Roadha Mihaaru
ކުލި/ޓެކްސް ނުދައްކާ މީހުން "ފިލިޔަ" ދީގެން ނުވާނެ!

ކުއްޔާއި ޓެކްސް އަށް ފިލާ ތިބި ކުންފުނިތަކަށް ހަރުކަށި ފިޔަވަޅު ނާޅާ ސަލާމަތެއް ނެތް!

05 އޯގަސްޓް 2024

ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އިންކަމް ޓެކްސް ނުދައްކާ 700 މީހުންގެ ނަން އާންމުކޮށްފަ އެވެ. އެއީ ހަމައެކަނި އެންމެ ޓެކްސްއެއް ނުދައްކާ ތިބި ފަރާތްތަކެވެ. ރިސޯޓުތަކުން ޓީޖީއެސްޓީ އާއި ކުލި ނުދައްކާ ފަރާތްތަކުގެ ލިސްޓު އަދި އޮތީ އެވެ. އެޅި ފިޔަވަޅެއް ނެތެވެ. އެއީ ގާނޫނީ އިމުގެ ތެރެއިން ދައުލަތަށް ލިބެން ޖެހޭ އެތައް ބިލިއަން ރުފިޔާ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އިންކަމް ޓެކްސް ނުދައްކާ 700 މީހުންގެ ނަން އާންމުކޮށްފަ އެވެ. އެއީ ހަމައެކަނި އެންމެ ޓެކްސްއެއް ނުދައްކާ ތިބި ފަރާތްތަކެވެ. ރިސޯޓުތަކުން ޓީޖީއެސްޓީ އާއި ކުލި ނުދައްކާ ފަރާތްތަކުގެ ލިސްޓު އަދި އޮތީ އެވެ. އެޅި ފިޔަވަޅެއް ނެތެވެ. އެއީ ގާނޫނީ އިމުގެ ތެރެއިން ދައުލަތަށް ލިބެން ޖެހޭ އެތައް ބިލިއަން ރުފިޔާ އެވެ.

ޓެކްސް އާއި އެ ނޫން ގޮތް ގޮތަށް ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު 15.4 ބިލިއަން ރުފިޔާ ފަހަނައަޅައި ދިޔަ އިރު ވެސް ވިޔަފާރިތަކަށް ލުއި ގޮތްތައް ހަމަޖައްސައިދީގެން ތިބެންވީ ހެއްޔެވެ؟ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމުގެ ކުޅަދާނަކަން އެކިއެކި ސަރުކާރުތަކުގައި ނެތް ކަމީ ފެންނަ ހުރި ހަގީގަތެކެވެ. ކޮންމެވެސް ސަބަބަކާ ހެދި ކޮންމެ ސަރުކާރެއް ވެސް ވަނީ ވިޔަފާރިވެރިންގެ "މަޅީގައި" ޖެހިފަ އެވެ.

މި މައްސަލަ އަށް އޮތް ހައްލަކީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް އެއް ވިސްނުމެއްގައި މަސައްކަތް ކުރުމެވެ. މީރާ އިން އެކަނި މަސައްކަތް ކުރިޔަސް މި އަދަދުތަކެއް ދައުލަތަށް އަނބުރައެއް ނުލިބޭނެ އެވެ.

ޓެކްސް ނުދައްކާ މައްސަލައަކާ ގުޅިގެން ޔޮޓް ޓުއާސް ގޮވައިގެން މީރާ އިން 2016 ވަނަ އަހަރު ކޯޓަށް ދިޔަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓު ކުރިއަށް ގެންދަނިކޮށް ޓޫރިޒަމް މިނިސްޓްރީން "އޯވަނައިޓުން" އެގްރީމަންޓަށް އެމެންޑްމެންޓެއް ގެނެސް އެއީ ޔޮޓް ޓުއާސް އިން ދައްކަން ނުޖެހޭ ފައިސާއެއް ކަމަށް ބަދަލުކުރި އެވެ. މައްސަލަ މީރާ އަށް ގެއްލުނީ އެވެ.

