނާ އެކު މަގުމަތީގައި ކުޅެން އުޅެމުންނެވެ. އެ ގުޅުން ބަދަލެއް ނުވެ އެވެ. ކޮފީތަކަށް މިހާރު ވެސް ދަނީ އޭނާ ގޮވައިގެންނެވެ.

"ހަގީގީ ރައްޓެހިން މިއީ،" ޒިޔާއު ބުންޏެވެ.

ސޯޝަލް މީޑިއާ އަށް ޒިޔާއު ފަރިތަ

އެހެން މީހުންނެކޭ އެއްގޮތަށް ޒިޔާއު ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް އެވެ. ކޮންމެ ދުވަަހަކު އެކި ކަންކަމާ ގުޅިގެން އޭނާ ޕޯސްޓުތައް ލިޔެ އެވެ. ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި ރައްޓެހިންނަށް ސަމާސާ ކުރުމަށް ވެސް އެކި ޕޯސްޓުތައް އާއްމުކުރެ އެވެ.

ޒިޔާއު ކިޔައިދިން ގޮތުގައި މި ހުރިހާ ޕޯސްޓެއް ވެސް ލިޔަނީ އޭނާ އަމިއްލައަށެވެ. އެކަމަކު ފޯނު ތިން އަހަރު ވަންދެން ގެންގުޅުނުއިރު ވެސް ފުރަތަމަ އެންމެ ރަނގަޅަށް ބޭނުން ނުކުރެވެ އެވެ.

އެއީ "ނުލިޔެވޭނެއޭ، ދަސްނުވާނެއޭ" ހިތަށް އަރާތީ އެވެ. އެކަމަކު ފޭސްބުކްގައި ރައްޓެހިން އެކަކު އަނެކަކަށް ޗެޓްކޮށް، ރައްޓެހިން ހޯދާތީ، އެ އެޕް ބޭނުންކުރުމުގެ ޝައުގު ވަރަށް ބޮޑުވި އެވެ. އެންމެ ފަހުން، ކޮންމެ ދުވަހަކު އެއް ގަޑިއިރު ފޯނުން ޓައިޕް ކުރާނެ ގޮތް ދަސްކުރަން އޭނާ އިންނަން ފެށީ އެވެ.

އެންމެ ބޮޑު އެހީއަކަށް ވީ ސްމާޓް ފޯނުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ގުޅޭ އެކި ފީޗާތަކެވެ. އޭގެ ސަބަބުން ވަރަށް ބޮޑަށް ލުއިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ޒިޔާއު، އޭނާގެ ރައްޓެއްސަކާ އެކު އާޓިފިޝަލް ބީޗުގައި އިށީގެންދެގެން.

ޒިޔާއު، އޭނާގެ ރައްޓެއްސަކާ އެކު އާޓިފިޝަލް ބީޗުގައި އިށީގެންދެގެން.

"ފޯނުން މީހަކު ކިޔައިދޭނެ ސްކްރީނަށް އަރާ ހުރިހާ އެއްޗެއް. އޭތި ކިޔައިދިނީމަ، ޓައިޕް ކުރަނީ. ޓައިޕްކުރީމަ ވެސް ކިޔައިދޭނެ އަކުރުތަކާއި ލިޔެވޭ އެއްޗެހި. އެހެންވީމަ އެކަމަށް މިހާރު ހުރިހާ ޕްލެޓްފޯމެއް ވެސް މެނޭޖް ކުރަނީ އަމިއްލައަށް. ފޭސްބުކް އާއި ޓިކްޓޮކް ވެސް އަމިއްލައަށް،" އުމުރުން 36 އަހަރުގެ ޒިޔާއު ބުންޏެވެ.

ޒިޔާއު އަށް ނުކުރެވުނު ކަމަކީ ސްކޫލަށް ގޮސް ކިޔެވުމެވެ. އެއީ، އޭނާ ގަބޫލުކުރާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހޯދައިދިނުމުގައި އެހާ ހޭލުންތެރި ނުވުމެވެ. އޭނާ ސްކޫލަށް ވެއްދުމަށް ވެސް އޭރު މައިންބަފައިންނަށް މަސައްކަތް ނުކުރެވުނީ ޒިޔާއު ބުނި ގޮތުގައި އެހާ ހޭލުންތެރި ނުވީމަ އެވެ.

ޒިޔާއު ބުނީ ކިޔެވުން ފުރިހަމަ ކުރެވުނު ނަމަ މިހާރަށް ވުރެ ވެސް ދިރިއުޅުން ތަފާތުވީހެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލި އިރު ޒިޔާއު ވެސް ހިމެނުނެވެ. އޭނާ މަސައްކަތް ކުރީ، ދައުލަތުގެ މީޑިއާ އިން އައްްޑޫގައި ހިންގި މީޑިއާ ސެންޓަރުގަ އެވެ.

