Roadha Mihaaru
"ނުކުޅެދޭ ފަރާތްތަކަށް ދޭ ފަރުވާތައް އިތުރު ކުރާނަން"

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު ފަރުވާތައް ރާއްޖޭން ދޭން ފަށާނަން: ރައީސް

08 ޖުލައި 2019

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބެން ޖެހޭ ގިނަ ފަރުވާތައް ރާއްޖެއިން ލިބެން ނެތް އިރު އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބެން ޖެހޭ ގިނަ ފަރުވާތައް ރާއްޖެއިން ލިބެން ނެތް އިރު އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އެ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ދޭ "ރިވެލި އެވޯޑް" ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތަކާއި ރިހެބިލިޓޭޓް ކުރުމުގެ ވަސީލަތްތަކާއި ހިދުމަތްތައް ރާއްޖެއިން ލިބެން ހުރީ ވަރަށް މަދު މިންވަރަކަށް. އެހެންކަމުން މިކަމަށް ވެސް ސިއްހީ ދާއިރާގެ ތެރެއިން އަވަސް ހައްލެއް ހޯދުމަށް މިއަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމާފައި ވަނީ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ނިޒާމެއް ގާއިމު ކުރަން ކަމަށެވެ. އެއީ އަމިއްލަ ރަށުގައި ތިބެގެން ތަފާތު ތެރަޕީތަކާއި ތައުލީމާއި ތަމްރީނުތައް ފަސޭހަކަމާ އެކު ހޯދޭނެ އިންތިޒާމެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަޖައްސައިދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ރިވެލި އެވޯޑް ރައީސް ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ރިވެލި އެވޯޑް ރައީސް ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ 15،360 މީހުން އުޅޭއިރު އޭގެ ތެރެއިން ދައުލަތުން އިނާޔަތް ދެމުން އަންނަނީ 7،771 މީހުންނަށެވެ. ރައީސް ވިދާޅުވީ އިނާޔަތް ހޯދުމަށް ރަޖިސްޓްރީ ނުވެ ތިބި މީހުންގެ ހާލަތު ބަލައި ސަބަބު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރި ކަމެއް ހުރުމަކީ އެ މީހަކު ބާކީ ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށާއި މި ސަރުކާރުގެ ސިޔާސަތަކީ އެފަދަ މީހުންނަށް ހާއްސަ ރައްކާތެރިކަމާއި އަޅާލުން ދިނުން ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގައި މެންޓަލް ހެލްތު ސެންޓަރަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކައުންޓަރުތަކެއް ގާއިމްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން އުޅެމުން އަންނަނީ ދަތި ދިރިއުޅުމެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަންކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް، އިތުރު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި އެފަދަ ފަރާތްތަކަށް ސަރުކާރުގެ ތެރެއިންނާއި ކުންފުނިތަކުން ވަޒީފާ ހޯދައިދިނުމަށް ހާއްސަ ކޯޓާއެއް ކަނޑަ އެޅުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ގޮތުން ތައުލީމާއި މަސައްކަތް އުނގަންނައިދިނުމުގެ ދާއިރާއިން ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން މިހާރު ވަނީ މުހިންމު މަސައްކަތްތަކެއް ފަށާފައި،" ރައީސް ވިދާޅުވި އެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފެށުމަށް އިންޓްރެސްޓް ކުޑަ ލޯނު ލިބޭނެ މަގު ސަރުކާރުން މި އަންނަނީ ތަނަވަސްކޮށްދެމުން."

ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވެގެންދާ އިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް މިހާރަށް ވުރެ މާ އުފާވެރި ދިރިއުޅުމެއް ހޯދައިދެވޭނެ ކަމަށެވެ.