މިއީ ސިޔާސީ ގާތް ގުޅުންތަކުގެ ސަބަބުން ހިނގާފައިވާ ކަންކަމެވެ. މިއީ އެންމެ ކަމެއްގެ ވާހަކަ އެވެ. މިފަދަ "ޖަރީމާއެއް" މިދިޔަ ސަރުކާރުތަކުން ވަނީ ހިންގައި ދައުލަތަށް ލިބެން ޖެހޭ ފައިސާތަކަށް ހުރަސް އަޅައިފަ އެވެ.

ދައުލަތަކަށް ފީ އާއި ޓެކްސް ނުދައްކާ އުޅޭ ބައެއް ފަރާތްތުން އެ ފައިސާ ނުދައްކާތާ 10-15 އަހަރު ވެފައިވާއިރު، އެ ފަރާތްތަކަށް ބޭނުންވާ ހުރިހާ ލުއި ގޮތްތަކެއް ސަރުކާރުން ދަނީ ހޯދައިދެމުންނެވެ. ބޭނުމަކީ ވިޔަފާރި ކުރަން ރަނގަޅު މާހައުލެއް ހޯދައިދިނުމެވެ. އެކަމަކު ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ނަމަ އެހާ ލުއި ފަސޭހަކޮށް ވިޔަފާރީގެ މާހައުލުގެ ތެރެއިން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމާ މެދު އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތަފްސީލު

ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތަފްސީލު

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވެސް ދާދި ފަހުން ވަނީ ޓެކްސް އާއި އެ ނޫން ގޮތްގޮތުން ދައުލަތުން ހޯދަން ޖެހޭ އަދަދުތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، ފައިސާ ރިކަވާ ކުރަން މީރާ އަށް ބޭނުންވާ އެހީތެރިކަން ރައްޔިތުންގެ މަޖިލީހުން ފޯރުކޮށްދޭން ތައްޔާރު ކަމަށެވެ.

ނާޒިމް ވިދާޅުވީ، ކޮވިޑާ ގުޅިގެން ޓެކްސް އާއި އެ ނޫން ފީތައް ދެއްކުމުގައި ގެންނަ ލުއިތަކަށް މާބޮޑު ބަދަލެއް ނުގެނެސް ބޭއްވުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިސްމެނޭޖް ކުރި ކަމުގެ ހެއްކެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މީރާ އިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ރައްޔިތުންގެ މަޖިލީހުން ތައްޔާރަށް އޮތް ކަމަށާއި އެ ފައިސާ ދައުލަތަށް ހޯދުމުގައި ބޭނުންވާ ހުރިހާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓެކްސްގެ ގޮތުގައި ދައުލަތަށް ނުލިބި 7.7 ބިލިއަން ރުފިޔާ އެބަހުއްޓެވެ. ޓެކްސް ނޫން އެހެން ފީތަކުގެ ގޮތުގައި 7.6 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި ހުރި އިރު އެންމެ ބޮޑު އަދަދެއް ލިބެން ޖެހެނީ ރިސޯޓު ކުލިންނެވެ. ރިސޯޓުތަކުން ކުލީގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބަހުއްޓެވެ. ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ނުލިބެ އެވެ. ޓީޖީއެސްޓީގެ ގޮތުގައި ލިބެން ޖެހޭ 1.6 ބިލިއަން އެބަހުއްޓެވެ. ދައުލަތަށް މިހާތަނަށް ލިބެން ޖެހޭ އިންކަމް ޓެކްސްގެ އަދަދަކީ 1.1 ބިލިއަން ރުފިޔާ އެވެ.

