Roadha Mihaaru
މީރާއަށް ބަލައިގަތް އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށް

މީރާއަށް މިދިޔަ މަހު ބަލައިގަތް އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށް!

10 ޖުލައި 2024

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން މިދިޔަ މަހު ބަލައިގަތް އާމްދަނީ، ކުރިން ލަފާކުރި ވަރަށް ވުރެ 28.8 ޕަސަންޓު ދަށްވެއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން މިދިޔަ މަހު ބަލައިގަތް އާމްދަނީ، ކުރިން ލަފާކުރި ވަރަށް ވުރެ 28.8 ޕަސަންޓު ދަށްވެއްޖެ އެވެ.

މީރާ އިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން އެ އޮތޯރިޓީން ވަނީ މިދިޔަ މަހު ޖުމްލަ 2.05 ބިލިއަން ރުފިޔާ ބަލައިގެންފަ އެވެ. އޭގެ ތެރޭގައި، ސީދާ އެމެރިކާ ޑޮލަރުން ބަލައިގަތް 76.57 މިލިއަން ހިމެނެ އެވެ.

މިދިޔަ މަހު ބަލައިގަތް އާމްދަނީ އަކީ މީރާއިން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 26.8 ޕަސަންޓު އިތުރު އަދަދެކެވެ. އެކަމަކު މިއީ، އަހަރު ފެށުނުއިރު ލަފާކުރި މިންވަރަށް ވުރެ 28.8 ދަށް އަދަދެއް ކަމަށް މީރާއިން ބުންޏެވެ.

ލަފާކުރި މިންވަރަށް އާމްދަނީ ނުލިބުމުގެ ސަބަބުތަކުގެ ތެރޭގައި ކޯޕަރޭޓް އިންކަމް ޓެކްސް އާއި ބޭންކް ޕްރޮފިޓް ޓެކްސް އަދި ޓޫރިޒަމް ބިމު ކުލި ދަށްވުން ހިމެނޭ ކަމަށް ރިޕޯޓުގައި ބުންޏެވެ.

މިދިޔަ މަހު ވެސް، މީރާއަށް ބަލައިގަތް އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި އެކަނި، 748 މިލިއަން ރުފިޔާ މީރާއަށް ދައްކާފައިވާ އިރު، މިއީ ޖުމްލަ އާމްދަނީގެ 36.49 ޕަސަންޓެވެ.

ދެވަނަ އަށް އެންމެ ގިނައިން ދައްކާފައިވަނީ އިންކަމް ޓެކްސް އެވެ. އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ މަހު ބަލައިގަތް 629 މިލިއަން ރުފިޔާ އަކީ ޖުމްލަ އާމްދަނީގެ 30.69 ޕަސަންޓެވެ.

އެމެރިކާ ޑޮލަރުން މީރާއަށް އެންމެ ގިނައިން ދައްކާފައިވަނީ ޓީޖީއެސްޓީ އެވެ. ޓީޖީއެސްޓީގެ ގޮތުގައި މީރާއަށް ދެއްކި 27.3 މިލިއަން ޑޮލަރަކީ، ޖުމްލަ ޑޮލަރު އާމްދަނީގެ 35.7 ޕަސަންޓެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މީރާއިން ބަލައިގަތް އާމްދަނީ ވަނީ 12.5 ބިލިއަން ރުފިޔާ ހުރަސްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ގާތްގަނޑަކަށް 1.9 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.