Roadha Mihaaru

ދައުލަތަށް ނުލިބި ހުރި ފައިސާއިން 1.2 ބިލިއަން ރުފިޔާ ހޯދައިފި

ދައުލަތަށް ދައްކަންޖެހޭ ޓެކްސް އާއި ކުއްޔާއި ފީތަކުގެ ގޮތުގައި ނުލިބި ހުރި ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ މީރާ އިން ރިކަވާކޮށްފި އެވެ.

ނުލިބި ހުރި ފައިސާއިން 1.2 ބިލިއަން ރުފިޔާ ހޯދައިފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

15 ސެޕްޓެމްބަރ 2025

ދައުލަތަށް ދައްކަންޖެހޭ ޓެކްސް އާއި ކުއްޔާއި ފީތަކުގެ ގޮތުގައި ނުލިބި ހުރި ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ މީރާ އިން ރިކަވާކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ދެވަނަ ކުއާޓާގެ ރިޕޯޓުގައިވާ ގޮތުން ފައިސާ ދައްކަން ޖެހޭ ފަރާތްތަކަށް ގުޅައިގެން 828 މިލިއަން ރުފިޔާ ހޯދިފައިވެ އެވެ. އަދި އެކައުންޓު ފްރީޒް ކޮށްގެން 21 މިލިއަން ރުފިޔާ ހޯދުނު އިރު ރިމައިންޑާ ދިނުމަށް ގުޅައި، އީމެއިލްކޮށްގެން 139 މިލިއަން ރުފިޔާ ހޯދުނު ކަމަށް ވެސް ބުނެފައިވެ އެވެ.

މިހާރު ވެސް މީރާ މެދުވެރިކޮށް ލިބެން ޖެހި ނުލިބި 14.2 ބިލިއަން ރުފިޔާ އެބަ ހުއްޓެވެ. އޭގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި 4.8 ބިލިއަން ރުފިޔާ ހިމެނެ އެވެ. ޖެނެރަލް ޖީއެސްޓީގެ ގޮތުގައި ނުލިބި 3.2 ބިލިއަން ރުފިޔާ ހުރި އިރު ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބެންޖެހެ އެވެ.

ނުލިބި ހުރި ފައިސާގެ ތެރޭގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުލިބި 2.4 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

މިދިޔަ އަހަރު މީރާ އިން ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން 3.8 ބިލިއަން ރުފިޔާ ހޯދާފައިވެ އެވެ. އެ އަހަރު ނޯޓިސް ފޮނުވައިގެން ހޯދި ފައިސާގެ އަދަދު 2.74 ބިލިއަން ރުފިޔާއަށް އަރަ އެވެ. ޖުމްލަ 501 ފަރާތެއްގެ ބޭންކް އެކައުންޓް ފްރީޒްކޮށްގެން އިތުރު 109.4 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކަ އެވެ.

މިއަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި 21 ބިލިއަން ރުފިޔާ މީރާއިން ބަލައިގެންފައިވެ އެވެ. އޭގެ ތެރެއިން 35 ޕަސެންޓު ނިސްބަތްވަނީ ޓީޖީއެސްޓީއަށެވެ. ޓީޖީއެސްޓީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 7.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.