Roadha Mihaaru

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ ކަމަށް، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު އިތުރުވަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

15 ޖުލައި 2025

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ ކަމަށް، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ އެޖެންސީން މިދިޔަ މެއި މަހު "މިހާރު"އަށް ހިއްސާކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވި އަދަދު، ފާއިތުވި ހަތް އަހަރުގެ ތެރޭގައި އެއް އަހަރުން އަނެއް އަހަރަށް ދިޔައީ އިތުރުވަމުންނެވެ.

އެ ދަފްތަރުގައި 2019 ވަނަ އަހަރު 8،476 މީހުން ރަޖިސްޓްރީވެފައި ތިބި ނަމަވެސް، އެންސްޕާއިން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،412 މީހުން މިހާރު އެބަތިއްބެވެ. އެއީ ހަތް އަހަރު ތެރޭގައި 5،936 މީހުންގެ އިތުރުވުމެކެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިދިޔަ އޭޕްރީލް މަހާ ހަމައަށް ރަޖިސްޓްރީވެފައިވާ މީހުންގެ ބޮޑު ބައެއް ހިއްސާކުރަނީ 18 އަހަރުން މަތީގެ މީހުންނެވެ. އަދި ކުޑަކުދިންގެ ތެރޭގައި ވެސް އެންމެ ގިނައިން ހިމެނެނީ 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުގެ ކުދިންނެވެ. އެއީ 1،754 ކުދިންނެވެ. ދެ ވަނައަށް އެންމެ ގިނައިން ތިބީ ފަސް އަހަރާއި ނުވަ އަހަރާ ދެމެދުގެ ކުދިންނެވެ. އެއީ 1،603 ކުދިންނެވެ. އަދި ހަތަރު އަހަރުން ދަށުގެ 506 ކުއްޖަކު ވެސް އެ ދަފްތަރުގައި ހިމެނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީ

- 2020 ވަނަ އަހަރު 8،948 މީހުން

- 2021 ވަނަ އަހަރު 9646 މީހުން

- 2022 ވަނަ އަހަރު 10،107 މީހުން

- 2023 ވަނަ އަހަރު 12،374 މީހުން

- 2024 ވަނަ އަހަރު 13،771 މީހުން

ނުކުޅެދުންތެރިކަން ގިންތިކޮށްފައިވަނީ މައިގަނޑު އަށް ކެޓަގަރީއަކަށެވެ. އެއީ؛

- ޖިސްމާނީ ނުކުޅެދުންތެރިކަން

- މަލްޓިޕަލް ޑިސްއެބިލިޓީ

- ވިސްނުމުގެ/ސިކުނޑީގެ ނުކުޅެދުންތެރިކަން

- އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން

- ނަފްސާނީ ނުކުޅެދުންތެރިކަން

- ފެނުމުގެ ނުކުޅެދުންތެރިކަން

- އޯޓިޒަމް

- އުނގެނުމުގެ ނުކުޅެދުންތެރިކަން

އެ ކެޓަގަރީތަކުގެ ތެރެއިން އެންމެ ގިނަ މީހުން ރަޖިސްޓްރީވެފައިވަނީ ޖިސްމާނީ ނުކުޅެދުންތެރިކަމުގަ އެވެ. އެ ކެޓަގަރީގައި 2019 ވަނަ އަހަރު 2،551 މީހުން ތިބިއިރު، މިދިޔަ އޭޕްރީލް މަހާ ހަމައަށް އެ އަދަދު 4،072 އަށް ވަނީ އިތުރުވެފަ އެވެ.

ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، ބްރެއިލްގެ އެހީގައި ފޮތެއް ކިޔަނީ.-- ފައިލް ފޮޓޯ: މިހާރު

ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، ބްރެއިލްގެ އެހީގައި ފޮތެއް ކިޔަނީ.-- ފައިލް ފޮޓޯ: މިހާރު

އެންސްޕާއިން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި، ނަފްސާނީ މައްސަލަތައް ހުންނަ މީހުން ހިމަނާފައިވަނީ ގަވާއިދަށް ގެނައި ބަދަލަށްފަހު 2022 ވަނަ އަހަރުން ފެށިގެން ކަމަށެވެ. އެއަށްފަހު، އެ ކެޓަގަރީގައި ހިމެނޭ މީހުންގެ އަދަދު ވެސް ދިޔައީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ.

ނަފްސާނީ ނުކުޅެދުންތެރިކަމުގެ ކެޓަގަރީގައި 2022 ވަނަ އަހަރު 125 މީހުން ތިބިއިރު، 2023 ވަނަ އަހަރު 815 މީހުން އަދި މިދިޔަ އަހަރު 1،545 މީހުން އެބަތިއްބެވެ. އަދި މިދިޔަ އޭޕްރީލް މަހާ ހަމައަށް އެ ކެޓަގަރީގައި ތިބި މީހުންގެ އަދަދު 1،708 އަށް ވަނީ އިތުރުވެފަ އެވެ.

ނުކުޅެދުންތެރިކަމުގެ ގިނަ ކެޓަގަރީތަކުގައި ތިބި މީހުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވިއަސް، ނަފްސާނީ ކަންކަމާ ގުޅުން ހުރި އެހެން ކެޓަގަރީތަކުގައި ހިމެނޭ މީހުން މަދުވެފައިވެ އެވެ.

އެގޮތުން، ވިސްނުމާއި ސިކުނޑީގެ ނުކުޅެދުންތެރިކަމުގެ ބައިގައި 2019 ވަނަ އަހަރު ތިބި މީހުންގެ އަދަދު 2،056 ގައި އޮތުމަށްފަހު 2022 ވަނަ އަހަރު އެ އަދަދު 2،461 އަށް ވެސް އެރި އެވެ. ނަމަވެސް 2023 ވަނަ އަހަރުން ފެށިގެން އެ ކެޓަގަރީގައި ތިބި މީހުންގެ އަދަދު ދިޔައީ މަދުވަމުންނެވެ.

އެންސްޕާއިން ބުނީ މިދިޔަ މަހުގެ ނިޔަލަށް އެ ކެޓަގަރީގައި ތިބީ 1،889 މީހުން ކަމަށެވެ.

އޯޓިޒަމްގެ ކެޓަގަރީގައި ތިބި މީހުންގެ އަދަދު، 2019 ވަނަ އަހަރު ހުރީ 586 ގަ އެވެ. އަދި ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި އެ ކެޓަގަރީގައި ތިބި މީހުންގެ އަދަދު އެންމެ މަތިވެފައިވަނީ 2022 ވަނަ އަހަރު އެވެ. އެ އަހަރު 628 މީހުން ރަޖިސްޓްރީވި އެވެ. ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ ކެޓަގަރީން އޯޓިޒަމް ބައިގައި ހިމެނޭ ކުދިންގެ އަދަދަކަށް މާ ބޮޑު ތަފާތެއް ނާދެ އެވެ. އެ ލިސްޓުގައި މި ވަގުތު ތިބީ 586 ކުދިންނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެ މީހުންނަށް ދައުލަތުން މާލީ އެހީ ދިނުމަށް ކުރާ ހޭދަ ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން، މިިދިޔަ މަހު އެކަނި ވެސް 14،236 މީހަކަށް އެހީ ދިނުމަށް 51.2 މިލިއަން ރުފިޔާ ހޭދަކުރި އެވެ.