Roadha Mihaaru
ނުކުޅެދޭ މީހުންގެ މައުލޫމާތު އަޕްޑޭޓްކުރަން އެދެފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މައުލޫމާތު އަޕްޑޭޓްކުރަން އެދެފި

22 ޖޫން 2023

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސަށް ގެނައި ބަދަލާ ގުޅިގެން ލިބޭ ޝަކުވާތަކަށް ބަލައި، އެ އެލަވަންސްތަކަށް ޝަރުތުހަމަވާ މީހުން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ކަށަވަރުކުރުމަށް ފަހު އެމީހުންނަށް ޖޫން މަހުގެ އެލަވަންސާ އެކު ފައިސާ ޖަމާކުރަމުންދާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސަށް ގެނައި ބަދަލާ ގުޅިގެން ލިބޭ ޝަކުވާތަކަށް ބަލައި، އެ އެލަވަންސްތަކަށް ޝަރުތުހަމަވާ މީހުން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ކަށަވަރުކުރުމަށް ފަހު އެމީހުންނަށް ޖޫން މަހުގެ އެލަވަންސާ އެކު ފައިސާ ޖަމާކުރަމުންދާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް 3000-7000ރ. އާ ދެމެދުގެ އަދަދަކަށް ބޮޑުކުރަން ނިންމައި ސަރުކާރުން އިއުލާންކުރީ މިމަހުގެ 15 ގަ އެވެ. މިހާރު ދެމުން އަންނަ 2،000ރ. ގެ އިތުރުން 1،000ރ.ގެ އެލަވަންސަކާ އެކު ޖުމްލަ، 3،000ރ. ގެ އެލަވަންސެއް އެންމެންނަށް ދޭން ނިންމިއިރު ވަކި ޝަރުތުތަކެއް ހަމަވާ މީހުންނަށް 7،000ރ. އާ ހަމައަށް ލިބޭނެ އެވެ.

އެންސްޕާ އިން ކުރި އިއުލާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީއަށް ގެނައި ބަދަލާ ގުޅިގެން އެ އެޖެންސީއަށް ލިބޭ މައުލޫމާތަށް ބަލައި އެ އެލަވަންސްތަކަށް ޝަރުތުހަމަވާ އިތުރު މީހުން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެ އެލަވަންސަށް ޝަރުތުހަމަވާ މީހުން ދެނެގަތުމުގެ މަސައްކަތް ކައުންސިލްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެންސްޕާ އިން ބުނި ގޮތުގައި މައުލޫމާތު ކަށަވަރުކުރުމަށް ފަހު އިތުރު އެލަވަންސަށް ޝަރުތުހަމަވާ މީހުންނަށް ޖުލައި މަހު އެލަވަންސް ޖަމާކުރާއިރު ޖޫން މަހުގެ އެލަވަންސް ވެސް ޖަމާކުރާނެ އެވެ. އަދި ދަފްތަރުގައި ތިބި މާލީ އެހީ ލިބެމުން އަންނަ މީހުންގެ ތެރެއިން އޮކްޓޫބަރުގެ ނިޔަލަށް މައުލޫމާތު އަޕްޑޭޓްކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ވެސް ޖޫން މަހުގެ ފައިސާއާ އެކު އެހީ ޖަމާކުރާނެ ކަމަށް އެންސްޕާގެ ބަޔާނުގައިވެ އެވެ.

އެންސްޕާ އިން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް އެންޑީއާރު ޕޯޓަލް މެދުވެރިކޮށް އެ އެލަވަންސްތަކާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ސާފުކުރަން ބޭނުން ނަމަ، އެ އެޖެންސީގެ ހޮޓްލައިނަށް ގުޅައިގެން ވެސް މައުލޫމާތު ސާފުކުރެވޭނެ އެވެ.