12 އޮކްޓޯބަރ 2022
ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ޑައިވް ކުރުމުގައި އެހީތެރިވާނެ އިންސްޓްރަކްޓަރުން ތަމްރީނު ކުރަން އަމިއްލަ ބަޔަކު މިއަދު ފަށައިފި އެވެ.
ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ޑައިވް ކުރުމުގައި އެހީތެރިވާނެ އިންސްޓްރަކްޓަރުން ތަމްރީނު ކުރަން އަމިއްލަ ބަޔަކު މިއަދު ފަށައިފި އެވެ.
އެ ތަމްރީނު ރަސްމީކޮށް އިފުތިތާހުކުރީ އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓުގައި ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެޓޯލްސް ވޯލްޑުން އިންތިޒާމު ކޮށްގެން އަދާރަން ރިސޯޓާއި ކަމުގެ ތަޖުރިބާކާރު އެމެރިކާގެ ޖަމިއްޔާއެއް ކަމަށްވާ ޕޮސެއިޑެން ހެންޑިކެޕް ސްކޫބާ އެޑްވެންޗާސް (ޕީއެޗްއެސްޕީ) އާ ގުޅިގެން ބާއްވާ އެ ޕްރޮގްރާމުގައި އިންސްޓްރަކްޓަރުން ތަމްރީނު ކޮށްދޭނީ ޑައިވާސް ޕޮއިންޓުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، އެ ތަމްރީން ޕްރޮގްރާމާއެކު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރާއްޖޭގެ ރީތިކަން ދައްކައިލުމުގައި އެހީވާނެ ޑައިވް އިންސްޓްރަކްޓަރުން އުފައްދާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވާހަކަ ދައްކަވަނީ ---ފޮޓޯ: މިހާރު
"ރާއްޖެއަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ޑައިވް ކުރުމުގެ ފުރުސަތު ލިބޭނެ މަންޒިލަކަށް ހެދެން ޖެހޭ. މި ތަމްރީނުގެ ސަބަބުން މުސްްތަގްބަލުގައި ދިވެހިރާއްޖެ އަށް އަންނަން ބޭނުންވާ ހުރިހާ އެންމެންނަށް ވެސް މި ތަނުގެ ގުދުރަތީ ރީތިކަން ބަލަލުމުގެ ފުރުސަތު ލިބޭނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.
އޭނާގެ އުންމީދަކީ، ކުރިމަގުގައި ރާއްޖޭގެ ހުރިހާ ރިސޯޓުތަކުގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިފަދަ ތަޖުރިބާ ކުރުމުގެ ފުރުސަތު ފުޅާވުމެވެ.
ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ޑައިވިންގެ ތަމްރީނު ދިނުން މިއަދު ރަސްމީކޮށް ފެށި ނަމަވެސް، މިހާރު ވެސް ރާއްޖޭގެ ހަ ޑައިވް އިންސްޓްރަކްޓަރުން ވަނީ ޕީއެޗްއެސްޕީއާއެކު އެ ތަމްރީނު ފުރިހަމަ ކޮށްފައި ކަމަށް އެޓޯލްސް ވޯލްޑުން ބުންޏެވެ.
މާދަމާ ވެސް ހަ ޑައިވް އިންސްޓްރަކްޓަރުންނާއެކު، އެ ތަމްރީނު ފަށަން ހަމަޖެހިފައިވާ އިރު، ތަމްރީނުތައް ބާއްވަނީ ފަސް ދުވަހުގެ މުއްދަތަކަށެވެ.