މިރާގެ ކައުންޓަރުތަކުން ބަޔަކު ހިދުމަތް ހޯދަނީ.-- ފޮޓޯ: މިހާރު

މިރާގެ ކައުންޓަރުތަކުން ބަޔަކު ހިދުމަތް ހޯދަނީ.-- ފޮޓޯ: މިހާރު

އާ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވީ، މިދިޔަ މެއި މަހުން ފެށިގެން މިއަދާ ހަމައަށް ޓެކްސް ނުދައްކާ ފަންސާހަކަށް ފަރާތާ ބައްދަލުކޮށް، އެ ފައިސާ ހޯދުމަށް ގިނަ މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ. އެ މަސައްކަތުގެ ނަތީޖާ މިހާރު ވެސް ކޮންމެވެސް ވަރަކަށް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދަދުތަކަކީ ސަރުކާރުގެ ރިލޭޓެޑް ކުންފުނިތަކާއި ހުރިހާ ފަރާތްތައް އެއްކޮށް ފައިން އާ ވެސް އެކު. އޭގައި އަވަހަށް ދައްކާ މީހުންނަށް ފައިން ރިލީޒް ވެސް ދެން. އެހެންވީމާ މުޅި އެމައުންޓަކީ ކަލެކްޓަބަލް [ހޯދޭނެ] އަދަދެއް ނޫން،" ޒަރީރު ވިދާޅުވި އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޓެކްސް އާއި އެ ނޫން ފީތަކުގެ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުލިބި 1.6 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

ޒަރީރު ވިދާޅުވި ގޮތުގައި، ކުރިން ނޯޓިސް ފޮނުވާފައިވާ ފަރާތްތަކަށް އަލުން އަންނަނީ އެ ނޯޓިސްތައް ފޮނުވަމުންނެވެ. އޭނާ ވިދާޅުވީ، ޕެންޑިން ޕޭމެންޓުތައް އިތުރުވެފައި ވަނީ ކޮވިޑާ ގުޅިގެން ކަމަށެވެ.

"ޕްލޭންތައް ދެވިފައި ހުރި ފަރާތްތަކުގެ އަދަދު އެގްރީމެންޓްތަކާ އެކު ކުރިއަށް ދަނީ. އެހެންވީމާ ކުއްލިއަކަށް ކަލެކްޓް ނުކުރެވޭނެ. ކޯޓު މަރުހަލާގައި ވެސް އުޅޭނެ ގިނަ ކޭސްތައް،" ޓެކްސް އިދާރާގެ ވެރިޔާ ވިދާޅުވި އެވެ.

އެންމެ ބޮޑު އަދަދެއް ޓޫރިޒަމް ލޭންޑް ރެންޓް

ރިސޯޓުތަކުގެ ކުއްޔަށް އެހާ ބޮޑު އަދަދެއް އިތުރުވެގެން ދިޔައީ ވޭތުވެދިޔަ އަހަރުތަކުގައި ނުހެދި ހުރި ރިސޯޓުތަކާ މެދު "ރިވާސް" ނިންމުންތަކެއް ޓޫރިޒަމް މިނިސްޓްރީ އަށް ނުނެގުމުންނެވެ. އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ކުލި ނުދައްކާ ފަރާތްތަކާ މެދު އެންމެ ކުރިއްސުރެ ފިޔަވަޅު އެޅި ނަމަ އެހާ ބޮޑަށް އިތުރުވެގެން ނުދިޔައީހެވެ.

މީރާގެ "ނޭމް އެންޑް ޝޭމް" އުސޫލުގެ ތެރެއިން 2022 ވަނަ އަހަރު ކުލި ނުދައްކާ 12 ރިސޯޓެއްގެ މައުލޫމާތު ވަނީ ހާމަކޮށްފަ އެވެ. އެ ލިސްޓުގައި އޭރުގެ ސަރުކާރާ ގާތް ބޭފުޅުންގެ ކުންފުނިތަކުގެ ނަންތައް ވެސް ހުއްޓެވެ.