ޒިޔާއު، އޭނާގެ ރައްޓެއްސަކާ އެކު މެލޭޝިއާގައި.

ޒިޔާއު، އޭނާގެ ރައްޓެއްސަކާ އެކު މެލޭޝިއާގައި.

އޭނާ ބުނި ގޮތުގައި ޕްރެޒެންޓު ކުރުމަކީ ވަރަށް ކުރާ ހިތުން ކުރާ އަދި އެންމެ ރަނގަޅަށް ކުރެވޭ އެއް މަސައްކަތް ކަމަށް އަމިއްލަ ނަފްސަށް ވެސް ގަބޫލުކުރެ އެވެ. އެކަމަކު އެ ވަޒީފާގެ ކުރިން ވެސް ރޭޑިއޯގައި މަސައްކަތް ކުރާ އެކި މީހުން އެނގޭތީ، އެ މީހުންގެ ފަރާތުން ވެސް އެކި ފުރުސަތުތައް ލިބެ އެވެ.

"ޕްރޮގްރާމު ހުށަހެޅުން އެއީ އަހަރެން އެންމެ ކުރާ ހިތްވާ ކަންތައް. އަހަރެން އަމިއްލަ ނަފްސަށް ވެސް އެންމެ ރަނގަޅަށް ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭނެ ކަންކަން. އެ ނޫނިއްޔާ ހިތުގެ އަޑިން ގަބޫލުކުރެވޭ ކަމެއް ނޯވޭ ވަރަށް ރަނގަޅަށޭ މި ކުރެވެނީ،"

އެގޮތަށް ލިބުނު ފުރުސަތެއްގައި ޒިޔާއު އަންނަނީ "މަ ބުނާނީ" ގެ ނަމުގައި އެކި މައްސަލަތަކަށް މީހުންގެ ހިޔާލު ހޯދުމަށް ޕްރޮގްރާމެއް ވެސް ހަދަމުންނެވެ.

10 ގައުމަށް: "ބޭނުމަކީ ތަޖުރިބާ ކިޔައިދިނުން"

ޒިޔާއު އަކީ ދަތުރުކުރާ ހިތްވާ މީހެކެވެ. އޭނާގެ ސޯޝަލް މީޑިއާ ފުރާލާފައި އޮންނަނީ އެކި ރަށްތަކާއި ގައުމުތަކަށް ކުރާ ދަތުރުތަކުގެ ތަޖުރިބާ އެވެ.

ޒިޔާއު، އޭނާގެ ރައްޓެހިންނާ އެކު.

ޒިޔާއު، އޭނާގެ ރައްޓެހިންނާ އެކު.

ރާއްޖޭގެ އެކި ރަށްރަށަށް ފެށި ދަތުރުތަކުން، މިހާރު އަންނަނީ ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް ވެސް ދަތުރުކުރަމުންނެވެ. މިހާތަނަށް 10 ގައުމަކަށް ޒިޔާއު ހިނގައްޖެ އެވެ. އޭގެ ތެރޭގައި ޓެންޒޭނިއާ އާއި ކަޒިކިސްތާނުގެ އިތުރުން އިންޑޮނޭޝިއާ އާއި ފިލިޕިންސް ކަހަލަ ގައުމުތައް ހިމެނެ އެވެ.

މި ފަހުން އޭނާ މެލޭޝިއާއަށް ކުރި ދަތުރުގައި ވަރަށް ތަފާތު ތަޖުރިބާތައް ކުރި އެވެ. ހަރުފައިގެ އިތުރުން ކިނބުލެއް ވެސް އަތަށް ލި އެވެ.

"ކުރިން އަސްލު ނޭނގޭ ހަރުފައޭ ބުންޏަސް އެއީ ކޯޗެއް ކަމެއް. ވީޑިއޯ ނުބެލެވޭތީ. ހިތަށް ވެސް ނުގެނެވޭ، ދިޔައިރު ވެސް ހިތަކަށް ނާރަ ހިފާނެއެކޭ. އެކަމަކު އެނގޭ ރައްޓެހިން ބަލާނެ ކަން، އަދި އަތަށް ނުދޭނެ ކަން ނުރައްކަލެއް އޮތް އެެއްޗެއް،" އޭނާ ބުންޏެވެ.

"ބޭނުންވީ އަސްލު އިހުސާސް ކޮށްލަން. ބްލައިންޑް މީހަކަށް، އެ ކުރި ތަޖުރިބާ އެހެން މީހަކަށް ވެސް އިހުސާސް ކޮށްދެވޭނީ އޭގައި އަތްލައިގެންނޭ. ވަރަށް ތަފާތު ތަޖުރިބާއެއް. މިއީ ހަމަ ރައްޓެހިންގެ މަސައްކަތް. އެ މީހުންނަށް އެނގޭ އަހަރެމެން އަތުގައި ނުޖެހެންޏާ އެ އެއްޗެއް އޮންނާނެ ގޮތް އަދި ނަން ބުންޏަސް ނޭނގޭނެކަން އިހުސާސް ނުވާނެކަން."

