Roadha Mihaaru
ލަފާކުރި ވަރަށް ވުރެ މިދިޔަ މަހުގެ އާމްދަނީ އިތުރު

ލަފާކުރި ވަރަށް ވުރެ މިދިޔަ މަހު ލިބުނު އާމްދަނީ 22.3 ޕަސަންޓު އިތުރު

14 މާޗް 2024

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު ބަލައިގަތް ދައުލަތުގެ އާމްދަނީ ކުރިން އަންދާޒާކުރި އަދަދަށް ވުރެ 22.3 ޕަސަންޓު އިތުރު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު ބަލައިގަތް ދައުލަތުގެ އާމްދަނީ ކުރިން އަންދާޒާކުރި އަދަދަށް ވުރެ 22.3 ޕަސަންޓު އިތުރު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ އިދާރާ އިން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ފެބްރުއަރީ މަހު ޖުމްލަ 2.33 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ. އޭގެ ތެރޭގައި އެމެރިކާ ޑޮލަރުން ބަލައިގަތް 100.34 މިލިއަން ހިމެނެ އެވެ.

މިއީ މިރާއިން ބުނި ގޮތުގައި، ކުރިން އަންދާޒާކުރި އަދަދަށް ވުރެ 22.3 ޕަސަންޓު އިތުރު އަދަދެކެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު 33.7 ޕަސަންޓު އިތުރު އަދަދެއް ކަމަށް މީރާއިން ބުންޏެވެ.

ލަފާކުރި ވަރަށް ވުރެ އާމްދަނީ އިތުރުވެފައިވަނީ މީރާ އިން ބުނި ގޮތުގައި، ޖީއެސްޓީ ދެއްކި ވަރު އިތުރުވުމާއި މުއްދަތުގެ ފަހުން ދައްކާފައިވާ ބޭންކް އިންކަމް ޓެކްސް އާއި ޓޫރިޒަމް ބިމު ކުލީގެ ސަބަބުންނެވެ.

މީރާ އިން ބުނީ ކުރިން އަންދާޒާކުރި އަދަދަށް ވުރެ ޓޫރިސްޓުން އައި ނިސްބަތް ހަތަރު ޕަސަންޓު އިތުރުވެފައި ވުމަކީ ވެސް، އާމްދަނީ އިތުރުވާން މެދުވެރިވި ސަބަބެއް ކަމަށެވެ.

މިދިޔަ މަހު މީރާ އިން ބަލައިގަތް އާމްދަނީގެ ތެރެއިން 2.07 ބިލިއަން ރުފިޔާ އަކީ ޓެކްސްގެ ގޮތުގައި ދައްކާފައިވާ ފައިސާ އެވެ. އޭގެ ތެރެއިން 70.1 ޕަސަންޓަކީ ޖީއެސްޓީން ލިބުނު އާމްދަނީ އެވެ.

އެމެރިކާ ޑޮލަރުން ލިބުނު އާމްދަނީގެ ތެރެއިން 77.9 ޕަސަންޓަކީ ޓީޖީއެސްޓީ އެވެ.