މީރާގެ ކުރީގެ ޗެއާޕާސަން އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ، ނުހެދި ހުރި ރަށްތަކާ މެދު ގޮތެއް ނިންމުމަށް 2022 ހިސާބުގައި ތިން އަހަރުގެ މުއްދަތެއް ދިން ކަމަށާއި އެ މުއްދަތު ހަމަވާނީ މި އަހަރަށް ކަމަށެވެ. އޭނާ ވިދާޅުވީ، އޭރު ދިން މުއްދަތުގައި ވެސް އެއްވެސް މަސައްކަތެއް ނުކުރާ ނަމަ އެ ރަށްތައް ދައުލަތަށް ނެގެން ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ މަޝްހޫރު ރިސޯޓެއް: ރިސޯޓުތަކުން ކުލީގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ނުލިބޭ --

ރާއްޖޭގެ މަޝްހޫރު ރިސޯޓެއް: ރިސޯޓުތަކުން ކުލީގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ނުލިބޭ --

ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 6.9 ބިލިއަން ރުފިޔާ ހުރި އިރު އެ ފައިސާ ހޯދަން މަސައްކަތް ކޮށްފި ނަމަ ސަރުކާރަށް އެ އިން ކޮންމެ ވެސް ވަރެއް ހޯދޭނެ ކަމަށް ސަރުވަޝް ވިދާޅުވި އެވެ. މިއީ 2023 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން ގަވައިދަށް ގެނައި ބަދަލާ އެކު, ހަދަމުން އަންނަ ރިސޯޓުތަކުގެ ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާ މާފުކުރުމަށް ފަހު ބާކީ ހުރި އަދަދެވެ.

"މީރާގެ އެންމެ އެފެކްޓިވް އެންފޯސްމެންޓް ޕޮލިސީއަކީ ޓެކްސް ކްލިއަރެންސް ނިޒާމު. ޓެކްސް ކްލިއަރެންސް ރިޕޯޓުގައި އެއްވެސް އެއްޗެއް ނުދައްކާ ކަމުގައި އޮންނަ ނަމަ ކުންފުނިތަކުން އެ ރިޕޯޓު ކްލީން ކުރަން ވަރަށް މަސައްކަތް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

އެ ޖޫރިމަނާ މާފު ނުކުރި ނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 20 ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އެރީހެވެ.

"އޭތި އަތުލަން އުޅޭ އިރު ކުޑަ އަދަދެއް ލިބޭނީ. ގިނަ ފަހަރު ހުރީ ނުހެދި ހުރި ތަންތަން. އެ ތަންތަން ނުހެދޭ ނަމަ ޓާމިނޭޓްކޮށްގެން އެތަން ހެދޭ ބަޔަކަށް ދިނުން ވެސް ވަރަށް މުހިއްމު،" ސަރުވަޝް ވިދާޅުވި އެވެ.

ހައްލަކީ ހަރުކަށި ފިޔަވަޅު

ޓެކްސް ނުދައްކާ ފަރާތްތައް ގޮވައިގެން ކޯޓަށް ދިއުމުގެ ބާރު މީރާ އަށް ލިބިފައިވީ ނަމަވެސް އެހެން ފީތަކާ ގުޅޭ ގޮތުން ފިޔަވަޅު އަޅަން ޖެހެނީ އެކަމާ ގުޅޭ އިދާރާއަކުންނެވެ.

ޓެކްސް ކޮމިޝަނަރު ޒަރީރު ވިދާޅުވީ، ޓެކްސް ނުދައްކާ ނަމަ އިމްޕޯޓު ކުރުން ފަދަ ކަންކަން ނުކުރެވޭނެ ގޮތަކަށް މީގެ ފަސް ވަރަކަށް އަހަރު ކުރިން ފިޔަވަޅުތައް އެޅި ކަމަށެވެ. އެކަމަކު 2019 ވަނަ އަހަރު އެ ކަހަލަ ހުރިހާ ކަމެއް މަޑުޖައްސާލީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ޒަރީރުގެ ވިސްނުމުގައި މިހާރު ހުރީ އަނެއްކާ ވެސް އެފަދަ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މީރާ އިން ފެށުމަށެވެ.

