Roadha Mihaaru
ޑައިވިން ގަވާއިދަށް އިސްލާހު ގެންނާނަން: ފައިސަލް

އަމަލުކުރަނީ 27 އަަހަރު ކުރީގެ ޑައިވިން ގަވާއިދަކަށް، އިސްލާހު ކުރަނީ

28 ސެޕްޓެމްބަރ 2024

ރާއްޖޭގައި މިހާރު އަމަލުކުރަނީ 1991 ގައި ހަދާފައިވާ ޑައިވިން ގަވާއިދަކަށް ވުމަކީ ޑައިވަރުންގެ ކަންބޮޑުވުން އޮތް ކަމަށް ވާތީ، އެ ގަވާއިދު އެ އިސްލާހު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި މިހާރު އަމަލުކުރަނީ 1991 ގައި ހަދާފައިވާ ޑައިވިން ގަވާއިދަކަށް ވުމަކީ ޑައިވަރުންގެ ކަންބޮޑުވުން އޮތް ކަމަށް ވާތީ، އެ ގަވާއިދު އެ އިސްލާހު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރޭ ވިދާޅުވެއްޖެ އެވެ.

އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ޓޫރިޒަމް ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށް ބޭއްވި "ފުވައްމުލައް ޓޫރިޒަމް އެވޯޑު 2024" ގެ ހަފުލާގައި މިނިސްޓަރު ވިދާޅުވީ، މިވަގުތު ރާއްޖޭގައި އަމަލުކުރަނީ ވަރަށް ގިނަ ދުވަސްވީ ޑައިވިން ގަވާއިދަކަށް ކަމަށާއި އޭގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.

ގިނަ އަދަދެއްގެ ޑައިވް ސެންޓަރުތައް ހިންގާ ފުވައްމުލަކުގެ ޑައިވަރުންގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ޑައިވްކުރުމަށް ފަހު، ވައިގެ ދަތުރު ވެސް ކުރެވެނީ އެ ގަވާއިދުގައިވާ ގޮތުން ނަމަ 24 ގަޑިއިރު ފަހުން ކަމަށެވެ. އެކަމަކު އެހެން ގައުމުތަކުގައި 18 ގަޑިއިރު ފަހުން ޑައިވް ކުރެވޭ ގޮތަށް އޮންނަ ކަމަށާއި އެހެންވެ، ފަންނީ ބޭފުޅުންނާ މަޝްވަރާކޮށް، ގަވާއިދަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ހަފުތާ ބަންދަށް ފަހު ސަރުކާރު ހުޅުވުމާ އެކު، ޑައިވިން ގަވާއިދުގައި ވާ ކަންކަން ދިރާސާކޮށް، ކަމާ ގުޅުން ހުރި ފަރާރްތަކާ އެކު މަޝްވަރާ ފައްޓަވާނެ ކަމަށެވެ.

"ރާއްޖޭގައި ޑައިވިންގެ ކަންކަން ކުރިއަރާފައި އޮތް މިންވަަރަށް ބަލައި 1991 ގައި ހެދިފައިވާ ގަަވައިދެއް އެއީ. މިހާރު މިތިބީ 2024 ގައި، އެހެންވީމާ ގެންނަން ޖެހޭ އިސްލާހުތަކެއް ހުންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ބައިނަލްގްވާމީ ޓޫރިޒަމް ދުވަސް ފާހަގަކުރަން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.

ބައިނަލްގްވާމީ ޓޫރިޒަމް ދުވަސް ފާހަގަކުރަން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.

ރޭގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވި ގޮތުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެކަމަށް ހާއްސަ ޑިޕާޓްމަންޓެއް ހެދުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ. އޭގެ ސަބަބުން ލުއި ގޮތެއްގައި އަވަސް ހިދުމަތްތަކެއް ދެވޭނެ ކަމަށް ވިދާޅުވި އެވެ.

"އޭރުން ރަށްރަށަށް ދެވޭ ސަމާލުކަން އިތުރުވާނެ. މިއީ ކާމިޔާބަށް ވާސިލުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް،" ފައިސަލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓޫރިޒަމް ފުޅާކުރުމަށް މިވަގުތު އޮތް ގޮންޖެހުންތަކުގެ ތެރޭގައި ބޭންކް މެދުވެރިކޮށް ލޯނު ހޯދުމަށް އޮތް ދަތިތައް އެބަހުއްޓެވެ. އެހެންވެ، އެކަމަށް ހައްލެއް ހޯދުމަށް ކުޑަ އިންޓަރެސްޓަކާ އެކު، ލޯނު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިތުރުން ބޭރުގެ އެކި ފަރާތްތަކާ ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ފައިސަލް ކަމަށް ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ފުވައްމުލަކުގައި ބޭއްވި ހަފުލާ އަށް މިނިސްޓަރު ފައިސަލާއި މާލޭގެ މޭޔަރު އާޒިމް އަދި އެހެން ބައެއް އިސްވެރިން އިއްޔެ ފުވައްމުލަކު އެއާޕޯޓުގައި ފޮޓޯއެއް ނަންގަވަނީ.

ބައިނަލްއަގްވާމީ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ފުވައްމުލަކުގައި ބޭއްވި ހަފުލާ އަށް މިނިސްޓަރު ފައިސަލާއި މާލޭގެ މޭޔަރު އާޒިމް އަދި އެހެން ބައެއް އިސްވެރިން އިއްޔެ ފުވައްމުލަކު އެއާޕޯޓުގައި ފޮޓޯއެއް ނަންގަވަނީ.

މިނިސްޓަރު ވިދާޅުވީ، ކުޑަ އިންޓަރެސްޓަކާ އެކު ލޯނު ދޫކުރަން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ބޭރު ގައުމުތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓް ބޮޑުކުރުމަށް ވެސް މަސައްކަތްތަކެއް ކުރައްވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ޕޮއިންޓްތަކުގެ ދަފްތަރެއް އެކުލަވާލައި، އެ ތަންތަން ޕްރޮމޯޓް ކުރުމަށް ވެސް މަސައްކަތްތައް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވަނީ ދެކުނުގައި ޓޫރިޒަމް ފުޅާކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ބޭރުގެ އެއާލައިންތައް އެ ސަރަަހައްދުތަކަށް އިތުރު ކުރެވޭނެ ގޮތްތައް ބަލާ ކަަމަށް ވެސް ވިދާޅުވެފަ އެވެ.

ސަރުކާރުން އަމާޒު ހިފާފައި ހުރީ މި އަހަރު ނިމުމުގެ ކުރިން ދެ މިލިއަން ޓޫރިސްޓުން ރާއްޖެ އަށް ގެނައުމަށެވެ.