26 ޑިސެމްބަރ 2024
ޓޫރިޒަމާ ގުޅުން ހުރި ގަވާއިދުތަކަށް މި ފަހުން ގެނައި ބަދަލުތަކުގެ ސަބަބުން، ޓޫރިސްޓުންނަށާއި ޓޫރިޒަމް ސިނާއަތަށް ކުރިމަތިވެދާނެ ދަތިތައް ދެނެގަނެ، އެ މަގުން މަސައްކަތްތައް ތަރުތީބުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމާ ގުޅުން ހުރި ގަވާއިދުތަކަށް މި ފަހުން ގެނައި ބަދަލުތަކުގެ ސަބަބުން، ޓޫރިސްޓުންނަށާއި ޓޫރިޒަމް ސިނާއަތަށް ކުރިމަތިވެދާނެ ދަތިތައް ދެނެގަނެ، އެ މަގުން މަސައްކަތްތައް ތަރުތީބުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ކަނޑައެޅި އަމާޒަށް ވާސިލުވެ، މި އަހަރު ރާއްޖެއަށް އައި ދެ މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުމަށް ވެލާނާ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތަށްފަހު، ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ތެރެއިން، ޓޫރިޒަމާ ގުޅޭ ގަވާއިދުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ޓޫރިސްޓުންގެ އަދަދުތަކަށް އަސަރުކުރާނެތޯ މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ އުނދަގޫ ފިޔަވަޅުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވީ، ގައުމުގެ މި ވަގުތުގެ އިގުތިސާދީ ހާލަތަށް ރިއާއަތްކުރައްވައި، އެ ނޫން ގޮތެއް ނެތިގެން ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މި ދަނީ އެމްއެމްޕީއާރުސީއާ ގުޅިގެން އޭގައި ހުރި ޗެލެންޖެސްތައް ދެނަގަތުމުގެ މަސައްކަތްތައް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރު ރާއްޖެ އަށް އައި ދެ މިލިއަން ވަނަ ޓޫރިސްޓާ އެކު ޓޫރިޒަމް މިނިސްޓަރު ފައިސަލް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
"އަޅުގަނޑުމެން، އެމްއެމްޕީއާރުސީން މާކެޓިން ޕްލޭން އެކުލަވާލުމުގައި ވެސް ވަރަށް ބޮޑަށް އަލަށް ހެދުނު ގަވާއިދުތަކުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ކުރާނީ ކޮން ކަހަލަ އަސަރުތަކެއްތޯ. އަދި ކޮން ގޮތަކަށްތޯ އަޅުގަނޑުމެން މަސައްކަތް ކުރާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މި ފިޔަވަޅުތައް ރައީސް އެޅުއްވީ ގައުމުގެ މި ވަގުތުގެ އިގުތިސާދީ ހާލަތާ ގުޅިގެން ކޮންމެހެން އެކަން ކުރަންޖެހިވަޑައިގެން ކަމަށް ވިދާޅުވެ، ފައިސަލް ވަނީ އެކަމަށް ޓޫރިޒަމް ސިނާއަތުގެ ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަމަށް އިލްތިމާސް ކުރައްވައިފަ އެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސް އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ބޮޑުކޮށްފައިވަނީ މި މަހުން ފެށިގެންނެވެ. އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ވެސް އަންނަ އަހަރު ޖުލައި މަހުން ފެށިގެން ބޮޑުވާނެ އެވެ.
އޭގެއިތުރުން، ޓޫރިސްޓުން ތިބޭ ތަންތަނުން ކޮންމެ ބޮލަކަށް ވަކި އަދަދަކަށް ރާއްޖޭގެ ބޭންކުތަކުން ޑޮލަރު މާރުކުރަން މަޖުބޫރުވާ ގޮތަށް ވެސް ވަނީ ހަދައިފަ އެވެ.
އެ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ދިމާވާ ދަތިތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފައިސަލް ވިދާޅުވިއިރު، މި އަހަރަށް ވުރެ ޓޫރިސްޓުން ޒިޔާރަތްކުރާ މިންވަރު އަންނަ އަހަރު 15 ޕަސެންޓަށް އިތުރުކުރުމުގެ އާ އަމާޒެއް އޭނާ މިއަދު ވަނީ އިއުލާނުކުރައްވައިފަ އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ އަންނަ އަހަރުގެ ޓާގެޓަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ހަނީ މޫން ޑެސްޓިނޭޝަނެއްގެ ބޭރުން ރާއްޖެ މާކެޓު ކުރަން މަސައްކަތްކުރާނަން. ސްޕޯޓްސް ޓޫރިޒަމް އާއި އެޑިއުކޭޝަނަލް ޓޫރިޒަމް ފަދަ އެކި ދާއިރާތައް އެކްސްޕްލޯކުރާނަން. އަޅުގަނޑުމެން މަސައްކަތް ކުރާނީ ތަފާތު ގޮތަކަށް އަންނަ އަހަރު މާކެޓް ކުރުމަށް. އޭގެ ޕްލޭންތައް މިހާރު މި ހަދަނީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އައުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި އިމިގްރޭޝަން އަދި ކަސްޓަމްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި ލިޔެވުނު ދެ މިލިއަން ވަނަ ޓޫރިސްޓުގެ ޝަރަފު ހޯދީ، ފިރިމީހާ އާއި ދެ ކުދިންނާ އެކު އައި އޮސްޓްރިއާގެ އަންހެނެކެވެ.
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
އިގްތިސާދު ކުރިއެރިޔަސް، ހާސްކަން ބޮޑު އަހަރެއް!
ޓޫރިސްޓުންގެ އަތުން އާ ފީއެއް ނުނަގަން ފާސްކޮށްފި
އަހަރު ނިމުނު އިރު މީރާ އަށް 14.5 ބިލިއަން ރުފިޔާ
ޕީކް ސީޒަނާ އެކު، ޓޫރިޒަމަށް ދެ ޕަސެންޓުގެ ދަށްވުމެއް
ޑޮލަރު މާރުކުރުމާ ދެކޮޅަށް 70 ރިސޯޓުން ޝަކުވާ
ޓޫރިޒަމަށް 400 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