Roadha Mihaaru
ނުކުޅެދޭ މީހުންގެ އެލަވަންސަށް އިތުރު 12 މިލިއަން

އާ ބަދަލާ އެކު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސަށް އިތުރު 12 މިލިއަން ރުފިޔާ

11 ޖުލައި 2023

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސަށް ގެނައި ބަދަލުތަކާ އެކު، އިތުރު 12 މިލިއަން ރުފިޔާ މިދިޔަ މަހު ހަރަދުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސަށް ގެނައި ބަދަލުތަކާ އެކު، އިތުރު 12 މިލިއަން ރުފިޔާ މިދިޔަ މަހު ހަރަދުކޮށްފި އެވެ.

މީގެ 13 އަހަރު ކުރިން ދޭން ފެށި އެލަވަންސް ފުރަތަމަ ފަހަރަށް މުރާޖައަކޮށް މިދިޔަ މަހުން ފެށިގެން ވަނީ ބޮޑުކޮށްފަ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް އެކި ގިންތިތަކަކަށް ބަހާލާފައިވާއިރު، 7،000ރ. އާ ހަމައަށް އެ އެލަވަންސް މިހާރު އޮތީ ބޮޑުކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން "މިހާރު"އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އެލަވަންސް ބޮޑުކުރި ފުރަތަމަ މަހު އެކަމަށް 34،662،000ރ. ހަރަދުކުރި އެވެ.

މިއީ، އޭގެ ކުރީ މަސްތަކާ ބަލާއިރު 12 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އެ އަދަދު މިދިޔަ ޖެނުއަރީ މަހު ހުރީ 22،140،000ރ. ގަ އެވެ.

ނުކުޅެދުންތެރިކަން ހުރި މީހުންގެ އެލަވަންސަށް ކުރި ހަރަދު

ފެބްރުއަރީ: 21،942،000ރ.

މާޗު: 22،172،000ރ.

އޭޕްރީލް: 22،432،000ރ.

މެއި: 22،536،000ރ.

ޖޫން: 34،662،000ރ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސް ދިނުމަށް މި އަހަރުގެ މިހާތަނަށް 145،884،000ރ. ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް އިން ހިއްސާކުރި މައުލޫމާތުތަކުން އެނގެ އެވެ. އެންސްޕާއަށް މި އަހަރު ކަނޑައަޅާފައިވާ 341 މިލިއަން ރުފިޔާގެ ބަޖެޓުން އާ ބަދަލުތައް ވެސް ހަމަޖެއްސޭނެ ކަމަށް ސަރުކާރުން ކުރިން ބުންޏެވެ.

އެ ހާއްސަ ދަފްތަރުގައި 11،371 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ. އެ އެންމެންނަށް ވެސް ގާނޫނުގައި ލާޒިމްކޮށްފައިވާ 2،000ރ. ގެ އިތުރަށް 1،000ރ. އާއެކު، ޖުމްލަ 3،000ރ. ގެ އެލަވަންސެއް ލިބޭނެ އެވެ.

ކެއާރާ އެލަވަންސް އާއި ސެލްފް ކެއާ އެލަވަންސް ލިބޭނީ އެ މީހެއްގެ ހާލަތަށް ބެލުށްފަހުގަ އެވެ. އަދި އާއިލާގައި ނުކުޅެދުންތެރިކަން ހުރި މީހުންގެ އަދަދު ތިނަކަށް ވުރެ އިތުރުވެއްޖެނަމަ ދޭ އެލަވަންސް ވެސް ލިބޭނީ އެ އަދަދަށް ވުރެ ގިނަވެއްޖެ ނަމަ އެވެ.