އަދާރަން ރިސޯޓުތަކުގައި ބާއްވާ އެ ތަމްރީނުގައި ބައިވެރިވެވޭނީ ސަޓިފައިޑް ސްކޫބާ ޑައިވް އިންސްޓްރަކްޓަރުންނަށް އެކަންޏެވެ. އެ ތަމްރީނު ފުރިހަމަކުރާ އިންސްޓްރަކްޓަރުންނަށް އެހެން ޑައިވް އިންސްޓްރަކްޓަރުން ތަމްރީނު ކުރެވޭނެ ކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޕީއެޗްއެސްޕީ ސީއީއޯ މާކް ރޯޝް ވާހަކަ ދައްކަވަނީ ---ފޮޓޯ: މިހާރު
"ތަމްރީނުތަކުގައި ބޮޑަށް އެކަޑެމިކް ބައިތައް ކުރިއަށް ދާނީ. ސެންސިޓިވިޓީ ޓްރޭނިންތައް ވެސް ކުރިއަށް ދާނެ. މިސާލަކަށް، ވާގި ދޫވެފައިވާ މީހެއްގެ އިހުސާސް ކުރެވޭހެން މީހާ ބަނދެ ނުވަތަ ލޮލަށް ނުފެންނަ ޑައިވަރުންގެ އިހުސާސް ދެނެގަތުމަށް ކަނު ބަނދެގެން ޑައިވް ކުރުން ފަދަ ސިމިއުލޭޝަންތައް އިންސްޓްރަކްޓަރުންނަށް އިހުސާސްކޮށްދޭނެ،" ޕީއެޗްއެސްޕީގެ ފައުންޑަރު އަަދި ސީއީއޯ މާކް ރޯޝް ވިދާޅުވި އެވެ.
މާކް ވިދާޅުވީ، ޕީއެޗްއެސްޕީ އިން ވަރަށް ގިނަ ގައުމުތަކުގައި އެ ތަމްރީނުތައް ހިންގާ ކަމަށާއި އެންމެ ބޮޑު އެއް މަގްސަދަކީ ޑައިވް ކުރަން ބޭނުންވާ ހުރިހާ އެންމެންނަށް ވެސް އެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
އެޓޯލްސް ވޯލްޑްގެ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް ވިދާޅުވިގޮތުގައި، ރާއްޖޭގެ ހުރިހާ ރިސޯޓަކާއި ގެސްޓް ހައުސް އާއި ސަފާރީ ފަދަ ޓޫރިޒަމްގެ ވަސީލަތްތަކުގައި މަސައްކަތްކުރާ މީހުންނަށް ވެސް ތަމްރީނުގެ ފުރުސަތު އޮންނާނެ އެވެ.
"ނޮން ޕްރޮފިޓެބަލް ކޮށް ކުރިއަށް ގެންދާނީ. ނަމަވެސް، ހަރަދުތައް ކަވަރު ކުރެވޭ ވަރުގެ ކުޑަ ޗާޖެއް ބައިވެރިންގެ އަތުން ނަގާނެ. އެކަމައި ދިވެހިންނަށް ހިލޭ ބައިވެރިވެވޭނެ" ބައްސާމް ވިދާޅުވި އެވެ.
އެޓޯލްސް ވޯލްޑުން ބުނީ، ކުރިއަށް އޮތްތާނގައި އެ ތަމްރީން ޕްރޮގްރާމް ރާއްޖޭގެ އެހެން ރިސޯޓުތަކަށާއި އަތޮޅުތަކަށް ވެސް ފުޅާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފަރުތަކުގެ ސިއްހަތު ދެނެގަތުމުގެ ފޮޓޯ މުބާރާތެއް
އަމިއްލަ މޯލްޑިވްސް އަށް ހާއްސަ ޝަރަފެއް ލިބެނީ
ލޯފަން، އެކަމަކު ޒިޔާއު ނުކުރާ ތަޖުރިބާއެއް ނެތް
ޑައިވިން ގަވާއިދަށް އިސްލާހު ގެންނާނަން: ފައިސަލް
ގެއްލުނު ޑައިވަރު ސައީދުގެ އަގުވަޒަންކޮށް އެވޯޑެއް
ޝަންގްރިލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލައިފި
ފޮއްތެޔޮ ވިއްކުން ދޮގެއްނުކުރި، "ނުއަގަކު ނުވިއްކާނެ"
ރާއްޖެ ދެކެ ފޫއްސެއް ނުވާނެ، 50 ފަހަރު ވެސް އާދޭ
ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކޮށްލަން ނިންމައިފި
ބޮޑުފިނޮޅު އަތުލަން ސަރުކާރުން ވިސްނަނީ