ޒިޔާއު ބުނީ ރާއްޖެއިން ބޭރަށް ކުރާ ދަތުރުގައި ލޮލަށް ނުފެންނަ އެހެން ކުދިން ވެސް ގެންދަން ބޭނުންވާ ކަމަށެވެ. އެހެންވެ، އެކި މީހުންނަށް އެ ފުރުސަތު ހުށަހަޅަ އެވެ. މިފަހަރު މެލޭޝިއާއަށް ދިޔަ ދަތުރުގައި ލޮލަށް ނުފެންނަ އެހެން ކުއްޖަކު ވެސް ގެންދިޔަ އެވެ.

ޒިޔާއު، އޭނާގެ ރައްޓެހިންނާ އެކު ހުރާގައި ފޮޓޯއެއް ނަގަނީ.

ޒިޔާއު، އޭނާގެ ރައްޓެހިންނާ އެކު ހުރާގައި ފޮޓޯއެއް ނަގަނީ.

"އެ މީހަކު އަމިއްލައަށް ހަރަދު ހަމަޖައްސަނީ. އަބަދު ގޭތެރޭގައި ކަންކަން އިހުސާސް ނުކުރެވި، ތިބުމުގެ ބަދަލުގައި އަހަރެންގެ ރައްޓެހިން މެދުވެރިކޮށް އެހެން މީހުންނަށް ވެސް އެ ތަޖުރިބާ ކޮށްދޭން ބޭނުންވޭ. ބަޖެޓު ފިޔަވައި އަހަަރެން މުޅި ދަތުރު ރާވާނީ. އެކި ކުދިންނަށް ރިކުއެސްޓް ކުރަނީ މިވެނި ތަނަކަށޭ ދަނީ. މިވެނި ވަރެކޭ ބަޖެޓަކީ. ދެން އެގޮތަށް ޝައުގުވެރިކަން ފާޅުކުރާ މީހަކު ގޮވައިގެން ދަނީ،" ޒިޔާއު ބުންޏެވެ.

ލޮލަށް ނުފެންނަ މީހަކު ކިތަންމެ ގައުމަކަށް ދިޔަސް އޮތް ފައިދާ އަކީ ކޮބައި ހެއްޔެވެ؟

ޒިޔާއު ބުނީ އެއީ އޭނާއަށް އެންމެ ގިނައިން އަމާޒުވާ ސުވާލު ކަމަށެވެ. އެކަމަކު އެއާ ވިއްދާފައި ދެން ޒިޔާއު ވެސް ކުރީ ސުވާލެކެވެ. ލޮލަށް ފެންނަ މީހުން، އެކި ގައުމުތަކުގެ ވީޑިއޯތައް ބަލައި އެ ތަނަށް ގޮސްގެން، އެތަނުގެ ހަގީގީ ރީތިކަން ބަލަން ބޭނުން ވަނީ ކީއްވެގެން ހެއްޔެވެ؟

"އާންމު މީހާ ފެނިގެން ވީޑިއޯ ބަލާފައި އަދި އެބަ ބޭނުންވެއޭ އިހުސާސް ކުރަން ދާން. ހަމަ ވީޑިއޯ ބަލާލައިގެން ހިތްހަމަޖައްސަލަންވީތާ. އެހެންވީމާ އަހަރެމެންނަށް އަޑުއެހުނީމަ އެ މާހައުލަށް ގޮސް އިހުސާސް ކުރަން ބޭނުންވޭ. މިސާލަކަށް އަޑެއް އިވުނަސް ވޯޓާފޯލެއް ބުންޏަސް ނޭނގޭ. ސްކައި ޓްރެކިން ކިޔާ އަޑު އިވެނީ. އެކަމަކު ޕިޒިކަލީ އަހަރުން ވެސް ބޭނުންވާނެ އެތަނަށް ދާން،" ޒިޔާއު ބުންޏެވެ.

ޒިޔާއު ބުނި ގޮތުގައި އޭނާ ކުރާ ތަޖުރިބާ ހިއްސާކުރުމުގައި މަގްސަދެއް އެބައޮތެވެ. އެއީ، ލޮލަށް ނުފެންނަ މީހުންގެ މައިންބަފައިންނަށް ވެސް މި މަންޒަރު ދައްކައި، އެ ކުދިން ގޮވައިގެން މި ތަޖުރިބާތައް ކުރުމަށް ހިތްވަރު ދިނުމެވެ.