Roadha Mihaaru
މާޗް މަހުގެ އާމްދަނީ 26 ޕަސެންޓް ދަށްވެއްޖެ

މާޗް މަހުގެ އާމްދަނީ 26 ޕަސެންޓް ދަށްވެއްޖެ

13 އެޕްރީލް 2020

ކޮވިޑް-19 ގެ ހާލަތާ އެކު މިދިޔަ މާޗް މަހުގެ ދައުލަތަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށް ވެއްޖެ ކަމަށް މީރާއިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 ގެ ހާލަތާ އެކު މިދިޔަ މާޗް މަހުގެ ދައުލަތަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށް ވެއްޖެ ކަމަށް މީރާއިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ އިން ބުނީ، މާޗް މަހު ލިބުނީ 1.11 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށް ވުރެ 20.3 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ ފެބްރުއަރީ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.4 ބިލިއަން ރުފިޔާ އެވެ. މާޗް މަހު ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ މާޗް މަހަށް ވުރެ 26.9 ޕަސެންޓް ދަށް އަދަދެކެވެ.

މީރާ އިން ބުނީ މިދިޔަ މަހުގެ އާމްދަނީ ދަށް ވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކުރުމުގެ ސަބަބުން އެ މުއްދަތުގެ ތެރޭގައި އައިސްފައިވާ ޓެކުހުގެ ސުން ގަޑިތައް ލަސްވުމާއި، މި އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 11.1 ޕަސެންޓަށް ދަށްވުމެވެ.

މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީ އެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 637.67 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ދައުލަތުގެ އާމްދަނީގެ 57.3 ޕަސެންޓެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 131.64 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ބީޕީޓީގެ ގޮތުގައި 81.38 މިލިއަން ރުފިޔާ ލިބުނު އިރު ގްރީން ޓެކުހުގެ ގޮތުގައި 74.04 މިލިއަން ރުފިޔާ ލިބުނެވެ. މި މުއްދަތުގައި އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 59.17 މިލިއަން ރުފިޔާ ލިބުނު އިރު އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވަނީ 128.68 މިލިއަން ރުފިޔާ އެވެ. މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 49.2 މިލިއަން ޑޮލަރު ލިބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީ ކުރިއަށް އޮތް މަސްތަކުގައި ވެސް ވަރަށް ބޮޑަށް ދަށް ވާނެ ކަމަށް ބެލެވެ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ ގައުމުތަކުން އަންނަ މީހުން ހުއްޓި، ރިސޯޓުތަކުގެ އޮޕަރޭޝަން ހުއްޓިފައި އޮތުމެވެ. މި އަހަރުގެ ބާކީ ދުވަސްތަކުގެ ޓޫރިސްޓުން ނާންނަ ނަމަ އިގްތިސާދު މައިނަސް 17 ޕަސެންޓަށް ވެއްޓޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެ އެވެ.