Roadha Mihaaru
އަހަރު ނިމުނު އިރު މީރާ އަށް 14.5 ބިލިއަން ރުފިޔާ

އަހަރު ނިމުނުއިރު މީރާ އަށް ޖަމާކުރި އާމްދަނީ 14.5 ބިލިއަނަށް

11 ޖެނުއަރީ 2017

ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެ، މިދިޔަ އަހަރު ނިމުނު އިރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޮރިޓީ (މީރާ) އަށް ޖަމާކުރި ޖުމްލަ އާމްދަނީ 14.5 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެ، މިދިޔަ އަހަރު ނިމުނު އިރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޮރިޓީ (މީރާ) އަށް ޖަމާކުރި ޖުމްލަ އާމްދަނީ 14.5 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޑޮލަރުން އެކަނި ވެސް އާމްދަނީގެ ގޮތުގައި 572.9 މިލިއަން ޑޮލަރު ޖަމާކޮށްފައިވެ އެވެ. އަދި ރުފިޔާ އިން ޖަމާކޮށްފައި ވަނީ 5.7 ބިލިއަން ރުފިޔާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2015 ވަނަ އަހަރު މީރާ އަށް ޖަމާކޮށްފައި ވަނީ 13 ބިލިއަން ރުފިޔާ އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ވެސް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީންނެވެ. ނަމަވެސް ޓޫރިޒަމް ދާއިރާ އަށް ހާއްސަ ޓީޖީއެސްޓީން ލިބުނު އާމްދަނީ ވަނީ 2015 ވަނަ އަހަރާ އަޅައިބަލާއިރު ދަށްވެފަ އެވެ.

ޖީއެސްޓީގެ ގޮތުގައި ޖުމްލަ 6.2 ބިލިއަން ރުފިޔާ ލިބުނު އިރު، ޓީޖީއެސްޓީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 3.9 ބިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ. ނަމަވެސް އާއްމު ޖީއެސްޓީން ލިބުނު މިންވަރު ވަނީ 2.3 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެކަނި ވެސް މީރާ އަށް 1.2 ބިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. ދައުލަތަށް އާމްދަނީ އިތުރުވި މައިގަނޑު ސަބަބެއް ކަމަށް ބުނެފައި ވަނީ ކުލީގެ މުއްދަތު އިތުރުކޮށްދީގެން ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވުމާއި ޖީއެސްޓީ އާއި ބީޕީޓީ ވެސް އިތުރުވެ އަދި އެ މުއްދަތުގައި އައި ޓޫރިސްޓުންގެ އަދަދު ވެސް 15.9 ޕަސެންޓް އިތުރުވުމުން ކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާ އަށް ލިބުނު އާމްދަނީއަކީ ކުރިން ލަފާކުރި މިންވަރަށް ވުރެ 4.5 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅައިބަލާއިރު 26.5 ޕަސެންޓް އިތުރު އަދަދެކެވެ.