Roadha Mihaaru

ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއާ ގުޅިގެން ޖީއެސްޓީއަށް 200 މިލިއަން ހޯދަން މީރާއިން ކޯޓަށް

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރި ސިންގަޕޫރުގެ ޝަންގް ހުއާ ކޮންސްޓްރަކްޝަންގެ އަތުން، އެ މަޝްރޫއާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި 200 މިލިއަން ރުފިޔާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓަށް ހިނގައްޖެ އެވެ.

ދަރުމަވަންތަ މަޝްރޫއާ ހެދި 200 މިލިއަން ހޯދަންކޯޓަށް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

10 ޖުލައި 2025

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރި ސިންގަޕޫރުގެ ޝަންގް ހުއާ ކޮންސްޓްރަކްޝަންގެ އަތުން، އެ މަޝްރޫއާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި 200 މިލިއަން ރުފިޔާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓަށް ހިނގައްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ހަވާލުކުރީ ޝަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. ނަމަވެސް އެ މަޝްރޫއުގެ ޖީއެސްޓީގެ ފައިސާއާ ގުޅިގެން އެ ކުންފުނިން ދައުވާ ކުރުމުން ސިވިލް ކޯޓުން މާޗް 2023 ގައި ނިންމާފައިވަނީ ޖީއެސްޓީގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ. އެ ކުންފުނިން އެހާތަނަށް ޖީއެސްޓީގެ ގޮތުގައި ދެއްކި 227،000ރ. އަނބުރާ ދޭން އޭރު ކޯޓުން އެންގި އެވެ.

އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް، މީރާއިން އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ޖީއެސްޓީ އާއި ޖޫރިމަނާއާ އެކު 200 މިލިއަން ރުފިޔާ ހޯދުމަށެވެ.

އެހެންވެ، ޝަންގް ހުވާ ކޮންސްޓްރަކްޝަނުން ވަނީ ސިވިލް ކޯޓުގެ ކުރީގެ ހުކުމާ ހަވާލާދީ، ޖީއެސްޓީގެ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ބުނެ އިޖުރާއީ އިއުތިރާޒެއް ހުށަހަޅައިފަ އެވެ. އެގޮތުން 2023 ވަނަ އަހަރު ސިވިލް ކޯޓުން ނިންމި މައްސަލާގައި ޓެކްސް ދެއްކުމުގެ ޒިންމާ ދިވެހި ސަރުކާރުން އަދާކުރަން ޖެހޭނެ ކަމަށް ނިިންމާފައިވާތީ އެ ފައިސާ ހޯދުމަށް އެ ކުންފުނީގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ޝަންގް ހުވާ ކޮންސްޓްރަކްޝަނުން ބުނެފައިވާ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެ އެވެ.

ނަމަވެސް މީރާ އިން ކޯޓުގައި ބުނީ، ކުރީގެ ހުކުމް އޮތްގޮތުން ޖީއެސްޓީގެ ފައިސާ މީރާ އަށް ދައްކަން ޖެހޭނީ ޝަންގް ހުވާ ކޮންސްޓްރަކްޝަނުން ކަމަށާއި އެ ފައިސާ މީރާ އަށް ދެއްކުމަށް ފަހު ދިވެހި ސަރުކާރުގެ އަތުން ފައިސާ އަނބުރާ ހޯދުމުގެ ހައްގު ކުންފުންޏަށް އޮންނާނެ ކަމަށެވެ.

އެހެންވެ، ކޯޓުން ވެސް މިދިޔަ އަންގާރަ ދުވަހު ނިންމީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއު ހިންގި ކުންފުންޏާ ދެކޮޅަށް މީރާއިން ދައުވާ ކުރިއިރު، ދައުލަތުން ވަނީ ޖީއެސްޓީގެ ފައިސާ އަށް ދިވެހި ސަރުކާރުން ޒިންމާވާން ނުޖެހޭނެ ކަމަށް ބުނެ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެހާތަނަށް ޝަންގް ހުވާ ކޮންސްޓްރަކްޝަނުން ޖީއެސްޓީގެ ގޮތުގައި މީރާ އަށް ދެއްކި 227،000ރ. އަނބުރާ އެ ކުންފުންޏަށް ދޭން ކޮށްފައިވާ ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން އޮތީ ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ.