Roadha Mihaaru
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ގިންތިކޮށް 6،000ރ. އާ ހަމައަށް ބޮޑުކޮށްފި

15 ޖޫން 2023

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ގިންތިކޮށް 6،000ރ.އާ ހަމައަށް ބޮޑުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ގިންތިކޮށް 6،000ރ.އާ ހަމައަށް ބޮޑުކޮށްފި އެވެ.

ދައުލަތުން ދޭ މާލީ އެހީގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ކަނޑައަޅާފައި ވަނީ 2،000ރ. އެވެ. މި އެލަވަންސް ބޮޑުކުރަން ގިންތިތަކެއް ހަދައި ބޮޑުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

މިއީ މީގެ 12 އަހަރު ކުރިން ފެށިގެން ދޭން ފެށި އެލަވަންސަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންސްޕާއިން ބުނީ މިހާރު ދެމުން އަންނަ 2000ރ. ގެ އިތުރުން 1000ރ.ގެ އެލަވެންސެއް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ. މި އެލަވަންސް އެންމެންނަށް ލިބޭއިރު 3،000 ރ. އިން އިތުރަށް ލިބޭ ގޮތަށް ހެދީ ވަކި ބަޔަކަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާރު 11،371 މީހުން ރަޖިސްޓްރީވެފައިވެ އެވެ. އެ މީހުންނަށް މާލީ އެހީ ދިނުމަށް މިދިޔަ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 111.22 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ކުރިން ލިބެމުން އައި 2،000 ރުފިޔާ ގެ އިތުރުން މާލީ އިނާޔަތުގެ ގޮތުގައި އިތުރު 1000ރ. ދެނީ އިތުރު އިނާޔަތުގެ ގޮތުގަ އެވެ. އެއާއެކު އެ ދަޕްތަރުގައި ހިމެނޭ ހުރިހާ އެންމެންނަށް މަދުވެގެން 3000ރ. މި މަހުން ފެށިގެން ލިބޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

އެލަވަންސް ދޭ ކެޓަގަރީތަކާއި ބޮޑުވާނެ ވަރު

- ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން ފަރާތެއް ބަލަހައްޓަން ޖެހޭ ފަރާތްތަކަށް 2000ރ. (މި ކެޓަގަރީގައި ހިމެނެނީ 65 އަހަރުން ދަށުގެ މީހުން)

- ނުކުޅެދުންތެރިކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާންމުކޮށް ބޭނުންކުރަން ޖެހޭ އިތުރު ތަކެތި- ކޮންސިއުމަބަލް ހޯދުމަށް އެހީތެރިވުމަށް 1000ރ. (މި ކެޓަގަރީގައި ހިމެނެނީ 65 އަހަރުން ދަށުގެ މީހުން)

- އެއް ގެއެއްގައި ނުކުޅުންތެރިކަން ހުންނަ މީހުން ތިން މީހުންނަށް ވުރެން ގިނަ ނަމަ މީހަކަށް 1،000ރ. ލިބޭ (65 އަހަރުން ދަށުގެ މީހުން)

ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ 11،371 މީހުން ރާއްޖޭގައި އުޅެ އެވެ.

- ޖިސްމާނީ ނުކުޅެދުންތެރިކަން: 3،045 މީހުން

- ސިކުނޑީގެ ނުކުޅެދުންތެރިކަން: 2،461 މީހުން

- އެއް ނުކުޅެދުންތެރިކަމަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުން: 1،986 މީހުން

- އަޑުއެހުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން: 1،517 މީހުން

- ފެނުމުގެ ނުކުޅެދުންތެރިކަން: 876 މީހުން

- އޯޓިޒަމް: 628 މީހުން- ނަފްސާނީ ނުކުޅެދުންތެރިކަން: 125 މީހުން

- އުނގެނުމުގެ ނުކުޅެދުންތެރިކަން: 63 މީހުން

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވެންސް ބޮޑުކުރުމުގެ މަސައްކަތަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން އައި އިންތިޒާރެއްގެ ނިމުން ކަމަށެވެ.

އެލަވަންސް ދިނުމުގެ މަސައްކަތް ފަށައިގަންނަ އިރު ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި މިހާރު ދަފްތަރުގައި މިހާތަނަށް ރަޖިސްޓްރީ ވެފައި ތިބި އެންމެނަށްވެސް މި މަހުން ފެށިގެން އެލަވެންސް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ރަޖިސްޓާގައި ތިބި ހުރިހާ މީހުންނަށް ވެސް ދަތި ނުވެ، އަޅުގަނޑުމެންނަށް މިއަދު މި ހުށަހެޅި ގޮތަށް އިނާޔަތް ދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވެންސް ބޮޑު ކޮށްފައި މި ވަނީ މިހާރު ލިބޭ އެލަވަންސް ކުޑަ ކަމުން ގިނަ ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ ކުރާތާ ގިނަ އަހަރުތަކަކަށް ފަހު އެވެ.