"ޓެކްސް އަށް ވަކި ގޮތެއް ނިމެންދެން އިމްޕޯޓު ހޯލްޑް ކުރުން. އޭގެ އިތުރަށް އެކިއެކި ލައިސަންސިން އާއި އޭޖެންސީތަކުން ދޭ ހިދުމަތްތައް ޓެކްސް ދެއްކިތޯ ބަލައިފައި ހިދުމަތް ފޯރުކޮށްދިނުން. އޭރަށް [ޓެކްސް] ނުދައްކާ ފަރާތްތަކަށް އެ ހިދުމަތްތަކެއް ނުލިބޭނެ. އެއީ ވަރަށް އެފެކްޓިވް ޕޮލިސީއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ބެލެވުނީ،" ޒަރީރު ވިދާޅުވި އެވެ.

ޓެކްސް އިދާރާ މީރާ: ޓެކްސް ދެއްކުމަށް މީރާގެ ކައުންޓަރުތަކުގައި މީހުން މަޑުކޮށްލައިގެން.-- ފޮޓޯ: މިހާރު

ޓެކްސް އިދާރާ މީރާ: ޓެކްސް ދެއްކުމަށް މީރާގެ ކައުންޓަރުތަކުގައި މީހުން މަޑުކޮށްލައިގެން.-- ފޮޓޯ: މިހާރު

މީރާގެ ކުރީގެ ޗެއާޕާސަން ސަރުވަޝް ވިދާޅުވީ، މީރާގެ އެންސްފޯސްމެންޓް އުސޫލު ތަންފީޒު ކުރާއިރު، ޓެކްސް ކްލިއަރެންސް ނިޒާމު ތެރެއިން ވެސް އެކަން ކުރެވޭނެ ކަމަށެވެ.

"މީރާގެ އެންމެ އެފެކްޓިވް އެންފޯސްމެންޓް ޕޮލިސީއަކީ ޓެކްސް ކްލިއަރެންސް ނިޒާމު. ޓެކްސް ކްލިއަރެންސް ރިޕޯޓުގައި އެއްވެސް އެއްޗެއް ނުދައްކާ ކަމުގައި އޮންނަ ނަމަ ކުންފުނިތަކުން އެ ރިޕޯޓު ކްލީން ކުރަން ވަރަށް މަސައްކަތް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

މިކަމުގައި ހަމައެކަނި މީރާ އަށް އިނގިލި ދިއްކުރެވޭކަށް ނެތެވެ. މި މައްސަލަ ހައްލު ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީ އާއި އެ ނޫން އިދާރާތައް މެދުވެރިކޮށް، ދައުލަތަށް ލިބެން ހުރި ފައިސާ ހޯދުމަށް މަސައްކަތް ފަށައިގެންނެވެ.

ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް މި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ފަށައި، އެ ވާހަކަތައް އެކި ޕޯޑިއަތްތަކުގައި ވަރަށް ތަފުސީލުކޮށް، ފާޅުގައި ދައްކަން ފަށާފައިވާއިރު އެއީ ވެސް ކޮންމެ ވެސް ވަރެއްގެ އުންމީދެކެވެ. ދެން އޮތީ ހަރުކަށި ފިޔަވަޅު އަޅައިގެން ވިޔަސް އެ ފައިސާ ހޯދުމަށް އަމަލީ ގޮތުން ކަންކަން ދެއްކުމެވެ. ގާނޫނީ ގޮތުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމާ ގުޅޭ ވާހަކަތައް މިހާރު އެހާ މުހިންމެއް ނޫނެވެ. ބޭނުންވަނީ ނަތީޖާ އެވެ.